ތަޤްވާވެރި އަންހެނަކު ކައިވެނިނުކޮށް އިންނާތީ ނުބައި ތުހުމަތު ކުރުމަކީ ކުރެވޭ ފާފައެއް! އެކަމުން އެއަންހެނަކަށް ދާނީ ޘަވާބު އިތުރުވަމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 50ސ
ތަޤްވާވެރި އަންހެނަކު ކައިވެނިނުކޮށް އިންނާތީ ނުބައި ތުހުމަތު ކުރުމަކީ ކުރެވޭ ފާފައެއް! އެކަމުން އެއަންހެނަކަށް ދާނީ ޘަވާބު އިތުރުވަމުން!

ބާލިޣްވެއްޖެނަމަ ކައިވެނިކުރަން އަވަސްވެގަތުމަށް އޮންނަ އޮތުމަކީ މީހަކު ބުނާހައި އިރަށް ކައިވެނިކުރަން މަޖުބޫރުވާ ސަބަބެއް ނޫނެވެ. އެމީހެއްގެ ކިބައިގައި ތަޤްވާވެރިކަން ހުރެފައި ކެތްތެރިވެވޭނަމަ ކައިވެނިނުކޮށް މަޑުކުރުމަކީ ކުރެވޭ ކުށެއް ނޫނެވެ. 

ތަޤްވާވެރި އަންހެނަކު ކައިވެނިނުކޮށް އިންނާތީ ނުބައި ތުހުމަތު ކުރުމަކީ ކުރެވޭ ފާފައެކެވެ. ޝައްކެއް އުފެދެން ޖެހޭނީވެސް އޭނާގެ ކިބައިން ނުރަނގަޅު ޢަމަލެއް ފެންނަނަމައެވެ. ޠޯހިރު ގޮތުގައި އިންނަ އަންހެނަކަށް ނުބައި ތުހުމަތުތައްކުރާނަމަ އެކަމުގެ ސަބަބުން އެއަންހެނަކަށް ދާނީ ޘަވާބު އިތުރުވަމުންނެވެ. އިން ޝާ ﷲ   

އެހެންކަމާއިއެކުވެސް އަންހެނަކު، ޚާއްޞަކޮށް ސިފަރީތި އަންހެނަކު ކައިވެނިނުކޮށް އިންނަނަމަ އެމީހެއްގެ ބޮލުގައި ތަފާތު އިލްޒާމްތައް އަޅުވާ ބައަކު އުޅެއެވެ. އެހެންވެ ކަންބޮޑުވެ ބައެއް ކިޔުންތެރިން ސުވާލުކުރައްވާތީ ޖަވާބެއްގެ ގޮތުން މިގެނެސްދެނީ ކަންއޮތްގޮތެވެ.  

އަޅުގަނޑުގެ ދައްތަ ހިމެނޭނީ ރީތި އަންހެނުންގެ ތެރޭގައެވެ. ކައިވެނީގައި 2 ދަރިން ލިބުނެވެ. ސިފައަށް އެއްވެސް ބަދަލެއް ނައުދެއެވެ. ފިރިމީހާގެ އުޅުން އިޞްލާޙްކުރަން ބުނީމާ ކުރީ ވަރިއެވެ. އޭނާއަށް މުހިންމުވީ އެކުވެރިންނެވެ. އެކުވެރިން އުޅޭ ގޮތަށް އުޅުމެވެ.  

މައްސަލައަކަށް މިވަނީ ދައްތަ ދެވަނަ ކައިވެނިނުކޮށް އިންނާތީ އެކުވެރިންވެސް ބައެއް ތިމާގެ މީހުންވެސް އަދި އަވަށްޓެރިންވެސް ދައްތަގެ ބޮލުގައި ދޮގު އިލްޒާމްތައް އަޅުވާކަމެވެ. ވަރިކުރަންޖެހުނީ ދައްތަގެ ކުށުން ކަމަށް ބުނެއެވެ. ވަރިކުރިފަހުން ދައްތަ އުޅެނީ ވަރަށް ގޯސްކޮށް ކަމަށް އެބަބުނެއެވެ. މައިންބަފައިންގެ ރަޙްމަތްތެރިކަމުގައި ނަމަވެސް ގެއަށް ތަނަވަސް މީހަކު ވަދެލައިފިނަމަ ދޮގު އިލްޒާމްތައް ދައްތަގެ ބޮލުގައި އަޅުވައެވެ.  

ހުރިހާވެސް މައްސަލައަކީ ދައްތަގެ ރީތިކަމެވެ. ޙަޤީޤަތަކީ ދައްތަގެ ރީތީ ހަމައެކަނި ބޭރުގެ ސިފަ ނޫންކަމެވެ. ދައްތައަކީ ރޭއަޅުކަންވެސްކުރާ އަންހެނެކެވެ. އަޚްލާޤީ ގޮތުން ނަމޫނާ އަންހެނެކެވެ. އެހެންކަމަށްވާއިރު ދައްތަގެ ބޮލުގައި އެފަދަ ދޮގު އިލްޒާމްތައް އެޅުވުމާ ނުބައި ތުހުމަތުތައް ކުރުމަކީ ކޮންކަހަލަ ކަމެއްތޯ؟  

ޖަވާބުގައި ފުރަތަމަ ކަމަކަށް ކިޔުންތެރިޔާ ތިއަ ފާހަގަކުރައްވާ ގޮތަށް ދައްތަގެ ކަންކަން ހުރިކަމަށްޓަކައި ﷲ އަށް ޙަމްދުކުރަމެވެ. އިތުރަށް ޘާބިތުކަމާއި ތަޤްވާވެރިކަން އަދިވެސް އިތުރަށް ދެއްވެވުން އެދިގެން ދުޢާކުރަމެވެ.

ދެން ތިއަ އަޅުވާ ދޮގު އިލްޒާމްތަކާއި ކުރާ ދޮގު ތުހުމަތުތަކަށްޓަކައި އެކަންކަން ކުރާ އެއްވެސް މީހަކަށް ހަސަދަވެރިނުވާށެވެ! އެއިގެ ބަދަލުގައި އުފާކުރާށެވެ! އެކަންކަމަށް ﷲ، ދައްތައަށް ދެއްވަވާނެ ބަދަލަށްޓަކައެވެ. ލައްވަވާނެ ރަޙްމަތަށްޓަކައެވެ. ދޮގު އިލްޒާމް އެޅުވުމާއި ދޮގު ތުހުމަތު ކުރުމަކީވެސް އެކަންކަން ކުރި މީހެއްގެ ކިބައިން ޤިޔާމަތް ދުވަހު ބަދަލު ހޯއްދަވައި ދެއްވަވާނެ ކަންކަމެވެ.  

ދެން ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

ވަރަށް ގިނައިން ބުނެއެވެ. "ތިހާ ރީތިކުދިން ކައިވެނިނުކޮށް ތިބޭކަށް ނުވާނެއެވެ!" އަޅުގަނޑުގެ ސުވާލަކީ އެއީ ކީއްވެގެން ހެއްޔެވެ؟ ރީތިވުމަކީ އެ އަންހެނަކު ހިތްއެދޭ ބައިވެރިއެއް ލިބުމުގެ އިންތިޒާރުގައި މަޑުކޮށްލައިގެން ނުވާނެ ސަބަބަކީތޯއެވެ؟  

އަޅުގަނޑަށްވެސް އެނގެއެވެ. އިސްލާމްދީނުގައި އޮތީ ބާލިޣްވެ ކައިވެންޏަށް ތަޝައްރަފް ފުދުމުން އަވަހަށް ކައިވެނިކުރުމަށެވެ. އެކަން އެގޮތަށް އޮތީ ހަމައެކަނި ރީތި އަންހެނުންނަކަށް ނޫނެވެ. ހުރިހާ އެންމެންނަށެވެ.  

ރީތި އަންހެނަކު ކައިވެނިނުކޮށް މަޑުކުރާނަމަ ބައެއް މީހުން އެކަންދެކެނީ މުޅިން ތަފާތު ގޮތަކަށެވެ. ނަމަވެސް އެއީ ކަނޑައެޅިގެން މުޅީން ނުބައި ވިސްނުމެކެވެ. އެކަމުގެ ހެކިވެސް ދައްކައިފާނަމެވެ.  

މުޅިރާއްޖެއަށް ބެލިނަމަވެސް ރާއްޖޭގައި ހުރި އެންމެ މުއްސަނދި އަންހެނުންގެ ތެރެއިންވެސް އެންމެ ކުރީގައި ހުރި އެއް އަންހެނެއްގެ އުމުރުގެ ބޮޑުބައި ހޭދަވެ މިހާރު މުސްކުޅިވެފައިވާއިރު އޭނާއަކީ ހަޑި އަންހެނެއް ކަމަށް ބުނާނެ މީހަކު ހުންނާނެ ހެނެއް ހިއެއް ނުވެއެވެ. އޭނާއަށް  ފިރިއަކާއިއެކުގައި ހޭދަކުރެވުނީ ކިތައް އަހަރުކަން ބެލުމުގެ ބަދަލުގައި ރަނގަޅުވާނީ  ދެމަފިރިން އެކުގައި ހޭދަކުރީ ކިތައް ދުވަސްތޯ އާއި ކިތައް ގަޑިއިރުކަން ބެލުމެވެ.  

ނަމަވެސް އޭނާ އާއިމެދު ނުބައި އެންމެ އަޑެއް އެރިކަމެއްވެސް އެނގިފައެއް ނުވެއެވެ. އޭނާއަކީ އޭނާގެ ކިބައިން ކިތަންމެ ކުޑަކަމެއް ހިނގިނަމަވެސް އެންމެން އެކަމަށް ސަމާލުކަންދޭނެ އަންހެނެކެވެ. ވީމާ ކަމެއް ހިނގިނަމަ ސިއްރުވާނެކަމަކަށް ނުބެލެވެއެވެ. ސަޅިކަނޑަންވެސް އެާހަކަ ނުދައްކައެއް ނުތިބޭނެއެވެ. ނަމަވެސް ކޮންމެ މީހަކުވެސް ބުނާނީ އޭނާއަކީ ވަރަށް އަޚްލާޤް ރަނގަޅު، ނަމޫނާ އަންހެނެއް ކަމަށެވެ.  

އަޅުގަނޑަށް އޭނާ އާއިއެކު އަހަރުތަކެއްވަންދެން އެކުގައި އުޅެންވެސް ފުރުޞަތު ލިބުނެވެ. އުޅުނީ ހަމަ އެކަންޏެވެ. ހަރުދަނާ ކަމާއި އަޚްލާޤީ ގޮތުން އެވަރުގެ ރަނގަޅު އަންހެނަކު މަދުވާނެކަމަށް ބުނަން އެއްވެސް ޖެހިލުމެއް ނުވެއެވެ. އަދި އޭނާއަކީ ދުނިޔޭގައި ހުންނާނެ އެފަދަ ހަމައެކަނި އަންހެނާއެއްވެސް ނޫނެވެ. އެފަދަ އެތައް ބައިވަރު އަންހެނުން ތިބޭނެއެވެ.  

އަޅުގަނޑު މިވާހަކަކޮޅު ހާމަމިކުރީ ރީތި އަންހެނަކު ކައިވެނިނުކޮށް މަޑުކޮށްލައިފިނަމަ ބޮލުގައި ނުބައި ބަދުނާމުތައް އަޅުވާތީއެވެ. އެންމެ ތަޤްވާވެރި އަންހެނުންގެ ތެރޭގައި ރީތި ކަނބަލުން މަދީހެއްޔެވެ؟ ވީމާ ވާހަކަ ދައްކަންވާނީ މިކަންކަމަށް ވިސްނައިގެންނެވެ.  

އަޅުގަނޑު ދެކޭ ގޮތުގައި އަންހެނަކު ރީތިނަމަ އޭނާގެ ފަހަތުން ދުވާ ފިރިހެނުން ގިނަވާނެއެވެ. ވީމާ ފުރާނާލަން ވަގުތުކޮޅެއް ބޭނުންވެސްވާނެއެވެ. އެ މުއްދަތުގައި އޭނާގެ ބޮލުގައި ދޮގު އިލްޒާމްތައް އަޅުވައި އަގުވައްޓާލަން ނުވަތަ ބަދުނާމްކުރަން ޙަޤީޤަތެއް ނެތް ވާހަކަ ފެތުރުން ހުއްޓާލަންޖެހެއެވެ.  

ދެން ކުރަން އޮތް ސުވާލަކީ ހުހަށް ހުރެގެންވެސް ކައިވެނިކޮށްގެންވެސް ނުބައި ގޮތްގޮތަށް އުޅެނީ ހަމައެކަނި ރީތި އަންހެނުންހެއްޔެވެ؟ ނިކަން ޖަވާބުދީބަލާށެވެ! މިވާހަކަތައް މިހައިވަރަށް ދައްކަން މިޖެހުނީ އަޅުގަނޑުގ އެކުވެރިންގެ ތެރޭގައި އެބުނާ ވަރަށް ރީތި ދެ އަންހެނަކު ހިމެނެއެވެ. އެކަކު އިނީ އަދިވެސް ކައިވެނިނުކޮށެވެ. ދެވަނަ މީހާ އިނީ ފުރަތަމަ ކައިވެނި ރޫޅުމުން އަދި އިތުރު ކައިވެންޏެއް ނުކޮށެވެ. ދެއަންހެނުން ބޮލުގައި ނުއަޅުވާ އިލްޒާމެއް ނެތެވެ. ބޯފަޅައިގެންދާވަރުވެއެވެ. މިއީ ހަމަ އިންޞާފުތޯއެވެ؟ އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި އެފަދަ ދޮގު އިލްޒާމްތައް އެއަޅުވަނީ ހަމަ ހަސަދަވެރިކަން ބޮޑުކަމުންނެވެ!

 

- ނިޝާނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން