ފަށްކުރުމެއް-: އަޅުކަންނުކުރި މުއްސަނދިންނަށް ޤިޔާމަތްދުވަހު ކުރައްވަވާނެ ސުވާލު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 19ސ
ފަށްކުރުމެއް-: އަޅުކަންނުކުރި މުއްސަނދިންނަށް ޤިޔާމަތްދުވަހު ކުރައްވަވާނެ ސުވާލު-

ދެން ނިދާ އިއްވަވާހުށީ މުއްސަނދި މީހުންނަށެވެ. މިއުރެންނަށް ދެއްވާފައިވާ نِعْمَة ތަކާއި މެދުގައި حساب ބެއްލެވުމުގައި މިއުރެން ފަސްސަތޭކަ އަހަރަށް ފަސްވެތިބޭހުއްޓެވެ. މިއުރެނަށް عَقْدُ ކުރައްވާހުށީ ކުލަކުލައިގެ ދިދައެކެވެ. މިދިދަދެއްވާ ހުށީ سَيِّدنَا سُلَيْمَان ގެފާނަށެވެ. ދެން އެކަލޭގެފާނު އެއުރެނާއިގެން ކަނާތްފަރާތަށް ޖެހިވަޑައި ގެންފާ ހުއްޓެވެ. 

حَديث ކުރެއްވިޔޭ. محشر ގެ ميدان ގައި ހަތަރުބަޔަކާމެދުގައި ހަތަރުބެއިކަލަކުގެ ކިބައިން ހެކި ދައްކަވާނެތެވެ. އެއީ، މުއްސަތިކަމާއި نِعْمَة ތަކުގެ ވެރީންގެންނަވައި وَحِى ކުރައްވާހުއްޓެވެ. ތިޔަބައިމީހުނަށް މާތްރަސްކަލާނގެކިބަޔަށް އަދާކުރަންވީ އަޅުކަންތައް ފިއަވައި، مَشْغُول ވެގެން އުޅުނީ ކޮންކަމަކާއި ހުރެ ހެއްޔެވެ. އެއުރެން ދަންނަވާނެތޭ. އަޅަމެނަށް ދެއްވި މުދައުތަކާއި نِعْمَة ތަކާއިގެން مَشْغُول ވެގެންތިބެވުނީއެވެ. ރަސްކަމާއި ވެރިކަމާއިގެން قَائم ވެ ތިބޭން ހަދައިގެން އެކަންކަން ދޫވެވުނީއެވެ. ދެން وَحِى ކުރައްވާ ހުއްޓެވެ. 

سُلَيمَان ގެފާނާއި ތިޔަބައިމީހުނާއި ކުރެން ވެރިކަމާއި نعمة ބޮޑުވެގެންވަނީ ކާކުހެއްޔެވެ. އެއުރެން ދަންނަވާނެތޭ. سُلَيمَان ގެފާނުންގެ ވެރިކަމާއި نعمة ވަނީ މާބޮޑުވެގެންނެވެ. وَحِى ކުރައްވާހުއްޓެވެ. 

އެކަލޭގެފާނަކަށް އެކަންކަމަކުން ދައްޗެއްވެ އެފަދަ ކަންތައް ދުލެއް ނުކުރެއެވެ. ދެން ބަލާތަކާއި، ބަލިމަޑުކަން ޖެހިގެންވާ މީސްތަކުންގެންނަވައި އެއުރެންގެ ކުރިމައްޗަށް سَيِّدنَا اَيُّوبُ ގެފާނު ގެންނަވައި ހެކިދައްކަވާނެތެވެ. 

ރީތި ޒުވާނުންނާއި، މީހުންގެ އަޅުން ގެންނަވައި އެއުރެންގެ ކުރިމައްޗަށް سَيِّدنَا يُوسُف ގެފާނުގެންނަވައި ހެކިދަންނަވާނެތެވެ. فَقِير ންނާއި مِسْكِيْن ން ގެންނަވައި، އެއުރެންގެ ކުރިމައްޗަށް سَيِّدنَا عِيسَى ގެފާނު ގެންނަވައި ހެކިދައްކަވާނެއެވެ. ފަހެ عِيسَى ގެފާނީ رَسُولُ ބޭކަލުންގެތެރެއިން فقير ކަމާއި زَاهد ކަން ބޮޑުވެގެންވާ ބޭކަލެކެވެ. صحّ حديث ގައިވެޔޭ. عِيسى ގެފާނަށް އެއްވެސް އެއްޗެއް مِلْك ވެގެން ނުވެއެވެ. ކެހެރި ފޭރާމުގެ جُبَّة އެއް ވިހިއަހަރު ވާދެންވެސް ގެންގުޅުއްވިއެވެ. އެކަލޭގެފާނުން ވިދާޅުވެޔޭ. ތިމަންކަލޭގެފާނުންގެ ސަވާރީއަކީ ދެފަޔެވެ. ގޭގެއަކީ ފަރުބަދަތަކުގެ ހޮހަޅުތަކެވެ. ކާނާއަކީ ފަތްޕިލާވެލިތަކެވެ. ބުއިމަކީ އާރުތަކުގެ ފެނެވެ. ފަހެ މަތީގައި މިނަންގަތް ހަތަރުކަމުންކުރެ ކަމަކުން ބަލާޖެހިފައިވާމީހާ މިހަތަރުބެއިކަލުން ހަނދާންކޮށްގެން ރަގަޅަށް ކަލާނގެ ކިބައަށް ބިރުވެތިވެ އުޅޭހުށިކަމެވެ. ބާވައިލެއްވި صُحْف ތަކުގެ ތެރެއިން ބައެއް صحف އެއްގައި ވެޔޭ. އޭ އާދަމުގެ ދަރިޔާއެވެ. ކަލޭގެ ދިރިދުނިޔޭގައި އުޅޭހިނދުގައި، ކުރާހާ عمل ތަކަށް ހެވަސް ނުބަޔަސް قِيَامَة ދުވަހުން ޖަޒާލިބޭހުއްޓެވެ. 

- ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ " اللَّمْعَةُ الظَّاهِرَة- ޤިޔާމަތުގެ ވާހަކަ" ފޮތުން

މިއަދު އޮންލައިން