ޖަމާޢަތުގައި ނަމާދުކުރާނަމަ އިމާމް މީހާއަސް ތަބައަވާންޖެހޭނެއެވެ. ނޫންނަމަ އިމާމްގެ ފަހަތުގައި ކުރިއަކަށް ނުގެންދެވޭނެއެވެ. ނަމަވެސް އެކަނިހުރެ ނަމާދުތައް، ރަވާތިބް ސުންނަތް ނަމާދުތަކާ އަދި ރޭއަޅުކަން ފަދަ ނަމާދުތަކުގައި ރަކްޢަތް ދިގުކުރުމާއި ފުރިހަމަކުރަން މަސައްކަތްކުރުމަކީ އެމީހެއްގެ އަތްމަތީގައި އޮތްކަމެކެވެ. އެކަމުގެ އިޚްތިޔާރު އެމީހަކަށްވެއެވެ/
މީސްތަކުންނޭވެ! އަހަރެމެންގެ ތެރެއިން ގިނަ ބައަކު ނަމާދުކުރަނީ އަވަސް އަރުވާލައިގެންނެވެ. އެމީހަކަށް ކުރެވުނުހައި އަވަހަކަށެވެ. ކިޔަވަނީ ކިޔެވުނު އެންމެ އަވަހަކަށެވެ. އެއީ ނަމާދުކުރަން އޮތްގޮތެއް ނޫނެވެ. ނަމާދުކުރަންވާނީ ލަސްލަހުންނެވެ. ކިޔަވަންވާނީވެސް ލަސްލަހުންނެވެ.
ބައެއް ޞަޙާބީން ނަމާދުކުރެއްވެވިއިރު އަލްޙަމްދު ވީހައި ފުރިހަމައަށް ކިޔަވަން މަސައްކަތްޕުޅު ކުރެއްވެވުމުގެ އިތުރުން ކޮންމެ އާޔަތެއް ނިންމަވާލެއްވެވުމަށްފަހު އަނެއް އާޔަތް ހިނދުކޮޅަކު މަޑުކޮށްލައްވަވައެވެ. އެއީ ކޮންމެ އާޔަތެއް ކިޔެވުމުން ﷲ ތަޢާލާ އެމީހަކަށް ޖަވާބު ދެއްވަވާތީއެވެ. އެކަމަށްޓަކައި ކުޑަކުޑަ ހިނދުކޮޅަކު މަޑުކޮށްލައްވަވަނީއެވެ. އެބޭކަލުން ވިދާޅުވެފައިވަނީ އެގޮތަށް މަޑުކޮށްލައްވަވަނީ (އާޔަތްތަކުގެ ދޭތެރެ ދުރުކޮށްލައްވަވަނީ) ﷲ ތަޢާލާ ޖަވާބު ދެއްވަވާކަން އިޙްޞާޞްކުރެއްވެވުމަށްޓަކައި ކަމަށެވެ.
(ޝައިޚް ދެން ބަޔާން ކުރެއްވެވީ މިލިޔުމުގެ ތިރީގައިވާ ޙަދީޘްފުޅެވެ.)
މީސްތަކުންނޭވެ! ރުކޫޢާ ސުޖޫދުގައިވެސް ކަލިމަ ކިޔަވާއިރު އަވަސްއަރުވައިނުލާށެވެ! ލަސްލަހުން ކިޔަވާށެވެ! ތެޅިފޮޅި ނުގަންނާށެވެ! އަވަސްއަރުވައިނުލާށެވެ! ތިމާ މުޢާމަލާތު މިކުރަނީ ސީދާ ﷲ ތަޢާލާކަން ހިތްމައްޗަށް ގެންނާށެވެ. ކުރާ ނަމާދު ނަމާދަކަށްވާނީ އެއިރުންނެވެ.
- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން
ފާތިޙާ ސޫރަތް ކިޔަވާ ކޮންމެ ފަހަރަކު އެމީހަކަށް މާތްﷲ ޖަވާބުދެއްވަވާކަން އިނގޭތަ؟
ސޫރަތުލް ފާތިޙާއަކީ ކީރިތި ޤުރްއާނުގެ ސޫރަތްތަކުގެ ތެރެއިން މުސްލިމުން އެންމެ ގިނައިން ކިޔަވާ އެއް ސޫރަތެކެވެ. ކޮންމެ ނަމާދެއްގެ ކޮންމެ ރަކްޢަތެއްގައި ކިޔަވަން ޖެހޭ ސޫރަތެކެވެ. އެ ސޫރަތް ކިޔެވުމާނުލައި ނަމާދު ޞައްޙަ ނުވާ ސޫރަތެކެވެ. ސޫރަތުލް ފާތިޙާ ކިޔަވާ ކޮންމެ ފަހަރަކު އަރަހުށި މާތް ﷲ އެކަލާނގެ އަޅާއަށް އިޖާބަދެއްވަވައެވެ.
އަބޫހުރައިރަތުގެފާނުގެ އަރިހުން އިމާމު މުސްލިމު ރިވާކުރައްވައިފައިވާ ޤުދުސީ ޙަދީޘްފުޅެއްގައިވެއެވެ.
މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވެވިއެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ.
"ތިމަންރަސްކަލާނގެ އާއި ތިމަންރަސްކަލާނގެ އަޅާއާދެމެދު ނަމާދު ދެބަޔަކަށް ބައްސަވައިފީމުއެވެ. ތިމަންރަސްކަލާނގެ އަޅާއަށް އޭނާ އެދެފި އެއްޗެއް ދެއްވާނަމެވެ.
ފަހެ އަޅާ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ ﴿٢﴾އޭ ކިޔާ ހިނދު މާތްﷲ ވަޙީ ކުރައްވައެވެ. ތިމަންރަސްކަލާނގެ އަޅާ ތިމަންރަސްކަލާނގެއަށް ޙަމްދުކޮށްފިއެވެ.
الرَّحْمَٰنِ الرَّحِيمِ ﴿٣﴾ ކިޔާ ހިނދު މާތްﷲ ވަޙީ ކުރައްވައެވެ. ތިމަންރަސްކަލާނގެ އަޅާ ތިމަންރަސްކަލާނގެއަށް ސަނާ ކިޔައިފިއެވެ.
مَالِكِ يَوْمِ الدِّينِ ﴿٤﴾ ކިޔާ ހިނދު މާތްﷲ ވަޙީ ކުރައްވައެވެ. ތިމަންރަސްކަލާނގެ އަޅާ ތިމަންރަސްކަލާނގެ މާތްކޮށްފިއެވެ.
إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ﴿٥﴾ ކިޔާ ހިނދު މާތްﷲ ވަޙީ ކުރައްވައެވެ. މިއީ ތިމަންރަސްކަލާނގެ އާއި ތިމަންރަސްކަލާނގެ އަޅާއާ ދެމެދުގައިވާ ކަމެކެވެ. ތިމަންރަސްކަލާނގެ އަޅާއަށް އޭނާ އެދެފި އެއްޗެއް ދެއްވާނަމެވެ.]
صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ ﴿٧﴾ ކިޔާ ހިނދު މާތްﷲ ވަޙީ ކުރައްވައެވެ. މިއީ ތިމަންރަސްކަލާނގެ އާއި ތިމަންރަސްކަލާނގެ އަޅާއާ ދެމެދުގައިވާ ކަމެކެވެ. ތިމަންރަސްކަލާނގެ އަޅާއަށް އޭނާ އެދެފި އެއްޗެއް ދެއްވާނަމެވެ.]
{صحيح مسلم، كتاب الصلاة، باب وُجُوبِ قِرَاءَةِ الْفَاتِحَةِ فِي كُلِّ رَكْعَةٍ وَإِنَّهُ إِذَا لَمْ يُحْسِنِ الْفَاتِحَةَ وَلاَ أَمْكَنَهُ تَعَلُّمُهَا قَرَأَ مَا تَيَسَّرَ لَهُ مِنْ غَيْرِهَا، ޙަދީޘް ނަންބަރު 395}
މިދެންނެވި ޙަދީޘުން އެނގޭ ގޮތުގައި މި ސޫރަތުގެ ކޮންމެ އާޔަތެއް ކިޔުމުން އެމީހަކަށް އަރަހުށި މާތްﷲ ޖަވާބު ދެއްވައެވެ. ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން މި މަތިވެރި ސޫރަތް ކިޔަވަނީ އެކަން ނޭނގިތިބެއެވެ. ދެން ފަހަރަކުން މި ސޫރަތް ކިޔަވާއިރު މިދެންނެވި ކަންތައްތައް ކިޔާލުމުން ނަމާދަށް އިތުރު ފުރިހަމަ ކަމެއް އަންނާނެކަން ޔަޤީނެވެ.
ޙަވާލާ
1. https://lifeinsaudiarabia.net/do-you-know-what-allah-replies-when-you-recite-surah-fatiha/
2. {صحيح مسلم، كتاب الصلاة، باب وُجُوبِ قِرَاءَةِ الْفَاتِحَةِ فِي كُلِّ رَكْعَةٍ وَإِنَّهُ إِذَا لَمْ يُحْسِنِ الْفَاتِحَةَ وَلاَ أَمْكَنَهُ تَعَلُّمُهَا قَرَأَ مَا تَيَسَّرَ لَهُ مِنْ غَيْرِهَا، ޙަދީޘް ނަންބަރު 395}hu
- ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް