ގެއަށް ވަންނަ ގޮތަށް ގަދަބަދަވިކަން ދައްކާ މީހަކަށް ސުވަރުގެއިން ދަރަޖައެއް ލިބިދާނެތަ؟ މަތީ ދަރަޖަ ހުވަފެނުންވެސް ފެނިދާނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 9މ 40ސ
ގެއަށް ވަންނަ ގޮތަށް ގަދަބަދަވިކަން ދައްކާ މީހަކަށް ސުވަރުގެއިން ދަރަޖައެއް ލިބިދާނެތަ؟ މަތީ ދަރަޖަ ހުވަފެނުންވެސް ފެނިދާނެތަ؟

މިއަދު އަމިއްލަ ގޭތެރޭގައިވެސް ވަޒީފާގެ މާޙައުލުގައިވެސް އަދި މުޅި މުޖުތަމަޢުގައިވެސް އުފެދިގެން މިއުޅޭ މައްސަލަތަކުގެ އަޞްލަކީ މީސްތަކުން ރިވެތި އަޚްލާޤީ ސިފަތައް ދޫކޮށްލައި އެމީހަކު އުޅެން ބޭނުންވާ ގޮތަކަށް އުޅުމެވެ.

ރިވެތި އަޚްލާޤަށްދޭންޖެހޭ ސަމާލުކަން ނުދިނުމެވެ. ދަރިންނަށް ރިވެތި އަޚްލާޤް ދަސްކޮށް ނުދެވުމެވެ. ރިވެތި އަޚްލާޤްގެ މަތީގައި ދަރިން ތަރުބިއްޔަތު ނުކުރެވުމެވެ.  

އިތުރު ތަފްޞީލަށް ދިއުމުގެ ކުރިން ހަމަ އެންމެ ޙަދީޘްފުޅެއް ފާހަގަކޮށްލާނަމެވެ. 

"ތިޔަބައިމީހުންގެ ތެރެއިން ތިމަންކަލޭގެފާނު އެންމެ ލޯބިވާ މީހަކީ އަދި ޤިޔާމަތްދުވަހުގައި ތިޔަބައިމީހުންގެ ތެރެއިން ތިމަންކަލޭގެފާނާ އެންމެ ކައިރިވެގެންވާގޮތުގައި މަޖިލީސްކުރާނީ ތިޔަބައިމީހުންގެ ތެރެއިން އެންމެ އަޚްލާޤު ރަނގަޅު މީހާއެވެ." މިޙަދީޘްފުޅެވެ.  

މިޙަދީޘްފުޅުގައި އެއޮތީ މީސްތަކުންގެ ތެރެއިން ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމް އެންމެ ލޯބިވާ މީހަކީ އެންމެ އަޚްލާޤް ރަނގަޅު މީހާ ކަމަށެވެ. ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމް އެމީހަކު ދެކެ އެންމެ ބޮޑަށް ލޯބިފުޅުވެއްޖެ މީހަކަށްވުރެ ބޮޑު އުފާވެރިކަމެއް ލިބޭނީ ކާކަށް ހެއްޔެވެ؟  

ދެން އެއޮތީ "ޤިޔާމަތްދުވަހުގައި ތިޔަބައިމީހުންގެ ތެރެއިން ތިމަންކަލޭގެފާނާ އެންމެ ކައިރިވެގެންވާގޮތުގައި މަޖިލީސްކުރާނީ ތިޔަބައިމީހުންގެ ތެރެއިން އެންމެ އަޚްލާޤު ރަނގަޅު މީހާ" ކަމަށެވެ. ނިކަން ބުނެބަލާށެވެ! އެންމެ ގިނަ އަޅުކަންކުރި މީހާކަށް ނެތީ ކީއްވެގެން ހެއްޔެވެ؟  

އެއީ ގިނައިން އަޅުކަންކުރި ނަމަވެސް އެމީހާގެ ކިބައިގައި ރިވެތި އަޚްލާޤް ނެތްނަމަ އެމީހާގެ ދަރަޖަ ތިރިވެގެންދާތީއެވެ. އަދި އަޚުކަންކުރެވުން ތަންކޮޅެއް މަދުވިނަމަވެސް ރިވެތި އަޚްލާޤްގެ ސަބަބުން އޭނާގެ ދަރަޖަ އުފުލިގެންދާތީއެވެ.  

މިގޮތަށްވެސް ވިސްނައިލާށެވެ! ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ވާންބޭނުންވާނީ އެމީހަކު އެންމެ ބޮޑަށް ލޯބިވާ މީހަކާއިއެކުގައި ނޫންހެއްޔެވެ؟ ވީމާ އެކަން އެދަނީ ޙަދީޘްފުޅުގެ އެންމެ ކުރީބައާއި ގުޅިގެންނެވެ.  

ދެން ނިކަން ވިސްނައިލަބަލާށެވެ! ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ސުވަރުގޭގައި ވެވަޑައިގަންނަވާނީ ސުވަރުގޭގެ އެންމެ މަތީ ދަރަޖައިގައެވެ. ވީމާ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަ އާއި އެންމެ އަރިއަހުގައި ވެވިއްޖެނަމަ އެމީހަކު އެވަނީ ސުވަރުގޭގެ އެންމެ މަތީދަރަޖައިގައި ނޫންހެއްޔެވެ؟

ދެން މިފާހަގަކުރަނީ އެންމެ ބޮޑަށް ސަމާލުކަންދޭންވީ ކަންތަކެވެ. އެއީ ގޭތެރޭގައި ރިވެތި އަޚްލާޤަށް ޢަމަލުކުރުމެވެ. ބައެއް މީހުންނަށް ވިސްނެނީ ގޭތެރޭގައި ތިމާ ބުނާ ބަސްތަކާއި ކުރާކަންކަން ފަތުގައި ނުލިޔުއްވަވާނެ ކަމަށެވެ. ހަމަހިލާ އެހެންނަކުން ނުވާނެއެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!   

އިސްލާމްދީނަކީ الله ތަޢާލާ މީސްތަކުން އުޅުމަށްޓަކައި ރުއްސަވާވޮޑިގަންނަވާ ގޮތެވެ. އިސްލާމްދީނުގައި ރިވެތިއަޚްލާޤަށް ވަރަށްބޮޑު އަހައްމިޔަތުކަމެއް ދެވިފައިވެއެވެ. ރަސޫލުން ފޮނުއްވުނީ މައިގަނޑު ދެ މަޤްޞަދަކައިގެންނެވެ. އެއީ ތައުޙީދަށް ގޮވާލުމަށާއި ނަފުސުތަކުގައި ރިވެތި އަޚްލާޤު އަށަގެންނެވުމަށެވެ.  

ރަސޫލު الله ޞައްލަ الله ޢަލައިހި ވަސައްލަމަ ޙަދީޘުކުރައްވާފައިވެއެވެ. (( إِنَّمَا بُعِثتُ لِأُتَمِّمَ مَكَارِمَ الأَخلَاقِ)) 1މާނައީ: "ތިމަންކަލޭގެފާނު ފޮނުއްވުނީ ރިވެތި އަޚްލާޤު ފުރިހަަމަކުރެއްވުމަށްޓަކައެވެ." 

މުޅި ދީނަކީވެސް އަޚްލާޤެވެ. ދީން ބިނާވެފައިވަނީ الله އާ އަޅާއާ ދެމެދު އޮންނަ އަޚްލާޤާއި (ޞައްޙަ ޢަޤީދާއާއި އަޅުކަންތައްތަކާއި) އަޅުތަކުން އެއްބަޔަކު އަނެއްބަޔަކާ ދެމެދު އޮންނަންޖެހޭ އަޚްލާޤު (ހުރިހާ ރިވެތި ސިފަތަކާއި ޙައްޤުތަކާއި ހުރިހާ މުޢާމަލާތު)ގެ މައްޗަށެވެ.  

އިބްނުލް ޤައްޔިމު ރަޙިމަހު الله ވިދާޅުވެފައިވެއެވެ. (الدِّيْنُ كُلُّهُ خُلْقٌ ، فَمَنْ فَاقَكَ فِي الـخُلْقِ ؛ فَقَدْ فَاقَكَ فِي الدِّيْنِ.) 2 މާނައީ: "މުޅި ދީނަކީ އަޚްލާޤެވެ. ފަހެ އަޚްލާޤުގައި ތިބާއަށްވުރެ ކުރި ހޯދައިފިމީހާ ހަމަކަށަވަރުން އެމީހާ ތިބާގެ މައްޗަށް ދީނުގައި ކުރި ހޯދައިފިއެވެ." 

އަހަރެމެންގެ ތެރެއިންވާ އެންމެ މާތްވެ މަތިވެރިވެގެންވާ މީހުންނަކީ އަހަރެމެންގެ ތެރެއިން އެންމެ އަޚްލާޤު ރަނގަޅު މީހުންނެވެ.

ރަސޫލު الله ޞައްލަ الله ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. (( إِنَّ خِيَارَكُمْ أَحَاسِنُكُمْ أَخْلَاقًا ))3. މާނައީ: "ތިޔަބައިމީހުންގެ ތެރެއިންވާ އެންމެ ހެޔޮކަންބޮޑު މީހުންނަކީ ތިޔަބައިމީހުންގެ ތެރެއިން އެންމެ އަޚްލާޤު ރަނގަޅު މީހުންނެވެ." 

ރަސޫލު الله ޞައްލަ الله ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. 

(( إِنَّ مِنْ أَحَبِّكُمْ إِلَيَّ وَأَقْرَبِكُمْ مِنِّي مَجْلِسًا يَوْمَ الْقِيَامَةِ أَحَاسِنَكُمْ أَخْلَاقًا)) 

މާނައީ: "ތިޔަބައިމީހުންގެ ތެރެއިން ތިމަންކަލޭގެފާނު އެންމެ ލޯބިވާ މީހަކީ އަދި ޤިޔާމަތްދުވަހުގައި ތިޔަބައިމީހުންގެ ތެރެއިން ތިމަންކަލޭގެފާނާ އެންމެ ކައިރިވެގެންވާގޮތުގައި މަޖިލީސްކުރާނީ ތިޔަބައިމީހުންގެ ތެރެއިން އެންމެ އަޚްލާޤު ރަނގަޅު މީހާއެވެ." 

އަދިވެސް ރަސޫލު الله ޞައްލަ الله ޢަލައިހި ވަސައްލަމަ ޙަދީޘުކުރައްވާފައިވެއެވެ.  

(( مَا شَيْءٌ أَثْقَلُ فِي مِيزَانِ الْـمُؤْمِنِ يَوْمَ الْقِيَامَةِ مِنْ خُلُقٍ حَسَنٍ)) 

މާނައީ: "ޤިޔާމަތްދުވަހުގައި މުއުމިނުއަޅާގެ ތިލަފަތުގައި ރިވެތި އަޚްލާޤަށްވުރެ ބަރުވެގެންވާ އެއްވެސް އެއްޗެއް ނުވެއެވެ." 

6 ރަސޫލު الله ޞައްލަ الله ޢަލައިހި ވަސައްލަމަ ޙަދީޘުކުރައްވާފައިވެއެވެ. ((أَكْمَلُ الْـمُؤْمِنِيْنَ إِيْمَاناً أَحْسَنُهُمْ خُلُقاً)) "މުއުމިނުންގެތެރެއިން އީމާންކަން އެންމެފުރިހަމަ ވެގެންވަނީ، އެންމެ އަޚްލާޤު ރަނގަޅުމީހުންނެވެ." 

ރިވެތި އަޚްލާޤަކީ އޭގެ ސަބަބުން ހެޔޮ ޢަމަލުތައް މަތިވެރިކުރާ އެއްޗެކެވެ. އަދި މީހާ ކިތަންމެ ގިނަ ހެޔޮ ޢަމަލުތަކެއް ކުރިކަމުގައިވިޔަސް އެމީހާގެ ކިބައިގައި ރިވެތި އަޚްލާޤު ނުވާނަމަ އެ ޢަމަލުތައް ފާސިދުވެއެވެ. ޙަދީޘުގައި އައިސްފައިވެއެވެ. (( وَ إِنَّ سُوءَ الخُلُقِ يُفْسِدُ العَمَلَ ، كما يُفْسِدُ الخَلُّ العَسَلَ ))7 މާނައީ: "ސުރުކާހުތުގެ ސަބަބުން މާމުއި ފާސިދުވާފަދައިން ގޯސް އަޚްލާޤުގެ ސަބަބުން ޢަމަލުތައް ފާސިދުވެއެވެ." 

ކީރިތި ޤުރުއާނުގައި އަދި މާތް ނަބިއްޔާ ޞައްލަ الله ޢަލައިހި ވަސައްލަމަގެ ސުންނަތުގައި ރިވެތި އަޚްލާޤުގެ މަތިވެރިކަމުގެ ވާހަކަ ބަޔާންކުރައްވާފައިވުމުން، އިސްލާމްދީން ރިވެތި އަޚްލާޤަށް ބާރުއަޅާ މިންވަރު ދޭހަވެއެވެ. އިސްލާމީ މުޖުތަމަޢެއްގެ އެންމެ މުހިއްމު އެއްޞިފައަކީ ރިވެތި އަޚްލާޤު އެމުޖުތަމަޢަކުން ފެނުމެވެ.

އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ ނަފުސުތައް ރިވެތި އަޚްލާޤުގެ ގަހަނާއިން ޒީނަތްތެރިކޮށްފައިވާ ބަޔަކަށް ހަދަން ޖެހެއެވެ. ރިވެތި އަޚްލާޤު ދެނެގަތުމާއި، އުނގެނުމާއި ރިވެތި އަޚްލާޤު އަމިއްލަ ނަފުސުގައި އަށަގެންނެވުމާއި ރިވެތި އަޚްލާޤު އުނގަންނައިދޭ ބަޔަކަށް އަޅުގަނޑުމެން ވެގެން މެނުވީ މުޖުތަމަޢުގައި ރިވެތި އަޚްލާޤު އަށަނުގަންނާނެއެވެ. ރިވެތި އަޚްލާޤު ލިބިގަތުމުގައި އެކުލެވިގެންވަނީ ހަމައެކަނި ދުނިޔަވީ ފައިދާތަކެއް ނޫނެވެ. އުޚްރަވީ ފައިދާވެސް އެކުލެވިފައިވެއެވެ. 

ދުޢާއަކީ އަޅުގަނޑުމެންނަކީ ރިވެތި އަޚްލާޤުން އަޅުގަނޑުމެންގެ ނަފުސުތައް ޒީނަތްތެރިކުރާ ބަޔަކު ކަމުގައި އަޅުގަނޑުމެން ލައްވާ، އެ އަޚްލާޤުގެ އުނގެނުމާއި އުނގަންނައިދިނުމުގެ މަތީގައި ދެމިތިބޭ ބައެއް ކަމުގައި އަޅަމެން ލެއްވުމެވެ. އާމީން! 

- ޝައިޚް މުޙައްމަދު ޝާފިޢު 

رواه البخاري في “الأدب المفرد” (273) وصححه الألباني في “السلسلة الصحيحة” (45))) [1]

[2]  (مدارج السالكين:  ٢/٢٩٤)

[3]   (رواه البخاري (6035) ، ومسلم (2321))

[4]  (رواه الترمذي (2018) وحسنه وصححه الألباني في صحيح الترمذي.)

[5]  (رواه الترمذي (2002) وصححه الألباني في صحيح الترمذي)

[6]  (رواه الترمذي في جامعه، في الرضاع، وقال: حديث حسن صحيح، وأبو داود في سننه، في كتاب السنة)

[7]  (سلسلة الصحيحة للألباني906)

 

މިއަދު އޮންލައިން