ތިބާއާއި ބެހޭގޮތުން ކިތަންމެ ބޮޑެތި ދޮގުތައް ހަދައި ދޮގުއިލްޒާމްތައް އެޅުވިޔަސް ރައްދުނުދިނުމުން ކުރާނެ ފައިދާ މާބޮޑުވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 21ސ
ތިބާއާއި ބެހޭގޮތުން ކިތަންމެ ބޮޑެތި ދޮގުތައް ހަދައި ދޮގުއިލްޒާމްތައް އެޅުވިޔަސް ރައްދުނުދިނުމުން ކުރާނެ ފައިދާ މާބޮޑުވާނެ! އިން ޝާ ﷲ

ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް އެދޭނީ އެމީހަކުކުރާ ޢަމަލުތަކަށް ވީހާ ގިނަ ޘަވާބުލިބުމަށެވެ. އެމީހަކު ކުރާ ހެޔޮ ޢަމަލުތައް ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވައި އެކަންކަމަށް އެންމެ ގިނަ ޘަވާބު ދެއްވެވުމެވެ.  

ހެޔޮ ޢަމަލުތަކެވެ ބުނެވުމުން ގިނަމީހުން މާނަކުރާނީ އަޅުކަމަށެވެ. ނަމާދުކުރުން، ޛިކުރުކުރުން ފަދަ ކަންކަމަށެވެ. އެކަންކަމަކީ ގުނަވަންތަކުން ކުރާއަޅުކަމެވެ. އެއިގެ އިތުރުންވެސް ވަރަށް މަތިވެރި އަޅުކަމެއް ވެއެވެ. އިމެއްނެތި ޘަވާބުދެއްވަވާނެކަމަށް ﷲ ތަޢާލާ ވަޙިކުރައްވަވާފައިވާ އަޅުކަމެއް ވެއެވެ. އެއީ ކެތްތެރިވުމެވެ.  

މިކަން ގިނަބައަކަށް އޮންނަނީ އޮޅިފައެވެ. ކެތްތެރިވާންޖެހޭނެ ޙާލަތުތައްވެސް އޮންނަނީ އޮޅިފައެވެ. އެހެންވެ ތިމާއާއިމެދު މީހަކު ނުބައިބަހެއް ބުނާއިރަށް އެމީހަކާއިދިމާއަށް އެބަފުންމައިގަނެވެއެވެ. ނުރުހޭކަމެއް ފެންނައިރަށް އެބަ އަތް އިސްކުރެވެއެވެ. ދުލުން ނުބައި ބަސްތައްވެސް އެބަބުނެވެއެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކޮންމެ މީހަކަށްވެސް ﷲ ތަޢާލާ ކަންތައްތަކެއް ކުރިމަތިކުރައްވަވާނެތެވެ. އެކިމީހުންނަށް ކުރިމަތިކުރައްވަވާނީ އެކިކަންކަމެވެ. އެއިން ކޮންމެ ކަމެއްވެސް ކުރިމަތިކުރައްވަވަނީ އެމީހަކަށް ރަނގަޅަކަށެވެ. އެކަންކަމަށް ކެތްތެރިވުމުން އެމީހަކަށް ގިނަގުނަ ޘަވާބު ދެއްވެވުމަށެވެ.  

ވަރަށް ފައިދާހުރި މިޘާލެއް ބުނެލާނަމެވެ! ތިމާ ރަނގަޅު ގޮތުގައި ހުއްޓައި އެހެން މީހުން ތިމާއަށް ނުބައިކޮށް ކަންކަންކުރުމާއި ތިމާއާއިމެދު ދޮގު ވާހަކަ ފެތުރުމާއި ޙައްޤު ނޫން އިލްޒާމްތައް އަޅުވައި ފަޟީހަތްކުރަން މަސައްކަތްކުރާނަމަ، އަދި ވަޒީފާ ގެއްލުވާލުން ފަދަ ކަންކަން ކުރަން މަސައްކަތްކުރާނަމަ، ޢާއިލީ ދިރިއުޅުމަށް ހުރަސް އަޅަން މަސައްކަތްކުރާނަމަވެސް އެއީ ކެތްތެރިވެލައި ﷲ ތަޢާލާގެ ޙަޟްރަތުގަ ތިމާގެ ދަރަޖަ އުފުލައިލަން ދެއްވަވާ ފުރުޞަތެކެވެ. ސުވަރުގެއިން މަތީ ޖަރަތަށް ލިބިގެންދާނެ ކަމެއްވެސްމެއެވެ.  

އެކަން ޙާޞިލްކުރެވޭނީ އެމީހުންނާއި އެއްދަރަޖައަށް ތިމާވެސް ވެއްޓި ރައްދުނުދިނުމުންނެވެ. ދުޢާކުރުންމަތީގައި ކެތްތެރިވުމުންނެވެ. އެކަންކަމަށް ޤިޔާމަތްދުވަހު ﷲ ތަޢާލާ ދެއްވަވާނެ ހެޔޮ ބަދަލަށް އުންމީދުކޮށް ދުޢާކުރުންމަތީގައި ޘާބިތުވެ ހުރުމުންނެވެ. ދުޢާކުރާއިއރުވެސް އޭނާއަށް ލަޢްނަތް ލެއްވެވުމަށް ނުއެދޭށެވެ. އޭނާގެ ނުބައިކަމުން ސަލާމަތްކޮށްދެއްވެވުމަށް އެދޭށެވެ. 

ނަމަވެސް ގިނަބައަކަށް އެކަމެއް ނުވިސްނެއެވެ. މީހަކު އެއްޗެއް ބުނާއިރަށް އެމީހަކަށް ރައްދުދީ އެމީހެއްގެ ފަހަތުން ދުއްވައި ގަނެވެއެވެ. އެއިރުން ގެއްލިގެން އެދަނީ ތިމާއަށް ދެއްވަވަން އޮތް މަތިވެރި ނިޢުމަތެވެ. އަދި އޭނާފަދައިން ފާފަވެރިވެސްވެވެނީއެވެ.  

އަބަދުވެސް ވިސްނައި މިދެވެނީ އެގޮތަށް އެކަން ނުކުރުމަށެވެ. ކުރިން މިބަޔާންކުރިފަދައިން އެގޮތަށް (ތިމާއާއިމެދު ނުބައިކޮށް) ކުރާ ކަންކަމުގެ ސަބަބުން ﷲ ތަޢަލާގެ ޙަޟްރަތުގައި ތިމާގެ ދަރަޖަ އުފުލި އަދި ޤިޔާމަތް ދުވަހުގައި ގިނަ ގުނަ ޘަވާބު ލިބޭނެ މީހަކަށްވުމަށް މަސައްކަތްކުރުމަށެވެ. 

އެއިރުން ތިބާއަށް ސުވަރުގެ ވަދެވޭ ސަބަބަކީ އެމީހުންގެ ކިބައިން ހޯއްދަވައި ދެއްވަވާ ބަދަލުކަމުގައި ވެގެންދިއުމަކީވެސް ލިބެން އޮތް ފުރުޞަތެއްކަމަށް ވިސްނައި އެފަދައިން މީހުން ކަންކަން ކުރުމުން އަޅައިވެސް ނުލައި ހުންނާށެވެ! ﷲ ތަޢާލާއަށް ޙަމްދުކުރާށެވެ!  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން