އަޅުގަނޑުމެން ކުޑައިރު އުޅުނީ އެގޭގައެވެ. މަންމަ ބުނެފައި އޮތީ އެއީ ކާފަގެ ގެކަމަށާއި ބިން ރަޖިސްޓްރީކޮށްދީފައި އޮތީ މަންމައަށްވެސް ބިމުން ލިބޭ ގޮތަށް ކަމަށެވެ. ރަޖިސްޓްރީ އޮތީ މަންމަގެ ބޭބެގެ އަތުގައެވެ. ރަޖިސްޓްރީއެއް ނުދެކެމެވެ.
މަންމަ މަރުވިތަނާހެން އަހުރެމެން ގެއިން ނެރެލައިފިއެވެ. އެއިރު ދެއްކީ ފަހުން ހަދާފައި އޮތް ރަޖިސްޓްރީއެކެވެ. އެރިޖިސްޓްރީގައި އޮތީ ބޭބެގެ ނަން އެކަންޏެވެ. އަޅުގަނޑުމެން ބޮޑުވެގެން ހޯދަން އުޅެވެސް ކުރީގެ ރަޖިސްޓްރީ އެއްވެސް ތަނަކުން ނުފެނުނެވެ. އެހެންވެ މިތިބީ ކުރެވޭނެ ކަމެއް ނެތިފައެވެ.
މިއި ކިޔުންތެރިއަކު ފާހަގަކުރައްވާފައިވާ މައްސަލައެކެވެ. ކިޔުންތެރިޔާ ފާހަގަކުރައްވާ މައްސަލައަކީ ދިމާވާ މައްސަލައެކެވެ. އެދެނީ ތިޜިގައިވާ ލިޔުން ވިދާޅުވެލެއްވުމެވެ.
ތިމާއަށް ބާރެއް ލިބުމުން ނުވަތަ ބާރާ ނުފޫޒުގެ ބޭނުންކޮށްގެން އަދި ރިޝްވަތުދީގެންވެސް މީސްތަކުންގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ މީހުން ބައިވަރެވެ. އެއިގެ ތެރޭގައި ދީނުގެ ކަންކަން ތިމާއަށް އެނގޭކަމަށް ބުނާ މީހުންވެސް އެބައުޅެއެވެ.
ފަނޑިޔާރުކަން އޮތުމުން ބިމާއި އެއްވެސް ގުޅުމެއް ނެތް މީހެއްގެ އަތުން ބިން ގަތްކަމަށް ހަދައި ބިމަށް ވެރިވެގެންފައިވާ ބިންތައްވެސް މިމާލޭގައިވެސް އެބަހުއްޓެވެ. ދޮގު ހެކި ހުށަހަޅައިގެންނާއި ރިޝްވަތުދީގެން ބިންތައް އަތުލައިގެން އުޅޭ މީހުންވެސް އެބައުޅެއެވެ.
(مَنْ أَخَذَ شِبْرًا مِنَ الْأَرْضِ ظُلْمًا، طُوِّقَهُ إِلَى سَبْعِ أَرَضِينَ) މާނައީ: "ބޭއިންސާފުން މީހެއްގެ ބިމަކުން ބައެއްނެގިމީހާގެ ކަރުގައި (ޤިޔާމަތް ދުވަހުން) ހަތްބިން އެޅުވޭ ހުއްޓެވެ".
ޝައިޚް ޢަބްދުއްރަޙީމް ބިން މުޙައްމަދުގެ މިލިޔުއްވުން ވިދާޅުވެލައްވާށެވެ!
ހިޝާމް ބިން ޢުރްވާ އެކަލޭގެފާނުގެ ބައްޕާފުޅުގެ ކިބައިން ރިވާކުރައްވައެވެ. އަރްވާ ބިންތި އުވައިސް ޞަޙާބީ ބޭކަލެއްކަމަށްވާ ސަޢީދު ބިން ޒައިދު ރަޟިޔަﷲ ޢަންހުއާއި މެދުގައި އެކަލޭގެފާނުގެ އެކަނބުލޭގެ ބިމުން ބައެއް އެކަލޭގެފާނުގެ ބިމަށް އިތުރުކޮށްފައިވާ ކަމަށް ދަޢުވާކޮށްފިއެވެ. އަދި ޚަލީފާ މަރުވާން ބިން ޙަކަމްގެ އަރިހަށް އެމައްސަލަ ހުށައަޅައިފިއެވެ. އެމައްސަލަ ހުށައެޅުމުން ސަޢީދު ބިން ޒައިދު ރަޟިޔަﷲ ޢަންހު ދެންނެވިއެވެ.
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން މިބަސްފުޅު އިވުމުންވެސް ތިމަންކަލޭގެފާނު އެކަމަނާގެ ބިމުން ބައެއް ނަގާފައެވެ.(ނެގީހެއްޔެވެ؟) އެކަލޭގެފާނަށް ދެންނެވުނެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން އަޑުއެހީ ކޮންބަސްފުޅެއްތޯއެވެ؟ ދެންނެވިއެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާތީ އަޑުއެހީމެވެ.
(مَنْ أَخَذَ شِبْرًا مِنَ الْأَرْضِ ظُلْمًا، طُوِّقَهُ إِلَى سَبْعِ أَرَضِينَ) މާނައީ: "ބޭއިންސާފުން މީހެއްގެ ބިމަކުން ބައެއްނެގިމީހާގެ ކަރުގައި (ޤިޔާމަތް ދުވަހުން) ހަތްބިން އެޅުވޭ ހުއްޓެވެ".
މަރުވާން ދެންނެވިއެވެ. މިއަށްފަހު ހެއްކަކަށް ނާހާނަމެވެ.
އެޔަށްފަހު ސައީދު ބިން ޒައިދު ރަޟިޔަﷲ ޢަންހު ދެންނެވިއެވެ. އެކަމަނާ ދޮގުހަދާނަމަ، އެކަމަނާގެ ލޮލުގެ ފެނުން ގެންދަވައި އެބިން އެކަމަނާގެ ޤާތިލެއްކަމުގައި ލައްވާށިއެވެ.
ދެން ލޯ އަނދިރި ވުމަށްފަހު އަދި އެއްރެޔަކު އެތަނުގައި އުޅެނިކޮށް އެތާހުރި ވަޅުގަނޑަކަށް ވެއްޓުމަށްފަހު ފަހުގައި މެނުވީ އެކަމަނާ މަރުނުވެއެވެ.
އެހެން ރިވާޔަތެއްގައި އައިސްފައިވެއެވެ.
ރާވީ ދެންނެވިއެވެ. "ތިމަންނާ އެކަމަނާ ލޯއަނދިރިވެފައި ހުއްޓާ ދުށީމެވެ. އަދި ފާރުގައި ހިފަހައްޓައިގެން ހުރެ ހިނގަމުން އެކަނބުލޭގެ ކިޔައެވެ. ތިމަންނާއަށް ސަޢީދުގެ ބަދު ދުޢާމިވަނީ ޖެހިފައެވެ. އަދި އެއްރެޔަކު ގޯތިތެތެރޭގައި އުޅެނިކޮށް އެތާހުރި ވަޅަކަށް ވެއްޓި ނިޔާވީއެވެ."
(މަޞްދަރު: ޙިލްޔާ، ޞަޙީޙް މުސްލިމްގައި މިދެރިވާޔަތް އައިސްފައިވެއެވެ. 138 އަދި 139ވަނަ ޙަދީޘް)
އަބޫ އައްދަރުދާ ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ: "އަނިޔާ ލިބިފައިވާ މީހާގެ ދުޢާގެ މައްޗަށް ސަމާލުވާށެވެ. އެދުޢާ އަލިފާންކަނިތަކެއް އަރައިގެންދާ ފަދައިން ﷲގެ ޙަޟްރަތަށް ދެއެވެ."