ޚުޠުބާ: ފަހުދިހަ ބައްދަލުކުރަނީ! އެއްހާސް މައްސަރަށްވުރެ މާތްކަންބޮޑު ރޭގެ ދަރުމަ ލިބިގަންނަން ހިތްވަރު އިތުރުކުރައްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 11މ 29ސ
ޚުޠުބާ: ފަހުދިހަ ބައްދަލުކުރަނީ! އެއްހާސް މައްސަރަށްވުރެ މާތްކަންބޮޑު ރޭގެ ދަރުމަ ލިބިގަންނަން ހިތްވަރު އިތުރުކުރައްވާ!

މުސްލިމް އަޚުންނޭވެ! ރަޙުމަތުގެ މައްސަރު އަހަރެމެންނާ ވަކިވުމުގެ ވަގުތު ކުޑަތަންވަނީއެވެ. ކުރެވުނު ހެޔޮ ޢަމަލުތަކާ މެދު ވިސްނައި އިތުރަށް ހެޔޮ ޢަމަލުކުރުމުގައި ދެމިތިބުމަށް ކުރެވޭން ހުރީ ކޮން ކަންތަކެއްތޯ ބަލާށެވެ!

އަހަރެމެންނާ މި ބައްދަލުކުރަނީ މި ބަރަކާތްތެރި މައްސަރުގެ ފަހު ދިހައިގެ ދުވަސްތަކެވެ. އަހަރުގެ ތެރޭގައި މައްސަރުތަކާއި ދުވަސްތަކާއި ރޭތައް ﷲ تَعَالَى ވަނީ ޚާއްޞަކުރައްވައިފައެވެ.

އެ ގޮތުން ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހަކީ ހެޔޮ ކަމާއި މާތްކަމުގެ ގޮތުން އެންމެ މާތް ދިހަ ދުވަހެވެ. އެންމެ ހެޔޮ ރޭތަކަކީ ރަމަޟާންމަހުގެ ފަހު ދިހައިގެ ރޭތައްކަމުގައި ލެއްވިއެވެ. އަދި އޭގެ ތެރޭގައި އެއް ހާސް މައްސަރަށް ވުރެ ހެޔޮ ކަން ބޮޑު ލައިލަތުލްޤަދުރި ލެއްވިއެވެ. އެ ރޭ ކީރިތި ޤުރްއާން ބާވައިލެއްވިއެވެ.

މުސްލިމް އަޚުންނޭވެ! ލޮބުވެތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ރަމަޟާންމަހުގެ ފަހު ދިހައިގެ ރޭތަކުގައި الله سبحانه وتعالى އަށް ކުއްތަންވެވަޑައިގެން  އަޅުކަންކުރެއްވުމުގައި އިތުރަށް ހީވާގިވެވަޑައިގަތެވެ. أُمُّ الْمُؤْمِنِيْنَ عَائِشَة رَضِيَ اللهُ عَنْهَاގެ އަރިހުން ރިވާވެގެންވެއެވެ. (كَانَ رَسُوْلُ اللهِ z يَـجْتَهِدُ فِيْ الْعَشْرِ الْأَوَاخِرِ مَا لَا يَـجْتَهِدُ فِيْ غَيْرِهِ).[1]  މާނައީ: "ކީރިތި ރަސޫލާ z އަޅުކަންކުރެއްވުމުގައި، އެ ނޫން ރޭތަކަށް ވުރެ ބޮޑަށް ފަހު ދިހައިގައި އަޅުކަންކުރެއްވުމުގައި ގަދައަޅުއްވައި މަސައްކަތްޕުޅުކުރައްވައެވެ."

މުސްލިމް އަޚުންނޭވެ! ތިމާގެ އަމިއްލަ ނަފުސަށް އެދޭ ހެޔޮ ކަން ތިމާގެ އަހުލުންނަށް އެދުމަކީ އިސްލާމްދީނުގައި ނުހަނު ބާރުއަޅުއްވައިފައިވާ ކަމެކެވެ. އަހަރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ އެކަލޭގެފާނުގެ ޢަމަލުފުޅުން އެ ކަން އުންމަތަށް  ދައްކަވައިދެއްވައިފައެވެ. أُمُّ الْمُؤْمِنِيْنَ عَائِشَة رَضِيَ اللهُ عَنْهَاގެ އަރިހުން ރިވާވެގެންވެއެވެ. (كَانَ رَسُولُ اللهِ z إِذَا دَخَلَ الْعَشْرُ أَحْيَا اللَّيْلَ، وَأَيْقَظَ أَهْلَهُ، وَجَدَّ، وَشَدَّ الْمِئْزَرَ).[2]  މާނައީ: "ރަސޫލު اللَّهِ ޞައްލަﷲ ޢަލައިހިވަސައްލަމަ ރަމަޟާންމަހުގެ ފަހު ދިހަ އައުމުން ހުރިހައި ރެއެއް އިޙުޔާކުރައްވައެވެ. އަދި އެކަލޭގެފާނުގެ އަހުލުވެރީން އަޅުކަންކުރެއްވުމަށް އަވަހާރަފުޅުން ނަންގަވައެވެ. އަދި އެކަލޭގެފާނު ކަމަރުކޮޅުބަންނަވައި އަޅުކަންކުރެއްވުމުގައި އިތުރަށް، ހީވާގިވެވަޑައިގަންވައެވެ." ރަމަޟާންމަހަކީ އަޅުކަމުގެ މައްސަރުކަމަށް ވާތީ ރޭ އަޅުކަންކުރުން ގިނަކުރުމަށް ހިތްވަރުދެއްވައި ރަސޫލު اللهِ z ޙަދީޘްކުރައްވައިފައި ވެއެވެ. (مَنْ قَامَ رَمَضَانَ إِيْمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ).[3]   މާނައީ: "އީމާންކަމާ އެކު، ސަވާބަށް އެދޭ ޙާލުގައި ރަމަޟާންމަހު ރޭ އަޅުކަންކޮށްފި މީހާ ދަންނާށެވެ! ފަހެ، އޭނާގެ އިސްވެދިޔަ ފާފަތައް ފުއްސެވޭހުއްޓެވެ."  

މުސްލިމް އަޚުންނޭވެ! ރަމަޟާންމަހު ފަހު ދިހައިގެ ރޭތަކަކީ ކާއިނާތުގެވެރި اللهُ سُبْحَانَهُ وَتَعَالَىގެ ރަޙުމަތާއި ފުއްސެވުމާއި ރުއްސެވުމާއި ދިންނެވުން، އޭގެ އިންތިހާއަށް އަޅުތަކުންނަށް ދެއްވާނެކަން އަންގަވައިފައިވާ ރޭތަކެކެވެ. ވީއިރު އެ ރޭތަކުގެ މާތްކަމާއި ދަރުމަ ލިބިގަތުމަށް މަސައްކަތްކުރުމަކީ ސުވަރުގެ އެދޭ ކޮންމެ މީހަކު ކުރާންޖެހޭނޭ ކަމެކެވެ. ރަމަޟާންމަހުގެ ފަހު ދިހައިގެ ރޭތަކުގައި ލައިލަތުލްޤަދުރި ހޯދުމަށް މަސައްކަތްކުރުމާ ބެހޭ ގޮތުން اِبْنُ عُمَر رَضِيَ اللهُ عَنْهُمَاގެ އަރިހުން ރިވާވެގެން ވެއެވެ. (أَنَّ رِجَالًا مِنْ أَصْحَابِ النَّبِيِّ z  أُرُوْا لَيْلَةَ الْقَدْرِ فِي الْمَنَامِ فِي السَّبْعِ الْأَوَاخِرِ، فَقَالَ رَسُولُ اللهِ z: أَرَى رُؤْيَاكُمْ قَدْ تَوَاطَأَتْ فِي السَّبْعِ الْأَوَاخِرِ، فَمَنْ كَانَ مُتَحَرِّيَهَا، فَلْيَتَحَرَّهَا فِي السَّبْعِ الْأَوَاخِرِ).[4] މާނައީ: "މާތްނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަޞްޙާބުން ކުރެ ބައެއް ބޭކަލުންނަށް (ރަމަޟާންމަހު) ފަހު ދިހައިގެ ހަތްރެއިން ރެއެއްގައި، ހުވަފެންފުޅުގައި ލައިލަތުލްޤަދުރި ދެއްކެވުނެވެ. ފަހެ، (މި ކަން އެނގިވަޑައިގެން) ރަސޫލު اللَّهِ ޙޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "ތިޔަބޭކަލުންނަށް، ފަހު ދިހައިގެ ހަތް ރެއިން ރެއެއްގައި އެއް ކަހަލަ ހުވަފެންފުޅެއް ފެނިވަޑައިގަތްކަމުގައި ތިމަންކަލޭގެފާނު ދެކެވަޑައިގަންނަވަމެވެ. ފަހެ، އެރޭ ލިބިގަތުމަށް އެދޭ މީހާ، ފަހު ދިހައިގެ ހަތްރޭ ގަދައަޅައި މަސައްކަތްކުރާ ހުށިކަމެވެ." ފަހު ދިހައިގެ ހަތްރޭގެ ތެރޭގައި اللهُ سُبْحَانَهُ وَتَعَالَى އެ ރެއެއްގެ މާތްކަން އެއްހާސް މައްސަރުގެ ހެޔޮ ކަން ލައްވައިފައިވާ ލައިލަތުލްޤަދުރި ހިމެނެއެވެ. މާތް ﷲ  ވަޙީކުރައްވައިފައި ވެއެވެ. މާނައީ: "ليلةالقدر ވިލޭރޭ، އެއް ހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ. ملائكةންނާއި، جبريلގެފާނު އެބޭކަލުންގެ ވެރިރަސްކަލާނގެ إذنފުޅާ އެކު، ހުރިހައި أمرފުޅަކާއިގެން އެ ރޭ ފައިބައިވަޑައިގަންނަވާނެތެވެ. އެއީ فجرގެ އަލިކަން ފާޅުވެއްޖައުމަށްދާންދެން، أمانކަމާއި، ސަލާމަތްކަން ލިބިގެންވާ ރެޔެކެވެ." އެ ރޭ ލިބިގަތުމަށް އެދޭ މީހާ ކަންކުރާންވީ ގޮތުގެ ވާހަކަ ވެސް ނަބަވީ އިރުޝާދުތަކުން ވަނީ އަންގަވައިދެއްވައިފައެވެ. أُمُّ الْمُؤْمِنِيْنَ عَائِشَة رَضِيَ اللهُ عَنْهَاގެ އަރިހުން ރިވާވެގެންވެއެވެ. (أَنَّ رَسُوْلَ اللهِ z قَالَ: تَـحَرَّوْا لَيْلَةَ الْقَدْرِ فِي الْوِتْرِ مِنَ الْعَشْرِ الْأَوَاخِرِ مِن رَّمَضَانَ).[5] މާނައީ: "ހަމަކަށަވަރުން، ރަސޫލު اللهِ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުން ރަމަޟާންމަހުގެ ފަހުދިހައިގެ އޮނަހިރި ރޭތަކުގައި ލައިލަތުލްޤަދުރި ލިބިގަތުމަށް، ގަދައަޅައި މަސައްކަތްކުރާހުށިކަމެވެ." ލައިލަތުލްޤަދުރިއަކީ އަށްޑިހަ ތިން އަހަރާއި ގާތްގަނޑަކަށް ހަތަރު މަސްދުވަހު މާތް ﷲއަށް އަޅުކަން ކުރުމުގައި ދެމިހުރި މީހަކަށް ލިބޭ ސަވާބާއި ދަރުމަ އެންމެ ރެއަކުން ލިބޭ ރެއެކެވެ. ވީ އިރު، މި ދަރުމައާއި ސަވާބު ޙާޞިލުވޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ!  

ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ރަމަޟާންމަހު ފަހު ދިހައިގެ ރޭތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންހިފާ ބަޔަކުކަމުގައި އަޅަމެން ލައްވާނދޭވެ! 

މުސްލިމް އަޚުންނޭވެ! ރަމަޟާންމަހަކީ ދީލަތިކަމުގެ މައްސަރެވެ. ހޭދަކުރުމުގެ މައްސަރެވެ. ވީ އިރު ފަހު ދިހައިގެ ދުވަސްތަކުގައި ހޭދަކުރުމާއި ޞަދަޤާތްކުރުން ގިނަކުރާށެވެ! މުސްލިމުންގެ މައްޗަށް ފަރުޟުކުރައްވައިފައިވާ ފިޠުރު ޒަކާތް ނެރުމަށް ސަމާލުކަންދީ އެ ކަމަށް އަވަސްވާށެވެ! ފިޠުރު ޒަކާތް ނެރުމަކީ ކޮންމެ މުސްލިމަކުމެ ކުރާންޖެހޭނޭ ކަމެކެވެ. ޢީދު ވިލޭރެއާއި ޢީދު ދުވަހު ޚަރަދުކުރާނެ މިންވަރު ހުރެ އިތުރަށް ހުރި އެއްޗަކުން ތިމާ ޚަރަދުދީ ބަލަހައްޓާ މީހުންނާއި ތިމާގެ އަމިއްލަ ނަފުސުގެ މަތީން ފިޠުރު ޒަކާތް ނެރުން ވާޖިބުވެގެންވެއެވެ. އެއީ ބޮލަކަށް ޞާޢެއްގެ މިންވަރެވެ. މި ޒަމާނުގެ ގޮތުން ނަމަ އެއީ، ދެ ކިލޯ ހަތަރު ސަތޭކަ ގުރާމެވެ.

މުސްލިމް އަޚުންނޭވެ! މިއަދު އިސްލާމީ އުންމަތް ހޭދަކުރަމުން މިދަނީ އުންމަތުގެ ތާރީޚުގައި ފާހަގަކޮށްލެވޭ ފަދަ ނުރައްކާތެރި ދުވަސްތަކެއްގެ ތެރޭގައެވެ. އިސްލާމީ އުންމަތުގެ ދުޝްމަނުން، މި އުންމަތް ބަލިކަށިކޮށް ބައިބައިކޮށްލުމަށް އެ ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އުންމަތުގެ ކަންކޮޅުތަކުގައި ލޭއޮހޮރުވައިލައި، އިސްލާމީ ޤައުމުތަކުގެ މެދުގައި ބައިބައިވުން އުފެއްދުމަށް ކުރަމުންދާ މަސައްކަތް މި ދަނީ ފެންނަމުންނެވެ. މި ޙާލަތުގައި އިސްލާމީ އުންމަތް އެއްބައިވަންތަވެ އަޚުވަންތަ ބަޔަކަށްވާންޖެހެއެވެ. އުންމަތުގެ ސަފުތައް ބަދަހިކުރާންޖެހެއެވެ. އިސްލާމީ މަތިވެރި ޢަޤީދާގައި ސާބިތުވާންޖެހޭނެއެވެ. މުޞީބާތާއި ނުރައްކާތެރިކަންކަމުގެ ކުރިމަތީގައި ކެތްތެރިކަން އިސްކޮށް ޙިކުމަތްތެރިވާންޖެހޭނެއެވެ. އިސްލާމީ އުންމަތަށް ނަޞްރެއްލިބޭނީ އުންމަތް އެކަތިގަނޑަކަށްވެގެންނެވެ. ބައިބައިވެއްޖެ ނަމަ އުންމަތް ބަލިކަށިވެދާނެއެވެ.

އެކުވެރި ޒުވާނުންނޭވެ! އުންމަތުގެ މުސްތަޤުބަލަށް ޓަކައި، އިސްލާމީ ޙަޟާރަތު އަލުން އިޢާދަކުރުމަށް އަދުގެ ޒުވާން ޖީލު އިޚުލާޞްތެރިކަމާ އެކު ޢަޒުމް ކަނޑައަޅާންޖެހެއެވެ. ރަމަޟާން މަހަކީ ނަޞްރާއި ފަތަޙައިގެ މައްސަރެވެ. ރަމަޟާން މަހަކީ ތަރުބަވީ މަދުރަސާއެކެވެ. މިއީ ޒުވާނުންގެ ނަފްސުތައް ތަރުބިޔަތު ކުރަން އޮތް ރަނުގެ ފުރުޞަތެކެވެ. މައިންބަފައިން ތިޔަ ޒުވާނުންނާ މެދު ކުރަމުން އަންނަ އުންމީދުތައް ޙަޤީޤަތަކަށް ހަދަން މުރާލިކަމާ އެކު ތެދުވާށެވެ! ތިޔަ ޒުވާނުންނަކީ އިސްލާމީ ޢަޤީދާގައި ސާބިތުވެ ތިބި ހެޔޮލަފާ ޚުލްޤު ރަނގަޅު ބަޔަކަށް ވާށެވެ! މަސްތުވާތަކެއްޗާއި ދުންފަތުގެ އިސްތިޢުމާލުކުރުމާއި ނޭއްގާނީ ޢަމަލުތަކުން އެއްކިބާވާށެވެ! ޖަމާޢަތުގައި ނަމާދު ކުރުމަށް ފަރުވާތެރިވާށެވެ! ރިވެތި އަޚުލާޤުން ޒީނަތްތެރިވާށެވެ! ޢިލްމާއި ފިކުރީ ގޮތުން ކުރިއަރައިދާން މަސައްކަތްކުރާށެވެ! މިއީ ޢިލްމުގެ ޤަރުނެވެ. އިސްލާމީ ސަޤާފަތާއި ޙަޟާރަތު އިޢާދަވެ މުސްލިމުންނަށް ޢިއްޒަތާއި ޝަރަފު ލިބޭނީ، އިސްލާމީ ޢަޤީދާ ވަރުގަދަކޮށް، ދެ ޖިންސުގެ މުސްލިމު ޒުވާނުން ޢިލްމާއި ފަންނިއްޔާތުގައި ކުރިއަރައިގެންނެވެ. ރަމަޟާންމަހަކީ އަހަރެމެންގެ ވިސްނުމާއި ފިކުރު ހެޔޮމަގަށް ގެންނާން އޮތް އެންމެ ހެޔޮ ވަގުތެވެ. ޢަޒުމު ވަރުގަދަ ބަޔަކަށް ވަމާ ހިނގާށެވެ!

މިއަދު އޮންލައިން