އަޅުކަންކުރުން ގިނަކުރާފަދައިން ކުރެވިފައިވާ ފާފަތައް ފުއްސަވައިދެއްވެވުންއެދިގެން ދެންނެވުން ގިނަކުރުމުން ކުރާނެ ފައިދާތަކުގެ ގިނަކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 8މ 31ސ
އަޅުކަންކުރުން ގިނަކުރާފަދައިން ކުރެވިފައިވާ ފާފަތައް ފުއްސަވައިދެއްވެވުންއެދިގެން ދެންނެވުން ގިނަކުރުމުން ކުރާނެ ފައިދާތަކުގެ ގިނަކަން-

ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ ފާފަފުއްސެވުން އެދި ދެންނެވުމަށްފަހު ދެން އަލުން ދަންނަވަން އޮތީ އަނެއްކާވެސް ފާފައެއް ކުރެވުމުން ކަމަށެވެ. އެގޮތަށް އެވިސްނެނީ ފާފަފުއްސެވުން އެދި ގިނަގިނައިން ދެންނެވުމުގެ މުހިންމު ކަމާއި އެކަމުން ތިމާއަށް ކުރާނެ ފައިދާ ނުއެނގޭތީއެވެ.  

ތިރީގައިވާ ލިޔުން ވިދާޅުވެ މަޢްލޫމާތު މުއްސަނދިކޮށްލައްވާށެވެ!  

ފާފަފުއްސެވުމަށް އެދި ދެންނެވުމަކީ ފާފަތައް ފޮހެވި ސުވަރުގެއަށް ވަދެވުމުގެ ސަބަބެކެވެ. އަދި މުޞީބާތްތައް އެއްކިބާވުމާއި މުދަލާއި ދަރިން އިތުރުވުމުގެ ސަބަބެކެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ. 

﴿فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا * يُرْسِلِ السَّمَاءَ عَلَيْكُم مِّدْرَارًا  * وَيُمْدِدْكُم بِأَمْوَالٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّاتٍ وَيَجْعَل لَّكُمْ أَنْهَارًا﴾  (سورة نوح ١٠-١٢) 

މާނައީ: "ފަހެ ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ފާފަފުއްސެވުމަށްއެދި، ތިޔަބައިމީހުން ދަންނަވާށެވެ. ހަމަކަށަވަރުން އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަމުގައިވެއެވެ. (އޭރުން) އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ބޯކޮށް (ވެހޭގޮތުގައި) ވާރޭ ފޮނުއްވާނެއެވެ. އަދި މުދާތަކާއި، ދަރިންގެގޮތުން، އެކަލާނގެ ތިޔަބައިމީހުންނަށް މަދަދުދެއްވާނެއެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ބަގީޗާތައް ލައްވާނެއެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ކޯރުތައްވެސް ލައްވާނެއެވެ."

އަދި އެއީ ބާއްޖަވެރި ޙަޔާތެއްލިބި ހެޔޮކަންތައްތައް އިތުރުވުމުގެ ސަބަބެކެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. 

﴿وَأَنِ اسْتَغْفِرُوا رَبَّكُمْ ثُمَّ تُوبُوا إِلَيْهِ يُمَتِّعْكُم مَّتَاعًا حَسَنًا إِلَىٰ أَجَلٍ مُّسَمًّى وَيُؤْتِ كُلَّ ذِي فَضْلٍ فَضْلَهُ ۖ وَإِن تَوَلَّوْا فَإِنِّي أَخَافُ عَلَيْكُمْ عَذَابَ يَوْمٍ كَبِيرٍ﴾ (سورة هود ٣)

މާނައީ: "އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ފާފަފުއްސެވުން ތިޔަބައިމީހުން އެދޭށެވެ. އަދި އެއަށްފަހު އެކަލާނގެއަށް ތިޔަބައިމީހުން ތައުބާވާށެވެ. އޭރުން ކަނޑައެޅިގެންވާ އަޖަލުހަމަވެއްޖައުމަށް ދާނދެން ރަނގަޅު ދިރިއުޅުމެއްގައި އެކަލާނގެ ތިޔަބައިމީހުން ލަހައްޓަވާނެއެވެ. އަދި ޢަމަލު އިތުރުކުރި ކޮންމެ މީހަކަށް، އެމީހަކު އިތުރުކުރި ޢަމަލެއްގެ ޖަޒާ (ޤިޔާމަތް ދުވަހުން) އެކަލާނގެ ދެއްވާނެއެވެ. ތިޔަބައިމީހުން ފުރަގަސްދޭނަމަ، ފަހެ ހަމަކަށަވަރުން ބޮޑުވެގެންވާ ދުވަހެއްގެ އަޛާބާމެދު ތިޔަބައިމީހުންގެ މައްޗަށް ތިމަންކަލޭގެފާނު ބިރުފުޅުގަނެއެވެ." 

އަދި އޭގެ ސަބަބުން ބާރު ގަދަވެއެވެ. ހޫދު عليه السلام އެކަލޭގެފާނުގެ ޤައުމުގެ މީހުން ގާތު ވިދާޅުވިއެވެ. 

﴿وَيَا قَوْمِ اسْتَغْفِرُوا رَبَّكُمْ ثُمَّ تُوبُوا إِلَيْهِ يُرْسِلِ السَّمَاءَ عَلَيْكُم مِّدْرَارًا وَيَزِدْكُمْ قُوَّةً إِلَىٰ قُوَّتِكُمْ وَلَا تَتَوَلَّوْا مُجْرِمِينَ﴾ (سورة هود  ٥٢)

މާނައީ: "އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ފާފަފުއްސެވުންއެދި ދަންނަވާށެވެ. ދެން އެކަލާނގެއަށް ތައުބާވާށެވެ. އޭރުން ތިޔަބައިމީހުންގެ މައްޗަށް އުޑުން، ބޯކޮށް ގިނައިން (ވެހޭގޮތުގައި) ވާރޭ ފޮނުއްވާނެއެވެ. އަދި ތިޔަބައިމީހުންގެ ބާރުގެ ތެރެޔަށް ބާރު އިތުރުކޮށްދެއްވާނެއެވެ. އަދި ކުށްވެރިންގެ ގޮތުގައި ތިޔަބައިމީހުން ފުރަގަސްދީ ނުދާށެވެ." 

އަދި އެއީ އުޑުން ރަޙްމަތްފޭބުމުގެ ސަބަބެކެވެ. އެއިލާހު ވަޙީކުރެއްވިއެވެ. 

﴿قَالَ يَا قَوْمِ لِمَ تَسْتَعْجِلُونَ بِالسَّيِّئَةِ قَبْلَ الْحَسَنَةِ ۖ لَوْلَا تَسْتَغْفِرُونَ اللَّـهَ لَعَلَّكُمْ تُرْحَمُونَ﴾ (سورة النمل ٤٦)

މާނައީ: "އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެމީހުންނޭވެ. ތިޔަބައިމީހުން ރަނގަޅުގޮތުގެ ކުރިން، ނުބައިގޮތް އަވަސްކޮށްދިނުމަށް ތިޔައެދެނީ ކީއްވެގެން ހެއްޔެވެ. ތިޔަބައިމީހުންނަށް ރަޙްމަތްލެއްވުމަށްޓަކައި ތިޔަބައިމީހުން ފާފަފުއްސެވުންއެދި، ﷲއަށް ދުޢާނުކުރާނަންހެއްޔެވެ."

ފާފަފުއްސެވުމަށް އެދި ދެންނެވުމަކީ ކުށްތައްފޮހެލާ އަދި ފާފައިގެ ސުންޕާކަމުން ސަލާމަތްކޮށްދޭކަމެކެވެ. ޤަތާދާ ވިދާޅުވިއެވެ: 

"ހަމަކަށަވަރުން ތިޔަބައިމީހުންގެ ބައްޔާއި ބޭހުގެ ދަލީލު މިޤުރުއާނުގައިވެއެވެ. ފަހެ ތިޔަބައިމީހުންގެ ބައްޔަކީ ފާފަކުރުމެވެ. އަދި ތިޔަބައިމީހުންގެ ބޭހަކީ ފާފަފުއްސުވުމަށްއެދި ދެންނެވުމެވެ." 

ނަބިއްޔާ صلى الله عليه وسلم ފާފަފުއްސުވުމަށްއެދި ގިނައިން ދަންނަވާ އުޅުއްވިއެވެ. އަދި އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

((إِنَّهُ لَيُغَانُ عَلَى قَلْبِى وَإِنِّى لأَسْتَغْفِرُ اللَّهَ فِى الْيَوْمِ مِائَةَ مَرَّةٍ)) [رواه مسلم]

މާނައީ: "ހަމަކަށަވަރުން އެ ތިމަންކަލޭގެފާނުގެ ހިތްޕުޅު ފަރުދާކުރެއެވެ. އަދި ހަމަކަށަވަރުން ތިމަންކަލޭގެފާނު ދުވާލަކު ސަތޭކަ ފަހަރު ﷲގެ ޙަޟްރަތުގައި ފާފަފުއްސެވުމަށް އެދި ދަންނަވަމެވެ."1

އަދި އަބޫ މިންހާލު رحمه الله ވިދާޅުވިއެވެ: 

"އަޅަކު އޭނާގެ ޤަބުރުގައި الاستغفار އަށް ވުރެ ހެޔޮއަވަށްޓެރިއަކާއެކު ނުވެއެވެ." (ޢަރަބި ބަހުގައި الاستغفارއަކީ ފާފަފުއްސުވުމަށްއެދި ދެންނެވުމެވެ.)

ފަހެ ކޮންމެ ހިނދެއްގައިވެސް ގިނަގިނައިން ތައުބާވުމާއި ފާފަފުއްސެވުމަށްއެދި ދެންނެވުން އިތުރުކުރާށެވެ. އޭރުން ތިބާގެ ދުނިޔެއާއި އާޚިރަތް އިޞްލާޙުވާނެއެވެ.

_____________________________________

[1] މިޙަދީޘްގައި އެކަލޭގެފާނު ބަޔާންކުރައްވާފައިވަނީ އެހެން އިންސާނުންނަށް މެދުވެރިވާފަދައިން އެކަލޭގެފާނުގެ ހިތްޕުޅަށްވެސް މެދުވެރިވާ ހަނދުމަނެތުމެވެ. އެއީ ﷲ ހަނދުމަކުރުމުންނެވެ. އެކަން މެދުވެރިވެފައިވަނީ މިއުންމަތުގެ ކަންތައްތަކާ މަޝްޣޫލުވެ އުޅުއްވުމުންނެވެ. އެކަލޭގެފާނު އެކަން ދެކިވަޑައިގަންނަވަނީ ނުހަނު ބޮޑުކަމެއްގެ ގޮތުގައެވެ. ބައްލަވާ النهاية لابن الأثير / مجلد: ٢ / ص: ٣٣٥ / طبعة: دار المعرفة 

* މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

 

- ޝައިޚް އިމްރާން މުޙައްމަދު ޢަލީ

 

މިއަދު އޮންލައިން