ދެމަފިރިންގެ މެދުގައި މައްސަލަތައް ޖެހުމުގެ އިތުރުން ޢާއިލާގެ ތެރޭގައި މައްސަލަތައް ގިނަވެގެން މަޝްވަރާކުރަން އަންނަ ވަރަށް ގިނަ ފިރިހެނުން ބުނެއެވެ. "އަހުރެންނަކީ ޢާއިލާގެ ބޮލަށްވާއިރު ހުރިހާ ކަމެއްވެސް ވާންޖެހޭނީ އަހުރެން ބޭނުންވާ ގޮތަށް ނޫންހެއްޔެވެ؟"
ޖަވާބުގައި އަހުރެން ބުނަމެވެ. "މިދިމާވަނީ ތިއަ މައްސަލައެވެ. ކައިވެނިކުރުމުން ފިރިމީހާއަކީ ޢާއިލާގެ ބޮލަށްވާކަން ގިނަބައަކަށް އެނގެއެވެ. ނުއެނގެނީ އަނބިމީހާ ޢާއިލާގެ ކަރަށްވާކަމާ ބޭނުންދިމާއަކަށް ބޯއަނބުރުވައިލެވޭނެމެވެ."
އަހުރެންގެ މިބަހުގެ މާނައަކީ ޢާއިލާގައި އުފާވެރިކަމާއި ހަމަޖެހުން ދަމަހައްޓައިދިނުމުގައި އިސްމީހަކީ އަނބިމީހާ ކަމެވެ. އަނބިމީހާއަށް ލިބެންޖެހޭ ހިތްހަމަޖެހުން ހޯދައި ނުދެވޭނަމަ ދިރިއުޅުމަކީ މުޞީބާތަކަށް ބަދަލުކޮށްލުމުގެ ބާރުވެސް އަނބިންނަށް އޮވެއެވެ. އެފަދަ މައްސަލަތައް ކުރިމަތިކުރުވަން ފެށީމާ ފިރިމީހާއަށް ޖެހޭނީ ބޯހޫރުހޫރުވަ ހުންނާށެވެ. އެއްދިމާއަކަށް ނުބެހެއްޓޭނެއެވެ. އެއިރުން އަބަދުވެސް ޖެހޭނީ ހާސްވުމާއި ކަންބޮޑުވުމުގެ ތެރޭގައި ހުންނާށެވެ.
މިކަމަށް އޮތް ޙައްލަކީ ޢާއިލާގެ ބޮލަކީ ފިރިމީހާ ކަމުގައިވެގެން ހުންނަން މަސައްކަތްކުރުމުމެވެ. އެމަޤާމުގައި ހުރެވޭނީ ޢާއިލާގެ ކަރަކީ އަނބިމީހާކަން ޤަބޫލުކޮށްގެންނެވެ. ބޯމިއިނީ އެކަރުގައިކަން ޤަބޫލުކޮށްގެން އުޅުމުންނެވެ. މާނައަކީ ދެމީހުންވެސް އަނެކާގެ ދަރަޖަ ވަޒަންކޮށް އިޙްތިރާމްކޮށްގެން ދިރިއުޅެން މަސައްކަތްކުރުމެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން