ކިތަންމެ ގާތް މީހަކުދިނަސް ބޭހަށް ފަރުވާތެރިވާންޖެހިއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 53ސ
ކިތަންމެ ގާތް މީހަކުދިނަސް ބޭހަށް ފަރުވާތެރިވާންޖެހިއްޖެ!

ޕާޓީޑްރަގްތައް ފަދަ ބޭސްތަކަށް ގިނަ ބައަކު ބިރުގަނެ ސަމާލުކަންދެއެވެ. ބުނެލަން އޮތީ އެވަރުން މިއަދު ފުއްދައިލެވެނެތްކަމެވެ. "މިބޭސް ރަނގަޅުވާނެ" ކަމަށް ބުނެ މީހުން ދޭ ބޭހަށްވެސް ސަމާލުވާން އެބަޖެހެއެވެ.  

އެކުވެރިއަކު ދިން ބޭހެއް ކައިގެން ލިބުނު ބޮޑުދެރައެއްގެ ވާހަކަ ދާދިފަހުންވެސް ވަނީ އަޑުއިވިފައެވެ. އޭނާ ބުނިގޮތުން ބޭހުގެ ޕެކިންގގައި ހުރިލިޔުމާއި ބޭހުގެ އަޞްލާއި ތަފާތެވެ. އެކަން އެނގުނީ ބޭސްކެއުމުން އާދައާއި ޚިލާފް އުނދަގޫތަކެއްވާން ފެށުމުންނެވެ. ބޭހުގެ އަޞްލުބޭސް ކައިގެން އެފަދަ އުނދަގޫތަކެއް ނުވާނެކަމަށް ޑޮކްޓަރުބުނުމުންނެވެ.  

މިފަދަ މައްސަލަތައް މަދުންނަމަވެސް ކުރިމަތިވަމުން އަންނާތީ އެދެނީ ތިރީގައިވާ ލިޔުން ވިދާޅުވެލައްވައި ހޭލުންތެރިކަން އިތުރުކުރެއްވުމެވެ.  

ބޭހަކީ އެއިގެ އަސްލަށް ބަލައިފިނަމަ ފަރުވާ ހޯދަން ބޭނުންކުރާއެއްޗެކެވެ. ނަމަވެސް ހުރިހާ ކަމަކަށް ނުރަނގަޅު ކަންކަން ވަންނަމުން އައިސް ބޭހަށްވެސް އެކަން ފޯރައިފިއެވެ. ބަލައިލާއިރު ޕެބަޑޯލް ގުޅައެކެވެ. ނަމަވެސް އަޞްލަކީ މަސްތުކުރުވާ އެއްޗެކެވެ.  

"އަޅުގަނޑުގެ ލޯބިވެރިޔާ އަޅުގަނޑުމެންގެ ގެއަށް އައިސް އުޅެއެވެ. އެއްދުވަހަކު އަޅުގަނޑުގެ ބޮލުގައި ރިއްސަން ފެށުމުން ބަލައިލިއިރު އަތުގައި ޕެންޑޯލް ނެތުމުން ކުރިމަތީ ފިހާރައިން 2 ގުޅަ ޕެނަޑޯލް ގަނެދިނުމަށް އެދުނީމެވެ. ގެނެސްދިން ބޭސް ކައިގެން އޮށޯވެލިތަނުން ނިދިއްޖެއެވެ. ހޭލެވުނީ އަނެއް ދުވަހު ހެނދުނުއެވެ. ހޭލެވުނުއިރު ފޯނެއް ނެތެވެ. އަޅަންގެންގުޅުނު ރަން ފަށެއްވެސް ނެތެވެ. ދަބަހުގައިވެސް އަލަމާރީގައިވެސް އެންމެ ރުފިޔާއެއްވެސް ނެތެވެ. ލޯބިވެރިޔާއަށް ގުޅުމުން ދެނެހުރިކަމަކަށްވެސް ނުހެދިއެވެ. އަޅުގަނޑުމެންގެ ގެއަކީ ދުވަހަކުވެސް މިބާވަތުގެ ކަމެއް ހިނގި ގެއެއް ނޫނެވެ.  

އަޅުގަނދަށް ލިބުނު ދެރައެއް ލިބުނީއެވެ. އެކަމުގައި އަޅުގަނޑުގެވެސް ކުށް އެބައޮތެވެ. އެއީ ބަލަންވީ ވަރަށް ނުބަލައި މީހަކު ގެއަށް ވެއްދުނީތީއެވެ. ކަމަކުވެސް ކިޔުނީތީއެވެ. އަޅުގަނޑު ބޭނުންވަނީ މިބާވަތުގެ ދެރައެއް އެހެން މީހަކަށް ލިބުނަ ނުދިނުމަށްޓަކައި މިބާވަތުގެ ކަންކަމަށް މީހުން ހޭލުންތެރިކަން އިތުރުކުރުވޭނެ ލިޔުމެއް ލިޔެދެއްވުމެވެ."  

ކިޔުންތެރިޔާއަށް ދަންނަވާލަން އޮތީ މިހާރުވެސް މިގެންދަނީ ތިއަބާވަތުގެ މައްސަލަތަކަށް ކިޔުންތެރިންގެ ހޭލުންތެރިކަން އިތުރުކުރުވަން މަސައްކަތް ކުރަމުންނެވެ. ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!  

ފިރިމީހާ ގެއަށް އައުން ލަސްވާތީ އާއި ފިރިމީހާގެ އަޅާލުން ނުލިބޭތީ އެކަންކަމަށް ވިސްނަން ހަދައިގެން އަނބިމީހާ ބަލިވާންފެށިއެވެ. ފިރިމީހާ އޭނާ ގޮވައިގެން ގޮސް ޑޮކްޓަރަކަށް ދެއްކިއެވެ. ޑޮކްޓަރަކީ އަންހެން ޑޮކްޓަރެކެވެ. ބައެއް މީހުން ބުނާ ގޮތުން އެ ޑޮކްޓަރަކީ ނަފްސާނީ ބަލިމީހުންނަށް ބޭސްކުރަން ވަރަށް މޮޅު ޑޮކްޓަރެކެވެ.  

ދިން ބޭސް ބޭނުންކުރަން ފެށުމުން ގިނަ ވަގުތު އޮންނަން ޖެހެނީ އެނދުގައެވެ. ތެދުވެއްޖެނަމަ ބޯއެނބުރުން ފަދަ ކަންކަން މެދުވެރިވެއެވެ. އެހެންވެ އޭނާ އެބޭސް ބޭނުންކުރަން ބޭނުމެއް ނުވިއެވެ. ނަމަވެސް ފިރިމީހާ ދިއައީ ބޭސް ބޭނުންކުރަން މަޖުބޫރުކުރުވަމުންނެވެ.  

އަނބިމީހާ އެދެމުން ދިއައީ ބޭސް ބަދަލުކުރުމަށެވެ. ނުވަތަ އެހެން ޑޮކްޓަރަކަށް ދެއްކުމަށެވެ. ފިރިމީހާ އޭނާ ގެންގޮސް ދެއްކީ ހަމަ ކުރިންވެސް ދެއްކި ޑޮކްޓަރަށެވެ. ޑޮކްޓަރު ބުނީ މިހާރު އޭނާގެ ޙާލު ވަރަށް ބޮޑުތަނުން ރަނގަޅުކަމަށާއި ބޭސް ދެގުނައަށް މަތިކުރަންވީ ކަމަށެވެ. 

އެދުވަހު ޑޮކްޓަރާއި ފިރިމީހާ އެކަކު އަނެކަކަށް ކަޅިއެޅިގޮތުން އަނބިމީހާއަށް ޝައްކުތަކެއްވިއެވެ. އަދި ގެއަށް އައުމަށްފަހު ބޭސް ނުކައިހުރެ ކާކަމަށް ބުނެ ދޮގުހަދަންފެށިއެވެ. އަދި ޝައްކުތައް ފިލުވަން މަސައްކަތް ކުރަންފެށިއެވެ.  

ޙަޤީޤަތް ހާމަވީ ފިރިމީހާގެ ފޯނުންނެވެ. ފިރިމީހާ އާއި ޑޮކްޓަރަކީ ދެލޯބިވެރިންނެވެ. ބޭސްދެމުން ގެންދަނީ އަނބމީހާ މަރާލުމަށެވެ. އަނބިމީހާ މަރުވުމުން އަނބިމީހާގެ ތަނަވަސްކަމަށް ވެރިވެގަތުމުގެ ބޭނުމުގައެވެ.  

އެހިސާބުން ވަކީލެއްގެ އެހީތެރިކަން އަނބިމީހާ ހޯދިއެވެ. ދީފައިހުރި ބޭސް ޓެސްޓްކޮށްބެލިއިރު ބޭރުގައި ލިޔެފައިވާ ލިޔުމާއި ބޭހުގައި ހިމެނޭ އިންގްރިޑިއަންޓްސް ދިމައެއް ނުވެއެވެ. އެހެންކަމުން މަކަރުވެރި ރޭވުން ފަޅާއެރިއެވެ.  

ބޭސްހުސްވެއްޖެކަމަށް ބުނެ ޑޮކްޓަރަށް ދެއްކުމުން ދިނީ ހަމަ އެބޭހެވެ. ބޭސްކާޑު އަތަށް ދިއްކޮށްލިވަގުތު ދޮރުހުޅުވާފައި ފުލުހުން ވަނެވެ. ޑޮކްޓަރާއި ފިރިމީހާގެ އަތުގައި ބިޑިއަޅުވައިގެން ގެންދިއައެވެ. ތަޙްޤީޤަށްފަހު ކޯޓަށް މައްސަލަ ފޮނުވުމުން ޤަޞްދުގައި މީހަކު މަރާލަން މަސައްކަތްކުރިކަމުގެ ކުށް ދެމީހުންގެ މައްޗަށް ސާބިތުވިއެވެ.  

މިއީ އެމެރިކާގެ ލޮސް އެޖަލްސްގައި މިއަހަރުގެ ޖޫންމަހު ހިނގާފައިވާ ކަމެކެވެ. އަޅުގަނޑުގެ ބޭނުމަކީ މިމައްސަލަ މިއަދުނޫހުގެ ކިޔުންތެރިންގެ ސަމާލުކަމަށް ގެނައުމެވެ. މިފަދަ ކަންކަން ހިނގާނީ ވަކި ޤައުމެއްގައެއް ނޫނެވެ. ކޮންމެ ޤައުމެއްގައިވެސް ހަމަ ހިނގާނެއެވެ. ހިނގާ ގޮތް ތަފާތުވެދާނެއެވެ.  

ވީމާ ބުނެލަން ބޭނުންވަނީ ޑޮކްޓަރުދޭ ބޭހެއް ކައިގެން އިތުރަށް އުނދަގޫވާނަމަ އެކަން އަވަހަށް ޑޮކްޓަރަށް އަންގަންވާނެއެވެ. އެންގުމުން ދޭ ބޭހުންވެސް ބަދަލެއް ނާންނަނަމަ ދެވަނަ ޑޮކްޓަރެއްގެ ލަފާވެސް ހޯދަންވާނެއެވެ.  

ރާއްޖޭގެ މިހާރުގެ ޙާލަތަށް ބަލައިފިނަމަ ދަރިވައްޓަން ބޭނުންކުރާ ބޭސްފަދަ މަނާ ކިތަންމެ ބޭހެއް ރާއްޖެއަށް އެތެރެކޮށްގެން ގެންގުޅޭއިރު އަސްލު އޮޅުވާލާފައިވާ ބޭސްވެސް ނުގެންގުޅޭނެ ކަމަށް ޔަޤީންކޮށްގެން ނުވާނެއެވެ. ބަލަންވާނީ ތަހްޒީބުވެފައިވާ ޤައުމުތަކުގައި ހިނގާ ކަންކަން ހަމަ ހުރިހާ ޤައުމެއްގައިވެސް ހިނގާނެ ކަމަށެވެ.

ބޭސް ކެއުމުން އިތުރަށް އުދަގޫވާނަމަ ކަންބޮޑުވާންވީ ބޭހުގެ އަސްލާއިމެދުގަ އެކަންޏެއް ނޫނެވެ. ރާއްޖޭގައި މީހުން މަރަން ބޭސްނުދީފާނެއެވެ. ނަމަވެސް ޙަޤީޤަތް އޮޅުވާލައިގެން މަސްތުކުރުވަން "ފެންޓަސީ، އެކްސްޓަސީ" ބޭސް އެބަދެއެވެ. ދާދިފަހުން އެނގުނު ކަމެއްވެސް ކިޔައިދޭނަމެވެ. 

އެކުވެރި ބައެއްގެ ދައުވަތަކަށް އަޅުގަނޑުގެ އެކުވެރިއަކު ކާންދިއައީ ކޮންމެވެސް ވަރަކަށް ރޯގާ ޖެހިގެންހުރެއެވެ. ކާން އިންދައި ބޮލުގަ ރިއްސަން ފެށީމައި ޕެނަޑޯލް ކަމަށްބުނެ ދެގުޅަ ބޭސް ދިނެވެ. ކައިލިތާ ކުޑައިރުކޮޅެއްފަހުން އޭނާގެ ހޭވެރިކަން ފިލިއެވެ. އެޙާލަތުން އަނިޔާއެއް ނުލިބި އޭނާއަށް ސަލާމަތްވެވުނީ ހަމައެރެސްޓޯރަންޓުގައި އެވަގުތު އޭނާގެ އަވަށްޓެރި ބައަކު ތިބީތީއެވެ.  

ދިން ބޭހާއިމެދު ޝައްކު އުފެދުނީ "އެއިގެ ޕެނަޑޯލް ކާޑެއް" ދޭން އެދުމުން ދޭނެކަމަށް ބުނެ ނުދިނުމުންނެވެ! ތަކުރާރުކޮށް ދޮގުހެދުމުންނެވެ. ވީއިރު މިފަދަ އެތައް ހާދިސާތަކެއް ކޮންމެ ދުވަހަކުވެސް ހިނގާނެކަމަށް މިއޮތީ ބަލަންޖެހިފައެވެ. ފަށަމުން މިކިޔައިދިން ވާހަކަ ކިޔާފައި މިކަންކަން ޙިއްޞާކޮށްލަން ބޭނުންވީއެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާއެއް ކުރާނެ ކަމަށް އުންމީދުކުރަމެވެ.

 

- ނަސީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

މިއަދު އޮންލައިން