ދޮގުވާހަކަދައްކައި ފަތުރާ މީހުން ހުއްޓުވަން އުޅޭމީހަކު ވާނީ ހަލާކު! އެންމެ ފައިދާކުރާނީ އެކަމުން ދެއްވަވާނެ ޘަވާބަށް އިންތިޒާރުކޮށް ކެތްތެރިވެލީމަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ދޮގުވާހަކަދައްކައި ފަތުރާ މީހުން ހުއްޓުވަން އުޅޭމީހަކު ވާނީ ހަލާކު! އެންމެ ފައިދާކުރާނީ އެކަމުން ދެއްވަވާނެ ޘަވާބަށް އިންތިޒާރުކޮށް ކެތްތެރިވެލީމަ!

ކޮންމެ މީހަކާއިވެސް ނުރުހޭ ބައަކު ތިބޭނެއެވެ. ރުހިގެން އުޅެފަ ބަދަލުވާ މީހުންވެސް އުޅޭނެއެވެ. ބަދަލުވެފަ ތިބާއާއި ބެހޭގޮތުން ދޮގުވާހަކަ ފަތުރާ މީހުންނާ ފަހަތުން ޙަމަލާދޭނެ މީހުން ވަރަށް ގިނަވާނެއެވެ. އެއީ ހުއްޓުވޭނެ ކަމެއް ނޫނެވެ.  

ބުއްދިވެރިންނަކީ އެކަމަށް ނުވިސްނައި އަޅައިވެސް ނުލާ މީހުންނެވެ. އެމީހުން އެކުރާ ކަންކަމަށް ޖަވާބުދާރީވާންޖެހޭނެ ދުވަސް އަންނާނެއެވެ. އެކަންކަމުގެ ބަދަލު އެދުވަހުން ﷲ ތަޢާލާ ދެއްވަވާނެއެވެ. ކެތްތެރިވެލަންވީ އެދުވަހަށެވެ. އެމީހުން ކުރި ނުޙައްޤު ކަންކަމަށް ތިބާއަށް ޘަވާބު ދެއްވަވާނެ ދުވަހަށެވެ.

ހަނދާންކުރާށެވެ! ދޮގުވެރިން ދޮގުހަދާނެއެވެ. އެމީހުންގެ ކިބައިން ރަނގަޅެއް ޙާޞިލެއް ނުކުރެވޭނެއެވެ. އަދި އެފަދަ މީހަކު ތިބާއަށް ރަނގަޅަށް ކަންކަން ކުރަން މަޖުބޫރެއްވެސް ނުކުރެވޭނެއެވެ. ކިތަންމެ ބޮޑަށް ހެޔޮކޮށް ހިތިނަމަވެސް އެމީހުންގެ ަޞްލު ބަދަލެއްވެސް ނުކުރެވޭނެއެވެ. އެމީހުން ބަދަލުވާނީ އެމީހުންނަށް ކުރެވޭ ކުށް ވިސްނި އަމިއްލައަށް ބަދަލުވިއްޔާއެވެ.  

އެއީ ހަމައެކަނި މިއަދު އެކަން އޮތްގޮތެއް ނޫނެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައިވެސް މުނާފިޤުން އުޅުނެވެ. ވާހަކަ ހިފައިގެން ހިނގާ މީހުންވެސް އުޅުނެވެ. ދޮގުވާހަކަތައް ފަތުރާ މީހުންވެސް އުޅުނެވެ. އެއިގެ ތެރެއިން ބަދަލުވީ ރަނގަޅު ގޮތް ވިސްނި ތައުބާވި މީހުން އެކަންޏެވެ. ވީމާ މީހަކު ތިބާއާއިމެދު އެފަދަ ކަންކަން ކުރާނަމަ އެމީހަކަށްޓަކައި ހެޔޮދުޢާކުރާށެވެ. އެކަމަށް ތިބާއަށް ޘަވާބު ދެއްވަވާނެތެވެ.  

އަހުރެންގެ ނަޞީހަތަކީ ތިބާއާއިމެދު ގޯސްކޮށް ކަންކަންކުރާ މީހުންނާއިމެދު އެއްވެސް ވަރަކަށް ކަންބޮޑުނުވެ އެމީހުން ކުރާ ކަންކަން ކުރަން ދޫކޮށްލުމެވެ. އެއިރުން ތިބާއަށް ދެއްވަވާނެ ދަރުމަ ލިބިގަންނަން މަސައްކަތްކުރުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން