ދަރިން ރަނގަޅުގޮތުގަ ތަރުބިއްޔަތުނުކޮށްފަ ޒަމާނާ މާޙަލުގެ ބޮލުގަ އެޅުވުމަކީ ސަލާމަތްވެވެން އޮތް ސަބަބެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 34ސ
ދަރިން ރަނގަޅުގޮތުގަ ތަރުބިއްޔަތުނުކޮށްފަ ޒަމާނާ މާޙަލުގެ ބޮލުގަ އެޅުވުމަކީ ސަލާމަތްވެވެން އޮތް ސަބަބެއް ނޫން!

ދަރިން ގޯސްމަގުން ދިއުމުން "މިޒަމާނުގެ ކުދިން އުޅޭގޮތް" ކަމަށް ބުނެ ނިންމައިލެވޭނީ ކިހިނަކުން ހެއްޔެވެ؟ މިސްކިތްތަކުގައި އިމާމްވެ ނަމާދުތަކާއި ހުކުރުނަމާދުވެސް ކުރަމުން އެގެންދަނީ ހަމަ މިޒަމާނުގައި ތިބި ކުދިން ނޫންހެއްޔެވެ؟ ހަމަ ތިބާގެ ދަރިންވެސް ކިޔަވާ ސްކޫލްތަކުން ކިޔަމުން ނޫން ހެއްޔެވެ؟ ނޫނީ އެކުދިން އެއުޅެނީ އެހެން ޒަމާނެއްގައި ހެއްޔެވެ؟  

ކޮންމެ ނުބައި ކަމެއް ކޮށްފައި ފަހުޒަމާނުގެ ބޮލުގައި އެކަން އަޅުވައި ތިމާއަށް ރެކެވޭނެކަމަށް ދެކެމުންގޮސް ދަރިން ބަލަހައްޓައި ތަރުބިއްޔަތުކުރުމުގެ ކަންކަންވެސް ގިނަ ބައަކު މިވަނީ ފަހުޒަމާނުގެ ބޮލުގައި އަޅުވައިފައެވެ. ބެލެނިވެރިންގެ އެއްވެސް ޒިންމާއެއް ނެތްފަދައެވެ.  

ދަރިއަކު ނުރަނގަޅު ކަމެއް ކުރާކަމުގެ ޝަކުވާ މީހަކު ކުރިނަމަވެސް ޖަވާބަކަށްވަނީ "މިހާރުގެ ކުދިން އެބާވަތުގެ ކަންކަން ކުރާނެއެވެ. ތޫނުފިލިވެފައި ހޭލުންތެރިވެފައި ބޯހަރުވީމާ އަހަރެމެން ބުނާ ގޮތެއް ނުހަދާނެއެވެ. އެއީ މިޒަމާނުގެ ކުދިންގެ ގޮތެވެ." މިފަދަ ވާހަކަތަކެކެވެ.  

މިއަދު މިފަދަ ވާހަކަތަކާއި ބަހަނާތައް ދެއްކިދާނެއެވެ. ނަމަވެސް އާޚިރަތް ދުވަހު ދެއްކޭނީ ކޮން ވާހަކައެއް ނޫނީ ކޮން ބަހަނާތަކެއް ކަމާއިމެދު ވިސްނައިލާށެވެ! ތިރީގައި ލިޔުމުން މައިންބަފައިންގެ މަސްއޫލިއްޔަތު ދަސްކުރައްވާށެވެ!  

ދަރިންނަކީ އަމާނާތެއް!

ޝަފީޢު ޢަބްދުﷲ 

ދަރިންނަކީ އަމާނާތެކެވެ. އެ ދަރިންނަށް ތެދުމަގު ދެއްކުމަކީ މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ އެންމެ ބޮޑު ޒިންމާއެކެވެ. އެ ޒިންމާއާ ބެހޭގޮތުން ޤިޔާމަތްދުވަހުން ސުވާލުވެވޭނެ ކަމާމެދު އެއްވެސް ޝައްކެއްނެތެވެ. 

ކޮންމެ ކުއްޖެއްވެސް އުފަންވަނީ ފިޠުރަތުގެ ސާފުކަން މަތީގައިކަން ޙަދީޘްފުޅުގައި ބަޔާންވެފައިވެއެވެ. އެއަށްފަހު އެ ކުއްޖަކަށް ތެދުމަގާއި ނުބައިމަގު ދެއްކުމުގެ ފުރުޞަތު އެ މައިންބަފައިންނަށް ލިބިގެންދެއެވެ. މުސްލިމް މައިންބަފައިން އެބައިމީހުންގެ ދަރިންނަށް ދައްކަން ޖެހެނީ ސުވަރުގޭގެ ދޮރެވެ. ތަޢުލީމާއި ތަރުބިއްޔަތުގެ ދޮރެވެ. ދުނިޔެވީ މަޖަލާއި ލައްޒަތާއި ފާޙިޝް ކަންކަމުގެ ދޮރުތަކެއް ނޫނެވެ. މާތް ﷲ ނުރުއްސަވާ މަގުމަގާއި ދޮރުދޮރުތަކުން ވަނުމަށް އެކުދިންނަށް އެމައިންބަފައިން މަގު ދައްކައިގެން ނުވާނެއެވެ.  

މާތް ﷲ ކީރިތި ޤުރުއާނުގައި އަމުރުކުރައްވާފައި ވަނީ އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކާއި އަނބިދަރިން ނަރަކައިގެ އަލިފާނުން ސަލާމަތް ކުރުމަށެވެ. ދަރިންނާމެދު ފަރުވާ ކުޑަކޮށްފައިވާނަމަ، ޤިޔާމަތްދުވަހުން ސަލާމަތެއް ނުލިބޭނެއެވެ. އެ ދަރިން ވެސް އެ މައިންބަފައިންނަށް ލަޢުނަތް ދޭނޭ ކަމާމެދު އެއްވެސް ޝައްކެއްނެތެވެ. މަންމަ އާއި ބައްޕަ އޭނާގެ މުސްތަޤްބަލު ހަލާކުކޮށްލުމުގެ ޝަކުވާ ކުރާނެއެވެ. އެއީ ކީއްވެގެން ކުރި ކަމެއްތޯއާމެދު ސުވާލު ކުރާނެއެވެ. އެ ދުވަހުން އެ ދަރިންނަށް އަޅުގަނޑުމެން ދޭނީ ކޮން ޖަވާބެއް ތޯއެވެ.   

ހިތާމައަކީ، މިއަދު އަޅުގަނޑުމެންގެ ދަރިންނަށް ހިތްވަރު ދެވިގެން ދަނީ ހޮލީވޫޑާއި ބޮލީވޫޑު ފަދަ މާއްދިއްޔަތަށް އަޅުކަން ކުރާ ޝައިޠާނީ ކެހިވެރި މަޅިތަކަށް ހެއްލުމާއި ގެއްލުމަށެވެ. މުސްތަޤްބަލަކީ އެއީ ކަމުގައި ދެއްކެއެވެ. ކާމިޔާބީ އަކީ އެއީ ކަމުގައި ބުނެދެވެއެވެ. އެއީ ދަރިންގެ މުސްތަޤްބަލާއި އެމީހުންގެ ހުނަރު ކުރިއެރުވުން ކަމުގައި ބުނެ ދެވެއެވެ. ނަމަވެސް މިއީ ކެހިވެރި ކަމެއް ކަމާ މެދަކު ޝައްކެއްނެތެވެ. އެއީ ދަރިން ހަލާކުގެ ތެރެއަށް އެއްލައިލުމެވެ. 

ޅަދަރީންނަށް މި ދުނިޔެއަކީ ވަގުތީ ތަނެއްކަން އަންގައިދޭން އެބަ ޖެހެއެވެ. މި ތަނުގައި މި ފެންނަމުންދާ ގިރިޓީ ކަމަކީ ދަޅައެއްކަން ބަޔާންކޮށްދޭން އެބަ ޖެހެއެވެ. އެ ދަޅަތަކަށް ނުހެއްލުމަށް ދަސްކޮށްދޭން އެބަ ޖެހެއެވެ. އެ ދަޅަތަކަށް ހެއްލުމަކީ ގެއްލުމެއްކަން ބުނެދޭން އެބަ ޖެހެއެވެ. އެއީ ޝައިޠާނީ މަގުކަން ބަޔާންކޮޮށްދޭން އެބަ ޖެހެއެވެ. އެ މަގާ ކައިރި ނުވުމަށް އިންޒާރު ކުރަން އެބަ ޖެހެއެވެ.

ސަލާމަތާއި ރައްކައުތެރިކަން އޮތީ މާތް ﷲ ގެ ދީނުގައި ހިފެހެއްޓުމުގައި ކަން ހަނދާންކޮށްދޭން އެބަޖެހެއެވެ. މާތް ﷲ ދީނަށް ޚިދުމަތް ކުރުމަށް ދަސްކޮށްދޭން އެބަ ޖެހެއެވެ. އުންމަތުގައި ގެއްލިފައިވާ ކަރާމާތާއި މަޖުދު އަލުން ހޯދައިދޭން ގަދަ އަޅައި މަސައްކަތްކުރަން އެ ކުދިންނަށް ދަސްކޮށްދޭން އެބަ ޖެހެއެވެ. ޢިލްމާއި، އަޚްލާޤިއްޔާތާއި ތަރުބިއްޔަތުގެ މަގުތައް ދައްކަން އެބަ ޖެހެއެވެ. 

ދަރިންނަކީ އަމާނާތެއްކަން ދަނެ އެ ދަރިންނާމެދު ސަމާލުވެ އެ ދަރިންނަށް މާތް ﷲ ގެ ރުއްސެވުމާއި ފުއްސެވުމަށް މަގު ދައްކައި ދިނުމަކީ ކޮންމެ ބެލެނިވެރިއެއްގެ އެންމެ އިސް ޒިންމާއެވެ. ދަރިންނަކީ އަމާނާތެކެވެ.

މިއަދު އޮންލައިން