މިވާހަކަކޮޅު މިދައްކަނީ އެކަމުން ކުރާ އަސަރުގެ ބޮޑުކަމުންނެވެ. އެންމެ ބޮޑަށް އަސަރުކުރަނީ އެކަން ނުކުރަން މިހާގިނައިން ބުނެދެވޭއިރުވެސް އަޑުނުއިވޭ ބައަކު އުޅޭތީއެވެ. ދެން އެންމެ ބޮޑަށް އަސަރުކުރަނީ އެކަންކުރުމުން އެމީހަކަށް ﷲ ތަޢާލާ ރުހިވޮޑިނުގެން ދެއްވަވައިފާނެ ޢަޛާބަށް ބިރުވެތިނުވާތީއެވެ.
އެކަން ނުކުރަން މިތަނުގައި ހުރެ މިބުނަނީ އަހުރެންނެވެ. އެކަމަކު ކީރިތި ޤުރްއާނުގައިވެސް ﷲ ތަޢާލާ ވަނީ ހަމަ މިވާހަކަތައް ބަޔާންކުރައްވަވައިފައެވެ. ވީމާ އަހުރެން މިކުރާކަމަކީ ﷲ ތަޢާލާގެ ވަޙީބަސްފުޅު ހަނދުމަކޮށްދިނުމެވެ.
އަހުރެން މިދައްކަނީ މައިންބަފައިންނަށް ހަރުކަށި، ނުބައި ބަސްތައް ބުނުމުގެ ވާހަކައެވެ. ﷲ ތަޢާލާ އަންގަވާފައިވަނީ އެމީހުންނަށް "ޢުފް" ވެސް ނުބުނުމަށެވެ. މާނައަކީ އެމީހުންނަށް ނުރުހި ކިތަންމެ ކުޑަ ބަހެއްވެސް ނުބުނުމެވެ.
މިގޮތަށްވެސް ވިސްނައިލާށެވެ! ތިބާއަށް ވާހަކަަ ދައްކަން ދަސްކޮށްދިނީ ކާކުހެއްޔެވެ؟ ހަމަ ޔަޤީނުންވެސް އެކަންކުރަނީ މަންމައެވެ. ތިބާއަށް ވާހަކަ ނުދެއްކޭއިރުވެސް ލޯބިން ތިބައާއި ވާހަކަ ދައްކަނީ މަންމައެވެ. ވާހަކަ ދެއްކުން ފެށުމުންވެސް ދަސްކޮށްދެނީ ހަމައެމަންމައެވެ.
ދެން ނިކަން ބުނެބަލާށެވެ! އެމަންމައަށް ނުބައި ބަސްތައް ބުނަން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟ މައިންބަފައިންނަށް ނުބައިބަސް ބުނާނަމަ އެކަން އެކުރެވެނީ ﷲ ތަޢާލާގެ އަމުރުފުޅަށް ގޮނަޖަހައި ޖަދަލުކޮށްފައެވެ. އަދި މަންމަ ތިބާއަށް ވާހަކަދައްކަން ދަސްކޮށްދިނުމުން އެކަމަށް ޝުކުރުވެރިނުވެ އެކަންވެސް ބޮލާލައި ޖަހާފައެވެ.
ލޮބުވެތި ދަރިންނޭވެ! ދީނުގެ ކަމަކަށް އުރެދެން މައިްނަބަފައިން ބުނިނަމަ އެކަން ބަލައިގަނެގެނެއް ނުވާނެއެވެ. އެކަން ކޮށްގެނެއްވެސް ނުވާނެއެވެ. އެކަމަކު އެޙާލަތުގައިވެސް އެމީހުންނާއި މުޚާޠަބްކުރަންވާނީ އޯގާތެރިކަމާއިއެކުގައެވެ. ރިވެތިބަހުރުވައިންނެވެ. ޤުރްއާނާއި ޙަދީޘްފުޅުތަކުން ފެންނަން އޮތީ މިގޮތެވެ.
ދުޢާއަކީ ދިރިންނަށް ހެޔޮ ވިސްނުން ދެއްވެވުމެވެ. މައިންބަފައިންގެ ހިތުގައި ޖެހޭނެ ކިތަންމެ ކުޑަ ބަހެއް ނަމަވެސް ނުބުނާ ބައަކު ކަމުގައިވުމެވެ. އާމީން
- އިސްލާމީ ތިލަފަތުގެ ދަރުސަކުން