ވަކިމީހަކާ ކައިވެނިކުރަން މަޖުބޫރުކުރުވުމުގެ ޙައްޤު މައިންބަފައިންނަކަށް ނެތް! އެކަން ދީން ހުއްދައެއް ނުކުރޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ވަކިމީހަކާ ކައިވެނިކުރަން މަޖުބޫރުކުރުވުމުގެ ޙައްޤު މައިންބަފައިންނަކަށް ނެތް! އެކަން ދީން ހުއްދައެއް ނުކުރޭ!

އަޅުގަނޑު ރުހޭ ސިފަތައް ނެތް މީހަކާ ކައިވެނިކުރަން މައިންބަފައިންނަށް މަޖުބޫރުކުރުވިދާނެތޯ؟

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބުލިބިލައްވާނެއެވެ. އިން ޝާ ﷲ  

ބައެއް މައިންބަފައިން އެމީހުންގެ ދަރިން ނުރުހޭ މީހުންނާއި ކައިވެނިކުރަން މަޖުބޫރުކުރުވައެވެ. އެކައިވެނިނުކޮށްފިނަމަ ލިބިދާނެ ދެރަތައް ބަޔާންކުރަމުން ގޮސް އެކައިވެނިނުކޮށްފިނަމަ ކައިވެނިކުރާނެ މީހަކު ނުލިބިދާނެކަމަށްވެސް އެބަބުނެއެވެ.  

ބުނަންހެއްޔެވެ؟ މިއީ އިސްލާމް ދީން ހުއްދަކުރާ ގޮތެއް ނޫނެވެ. މައިންބަފައިންނަށް އޮތް ހަމައެކަނި ޙައްޤަކީ މިވެނިމީހަކާއި ކައިވެނިކުރަން ރުހެމުތޯ ސުވާލުކުރުމެވެ. ސުވާލުކުރުމުން ނުރުހޭކަމަށް ބުނެފިނަމަ އެއޮތީ އެހިސާބުން އެކަން ނިމިފައެވެ. އެންމެ ކުޑަމިނުން ނުރުހޭ ސަބަބާއިމެދުގައިވެސް ސުވާލެއް ނުކުރެވޭނެއެވެ.  

އެހެނެއް ނޫނެވެ. ފިރިހެން މީހާގެ ހުރި ރަނގަޅު ސިފަތައް ދަރިފުޅަށް ނުއެނގޭނަމަ އެކަންކަން ބުނެދެވިދާނެއެވެ. ނަމަވެސް ހަމަ އެއްވެސް ޙާލެއްގައި މަޖުބޫރެއް ނުކުރެވޭނެއެވެ. ވީމާ ކިތަންމެ ތަނަވަސް މީހަކު ނުވަތަ ޤަދަރުވެރިއަކު ތިމާގެ ދަރިފުޅާއި ކައިވެނިކުރަން އެދުނު ނަމަވެސް ފުރަތަމަ ކަމަކަށް ދަރިފުޅުގެ ރުހުން ހޯދާށެވެ. ރުހުން ނުހޯދައި އަމިއްލައަށް ރުހޭބަސް ނުދޭށެވެ.  

ގަދަކަމުން މަޖުބޫރުކުރުވީމާ އެހެން ގޮތެއް ނެތިގެން ދަރިއަކު ފަހަރެއްގައި ކައިވެނިވެސް ކޮށްފާނެއެވެ. ނަމަވެސް އޭނާގެ ހިތް ނުރުހޭމީހަކާއި ކައިވެނިކޮށްގެން އޭނާ ދިރިއުޅޭނީ ދިރިހުރި ޤަބުރެއް އުޅޭފަދަ ގޮތަކަށެވެ. އެއްވެސް އުފާވެރިކަމެއް ނެތިއެވެ. ނަތީޖާއަކަށްވާނީ މުޅި ޢުމުރުގައި ހިތާމަކުރުންމަތީގައި ހުންނަން ދަރިފުޅަށް ޖެހުމެވެ. އެކަންވާނީ މައިންބަފައިން އޭނާއަށް ދިން އެންމެ ބޮޑުއަނިޔާއަށެވެ.  

ބުނަންހެއްޔެވެ؟ ގަދަކަމުން ކައިވެނިކުރުވުމުން ގިނަ ކުދިން ތިބޭނީ އެކަމުން ސަލާމަތްވެވޭނެ ފުރުޞަތަކަށް ބަލަބަލައެވެ. ކިތަްނމެ ކުޑަކުޑަ ފުރުޞަތެއް ލިބުނަސް ވަރިވާނެއެވެ. އޭނާ ރުހޭ މީހަކާއި ކައިވެނިވެސް ކުރާނެއެވެ. އެޙާލަތުގައިވެސް މައިންބަފައިން އޭނާއަށް ދިން ބޮޑުއަނިޔާގެމަތިން ހަނދާން ނައްތައިލުމަކީ ކުރަން ފަސޭހަކަމަކަށް ނުވާނެއެވެ. ވީމާ އެކަން ގާތީ ކުއްޖާގެ މުޅި ޢުމުރަށް ދެމިއޮތުމެވެ.  

ވީމާ މިފަދަ ބޮޑެތި ގޯސްތައް ނުހަދާށެވެ! އަންހެންވިޔަސް ފިރިހެންވިޔަސް ބޮޑުވުމުން އެއީ ތިމާމެންގެ އަމިއްލަ މިލްކެއް ކަމަށް ދެކެގެންނުވާނެއެވެ. އެކަން ދީނުގައި އޮތީ އެގޮތަކަށް ނޫނެވެ. ދަރިންނަށް އޮތީ މައިންބަފައިންނަށް އަޅާލައި ހެޔޮކޮށް ހިތުމެވެ. ހިތް ނުރުހުނަސް މައިންބަފައިން ބުނާހައި މީހަކާ ކައިވެނިކުރާކަށް ނެތެވެ.  

- މަޢުލޫމާތު: ނޫމާން ޢަލީ ޚާންގެ ދަރުސަކުން

މިއަދު އޮންލައިން