ކޮންމެ މުސްލިމަކުވެސް އަޅުކަންކުރަނީ ބުރަމަސައްކަތުންނެވެ. އެކަމަށް ވަޤުތުތަކެއްވެސް ހޭދަކޮށްގެންނެވެ. އެތައް ބުރަތަކެއް އުފުލައިގެންނެވެ. އެހައި ބުރައުފުލައިގެންވެސް އަޅުކަންކުރަނީ އެކަމުގެ ފައިދާ ޤިޔާމަތް ދުވަހު ތިމާއަށް ކުރާނެ ކަމުގެ އުންމީދުގައެވެ. ސުވަރުގެ ދެއްވެވުން އެދިގެންނެވެ.
އެމީހާ ކުރި އަޅުކަން ޤިޔާމަތް ދުވަހު ޙިސާބު ބައްލަވާ ވަޤުތުގައި ބާޠިލްވެގެންދާތަން ފެނުމަކަށް ހަމައެކަކުވެސް ނުއެދޭނެއެވެ. އެހެންކަމުން އަޅުކަންކުރަން ބުރަ މަސައްކަތްކުރިފަދައިން ކުރި އަޅުކަން ބާޠިލްވުމުން ސަލާމަތްކުރަން ވެސް ގަދައަޅައި މަސައްކަތްކުރަން ޖެހޭނެއެވެ. ތިމާއަށް ނަރަކައަށް ވަންނަން ޖެހެނީ އަޅުކަންކުރެވުނު ގޮތުން ކަމަށް ވިޔަނުދިނުމަށްޓަކައެވެ.
އަބޫހުރައިރާ رضي الله عنه ރިވާކުރައްވާފައިވާ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ.
މާނައީ: "ހަމަކަށަވަރުން ޤިޔާމަތް ދުވަހުން އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނީ ޝަހީދުވި މީހެއްގެއެވެ. އޭނާ ﷲ ގެ ޙަޟްރަތައް ގެންނަވާނެތެވެ. ދެން އޭނާއަށް ދެއްވުނު ނިޢުމަތްތައް ހަނދާންކޮށްދެވޭނެއެވެ. އަދި އެކަން އެނާ ހަނދާންވާނެއެވެ. އޭނާއަށް ޤިޔާމަތް ދުވަހުން ސުވާލު ކުރެވޭނެތެވެ. އެ ނިޢުމަތްތަކާމެދު ތިބާ ކަންތައްކުރި ގޮތަކީ ކޮބާ ހެއްޔެވެ؟ އޭނާ ޖަވާބު ދޭނެއެވެ. މިއަޅާ ޝަހީދުވަންދެން އިބައިލާހުގެ މަގުގައި ހަނގުރާމަ ކުރީއެވެ. އޭނައަށް ބުނެވޭނެއެވެ. ތިބާ ތިހެދީ ދޮގެވެ. އެހެނެއްކަމަކު ތިބާ ހަނގުރާމަކުރީ ތިބާ ތިޔައީ ބަޠަލެކޭ ނުވަތަ ކެރޭ މީހެކޭ މީސްތަކުން ބުނުމަށްޓަކައެވެ. ފަހެ ހަމަކަށަވަރުން އެހެން ބުނެވިއްޖެއެވެ. އަދި އަމުރު ކުރައްވާނެތެވެ. އޭނާ މޫނުވަތަށް ދަމާ ކޫތާފައި ނަރަކައަށް އެއްލާލެވޭނެއެވެ.
އަދި އޭނާ ޢިލްމު ދަސްކޮށް ހަދަތެވެ. އަދި އެ ޢިލްމު އުނގަންނައިދެއެވެ. އަދި ޤުރުއާން ކިޔަވައިދީ އުޅުން ޤާރީއެކެވެ. ދީނީ މީހުންގެ ޝަރަފެވެ. އޭނާ ﷲ ގެ ޙަޟްރަތައް ގެންނަވާނެތެވެ. ދެން އޭނާއަށް ދެއްވުނު ނިޢުމަތްތައް ހަނދާންކޮށްދެވޭނެއެވެ. އަދި އެކަން އެނާ ހަނދާންވާނެއެވެ. އޭނާ އަށް ޤިޔާމަތް ދުވަހުން ސުވާލު ކުރެވޭނެތެވެ. ދުނިޔޭގައި ލިބުނު ޢިލްމުން ކުރީ ކޮން ކަމެއް ހެއްޔެވެ. އޭނާ ޖަވާބު ދޭނެތެވެ. މި އަޅާ ޢިލްމު އުނގެނުނީމެވެ. އަދި ކިޔަވައިދީ ހެދީމެވެ. ޤުރުއާން ވެސް ކިޔަވާ އުޅުނީމެވެ. ﷲ އަންގަވާނެތެވެ. ތިބާ ތިޔަހެދީ ދޮގެކެވެ. ތިބާ ޢިލްމު ދަސްކުރީ ދެއްކުމަށެވެ. މީސްތަކުން ޢިލްމުވެރިއެކޭ ބުނޭތޯއެވެ. އަދި ޤުރުއާން ކިޔެވީވެސް ދެއްކުމަށެވެ. ތިބާ ތިޔައީ ޤާރީއެކޭ ބުނޭތޯއެވެ. ފަހެ ހަމަކަށަވަރުން އެހެން ބުނެވިއްޖެއެވެ. އަދި އަމުރު ކުރައްވާނެތެވެ. އޭނާ މޫނުވަތަށް ދަމާ ކޫތާފައި ނަރަކައަށް އެއްލާލެވޭނެއެވެ.
އޭނާއަށް ތަނަވަސްކަމުގެ ނިޢުމަތް ދެއްވުނު މީހެކެވެ. އޭނާ ﷲ ގެ ޙަޟްރަތައް ގެންނަވާނެތެވެ. ދެން އޭނާއަށް ދެއްވުނު ނިޢުމަތްތައް ހަނދާންކޮށްދެވޭނެއެވެ. އަދި އެކަން އެނާ ހަނދާންވާނެއެވެ. އޭނާއަށް ސުވާލު ކުރެވޭނެތެވެ. ތިބާ އެމުދަލުން ކުރީ ކޮން ކަމެއް ހެއްޔެވެ. އޭނާ ޖަވާބު ދޭނެތެވެ. މިއަޅާ އެ މުދަލުން ޞަދަޤާތްކުރީއެވެ. އިބަ އިލާހަށް ޓަކައެވެ. ﷲ އަންގަވާނެތެވެ. ތިބާ ތިޔަ ހެދީ ދޮގެކެވެ. ތިބާ އެކަން ކުރީ ދީލަތި މީހެކޭ ބުނޭތޯއެވެ. އަދި އަމުރު ކުރައްވާނެތެވެ. ފަހެ ހަމަކަށަވަރުން އެހެން ބުނެވިއްޖެއެވެ. އަދި އަމުރު ކުރައްވާނެތެވެ. އޭނާ މޫނުވަތަށް ދަމާ ކޫތާފައި ނަރަކައަށް އެއްލާލެވޭނެއެވެ."
މިއީ ކަން އޮތްގޮތްކަމުގައިވީނަމަވެސް އަޅުގަނޑުމެންގެ މިއަދުގެ ޙާލަތާއިމެދު ކޮންމެ މީހަކުވެސް އަމިއްލަ އަށް ވިސްނައިލުން ރަނގަޅެވެ. މިބަޔާންކުރެވުނު ޙަދީޘްފުޅު ބަޔާންކުރެއްވުމާއިއެކު އަލްއަޚް މިދުޙަތު އިރުފާން ވިދާޅުވެފައިވެއެވެ.
" އިންސާނުންގެ ކިބައިގައި ދެއްކުންތެރިކަމުގެ ސިފަވެއެވެ. އަދި އެބައި މީހުންނަކީ ޝައިޠާނާގެ ކެހިވެރި މަޅިތަކުގައި ޖެހޭލެއްވެސް އަވަސް ބައެކެވެ. ނަމަވެސް ކޮންމެ މުސްލިމަކުވެސް ބޭނުންވާނީ ސަލާމަތްތެރިކަމެވެ. ސުވަރުގެއެވެ. އެތަނުގެ އުފަލާއި އަރާމެވެ. ހެޔޮ މަރެކެވެ. ދާއިމަށް ސުވަރުގޭގައި ވުމެވެ. މި ހުރިހާ ކަމެއް ބޭނުންވާއިރު އެކަމަށް ހުރަސްއަޅާ މި ވައިރަސް، ‘ދެއްކުންތެރިކަން’ އަޅުކަންތަކުގެ ތެރެއަށް ވައްދަނީ ކީއްވެބާއެވެ؟ އަޅާ ކުރާ ހެޔޮ ޢަމަލުތަކަށް ދެއްކުންތެރިކަން ވަދެއްޖެނަމަ އެ ޢަމަލެއް ﷲ ޤަބޫލެއް ނުކުރައްވާނެއެވެ. އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ އަޅުކަންތައްތައް ކުރާއިރު އޭގެ ތެރެއަށް ކުޑަ ޝިރުކު ވަދެދާނެ ކަމަށް ބިރުވެތިވާން ޖެހެއެވެ.
މިޒަމާނަކީ އެކަކު އަނެކެއްގެ ސަމާލުކަން ހޯދުން ގިނަ ޒަމާނެކެވެ. މަޝްހޫރުވާން ބޭނުން މީހުން ގިނަ ޒަމާނެކެވެ. ބައެއް މީހުންގެ އެމީހުންގެ ޙަޔާތް ވޭތުކުރަނީ މަޝްހޫރުވުމުގައެވެ. ނުވަތަ ދެއްކުންތެރިކަމުގައެވެ. އެކި މީހުން އެކި ކަންކަމުގައެވެ. ބައެއް މީހުން އަދާކުރާ އަޅުކަންތައް ވެސް މިހާރު ފަރުމާކޮށްފައި ހުންނަނީ މީސްތަކުން ރުއްސުމަށް ނުވަތަ ލޯބިވާ މީހަކަށް ދައްކާށެވެ. ނުވަތަ ބަޔަކު ހިތްހަމަޖެހޭ ގޮތަކަށެވެ.
ދެއްކުންތެރިމުގެ ސަބަބުން މީހާގެ އަމިއްލަ ނަފްސަށްވެސް ކަންކަން އޮޅޭ ހިސާބަށްދެއެވެ. ރެއާއި ދުވާލު އެތައް އިރެއް ވަންދެން އަޅުކަންކުރަނީ މީހުން އޭނާއަކީ އަޅުވެރިއެކޭ ބުނުވަންކަމުގައި ވަނީނަމަ އޭނާ އެކުރާ އަޅުކަމަކީ ވިދު ތޮރުފާފައި ހުރި ފެން ހަރުނުލާ ފުޅިއަކަށް ފެން އެޅުން ކަހަލަ ކަމެކެވެ. ގިނަ ހެޔޮ ޢަމަލުތައް ކޮށްފައި ނަތީޖާއަށް ބަލާއިރު އޭނާގެ ނަތީޖާއަކީ ސުމަކަށް ވެއްޖެނަމަ އޭނާގެ ޙާލު ނިކަން ވިސްނާލާށެވެ. މިތަނުގައި މި ޛިކުރު ކުރާ ޙަދީޘުން މިކަމުގެ ނުރައްކާތެރިކަން އިތުރަށް ދެނެގަނެވޭނެއެވެ.
ދުޢާއަކީ، ދެއްކުންތެރިކަމުގެ އެންމެހާ ޢަމަލުތަކުން ﷲ ތަޢާލާ އަޅަމެން ރައްކާތެރިކޮށްދެއްވުމެވެ! އާމީން.