އަނބިމީހާއަށް ބަދަލުތައް އަންނަ ސަބަބާ ޙައްލުކުރަން ބައްޕަދިން އަގުހުރި ނަޞީޙަތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
އަނބިމީހާއަށް ބަދަލުތައް އަންނަ ސަބަބާ ޙައްލުކުރަން ބައްޕަދިން އަގުހުރި ނަޞީޙަތް-

ދަރިފުޅާއެވެ! ތިބާގެ އަނބިމީހާ ގޭގެ ހުރިހާ މަސައްކަތެއް ކުރެއެވެ. ދަރިން ބަލައެވެ. ތިބާއަށް ބޭނުންވާ ހުރިހާ ކަމެއް ކޮށްދެއެވެ. ރޭގަނޑު ތިބާއަށް އިންތިޒާރުކުރެއެވެ. ހޭލައި އޮއްވާ ގެއަށް ހިނގައްޖެނަމަ ތިބާގެ ހިތް ހަމަޖައްސައިދެއެވެ.  

މިހުރިހާ ކަމެއް އޭނާ ކުރަނީ އޭނާގެ ގައިގެ ބާރުގަދަކަމަކުންނޫނެވެ. ވަރުބަލިނުވާތީއެއްވެސް ނޫނެވެ. އެއީ އޭނާ ކުރަންޖެހޭނެ ކަންކަންކަމަށްވާތީއެވެ. މިހުރިހާ ކަމެއް އޭނާ ކުރީ އެންމެ ކަމަކަށް އެދިގެންނެވެ. އެއީ އެކަންކަމަށް ތިބާ ޝުކުރުވެރިވޭތޯއެވެ. ޝުކުރުވެރިވެ އޭނާއަށް ލޯބިދޭތޯއެވެ.  

އެކަމަކު އޭނާ އެހުރިހާ ބުރަތަކެއް އުފުލާއިރުވެސް ދަރިފުޅަށް އެކަމުގެ ވަޒަނެއް ނުކުރެވުނެވެ. ޝުކުރުވެރިވުމުގެ ބަހެއްވެސް ނުބުނެވުނެވެ. ޝުކުރުވެރިވާކަން ޢަމަލަކުންވެސް ނުދެއްކުނެވެ. އެހެންވެ އޭނާގެ ކެތްތެރިކަން ކޮޅުންލީއެވެ. އޭނާގެ ކަންކަމަށް ބަދަލު އެއަންނަނީ އެހެންވެގެންނެވެ. އެއީ ތިބާދެކެ ރުޅިއަކުން ނޫނެވެ. މާޔޫސްވެގެންނެވެ.  

ދެންވެސް ގެއަށް ގޮސް އެހެން އެއްވެސް ވާހަކައެއް ނުދައްކައި އަނބިމީހާއަށް ތަޢްރީފްކުރާށެވެ. ޝުކުރުވެރިވާކަން ބަހުންނާ ޢަމަލުން ދައްކަންފަށާށެވެ. އޭނާ ބަދަލުވާނެއެވެ. ނަމަވެސް އެކަމަށް ވަޤުތު ނަގާނެއެވެ. ދަރިފުޅަށް ޖެހޭނީ ކެތްތެރިވެލާށެވެ!  

ދަރިފުޅާއެވެ! ދަރިފުޅުގެ އަނބިމީހާއަކީ ހެޔޮލަފާ އަންހެނެކެވެ. އަޅުވެރިއެކެވެ. އަންތބަކު ލިބިދާނެއެވެ. ނަމަވެސް ހެޔޮލަފާ، އަޅުވެރި އަންހެނަކު ލިބޭނީ ވަރަށް މަދު ބައަކަށެވެ. އަހުރެމެންނަށް މިވާގޮތަކީ އެކަން ނުވިސްނެނީއެވެ. ވީމާ ފުރަތަމަކަމަކަށް އަނބިމިހާއަށް ޝުކުރުވެރިވާން ފަށާށެވެ. އެއީ އަތުން ޚަރަދެއްވެސް ކުރަންޖެހޭ ކަމެއް ނޫނެވެ. ވީމާ އެކަން ކުރުމަކީ ބުރައަކަށްވާންޖެހޭނެ ސަބަބެއް ނެތެވެ. އެކަން ނުކުރާނަމަ ލޯބި ދާނީ ހީނަރުވަމުންނެވެ. ދަރިފުޅަށް ކުރިމަތިވެގެން ތިއައުޅެނީ އެކަމެވެ. ޥީމާ އަވަހަށް ދެމީހުންގެ ގުޅުން "މަރާމާތުކުރަން" މަސައްކަތް ފަށާށެވެ!  

މިއީ އަނބިމީހާއަށް ބަދަލުތަކެއް އަންނާތީ އެކަންކަމަށް ކެތްނުކުރެވިގެން ބައްޕައާއި މަޝްވަރާކުރުމުން ބައްޕަދިން ނަޞީޙަތެވެ. މިނަޞީޙަތަށް ވިސްނައި ޢަމަލުކޮށްފި މީހަކަށް އަބަދުވެސް އުފަލުގައި ހުރެވޭނެއެވެ. އިން ޝާ ﷲ

 

- މިއަދުނޫސް

މިއަދު އޮންލައިން