ކައިވެނިނުކޮށް ތިބެ ލޯބިވެގެން އުޅުމަކީ ކިތަންމެ ބޮޑު ނުބައިކަމެއް ނަމަވެސް އަހުރެމެންގެ ތެރެއަށް އެއާދަ މިވަނީ ވަދެފައެވެ. ގިނަ ބައަކު ކައިވެނިކުރަނީ ލޯބިވެގެން އެތައް ދުވަހަކު އުޅުމަށްފަހުގައެވެ. ކައިވެނިކުރަނީ އެމީހުން ބުނާ ގޮތުން އެކަކު އަނެކަކަށް ދަސްވެތިބެގެންނެވެ.
އެކަމަކު ކައިވެންޏަށް ދުވަސްކޮޅެއް ފާއިތުވުމުން "ފިރިއުޅުން ކިހިނެއްތޯ؟" ސުވާލުކުރެވިއްޖެނަމަ ލިބެނީ "ކަންކަން ކުރިއަށްދަނީ އަހުރެން އުންމީދުކުރިގޮތަކަށް ނޫން" ފަދަ ޖަވާބުތަކެވެ.
މިގޮތަށް ކަންކަން ވުމަށް މެދުވެރިޔާ އެންމެ ބޮޑު ސަބަބަކީ ވަރަށް އާދައިގެ ކަމެކެވެ. ހަމަ ކޮންމެ މީހަކަށްވެސް ޙައްލުކުރެވިދާނެ ކަމެކެވެ. އެއީ ދެމަފިރިން އެކުގައި ނިދަން ތައްޔާރުވެ ނުނިދާ މައްސަލައެވެ.
ޢާންމުގޮތެއްގައި ދަރިން ބެލުމުގެ ބޮޑު ޒިންމާ، ދިރިއުޅުމުގެ ބުރަ މަސްއޫލިއްޔަތު އުފުލަނީ މައިން ނަމަވެސް ގިނަ އަންހެނުން ދަރިން ނިންދެވުމަށްފަހު އެންމެ ބޮޑު އިސްކަމެއް ދޭނީ އަވަހަށް ނިދަން ތައްޔާރުވުމަށެވެ. އެރެއަކު ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ވަރަށް އަވަސްއަވަހަށް ނިންމާލާފައި ފެންވަރައި ނިދަން ތައްޔާރުވާނެއެވެ.
އަހުރެން ބުނާނީ އަނބިމީހާ ފަދައިން ނިދަން ތައްޔާރުވެގެން އެކުގައި ނިދަން އޮށޯންނަނީ ވަރަށް މަދު ފިރިއަކު ކަމަށެވެ. އަދި ގިނަ ފިރިހެނުން ނުނިދައި ބޭރުގައި އުޅެނީ ދިރިއުޅެން މަސައްކަތްކުރަން ނޫންކަމަށާއި އޭނާގެ އަމިއްލަ ހިތްހަމަޖެހުމަށް ކޮންމެވެސް ކަމެއް ކުރަން ކަމަށެވެ.
އެކުވެރިންނޭވެ! މިނުބައި އާދަ ދޫކޮށްލާށެވެ! އެއިރުން ކުރާނެ ވަރަށް ބޮޑު އިތުރު ފައިދާއެއްވެސް ބުނެފާނަމެވެ. އެއީ ހަމަޖެހިލައިގެން އުފަލުގައި ދިރިއުޅެން އެންމެ މުހިންމު ކަންތައްވެސް ވެއެވެ. އެއީ ޖީބަށް ފައިސާ އިތުރުވުމެވެ. ރޭގަނޑު ގެއިން ބޭރުގައި އުޅޭނަމަ ބޭކާރުގޮތުގައި ޚަރަދުތައް ނުކުރެވިއެއް ނުދާނެއެވެ. މަސްނިމޭއިރު ބޭކާރު ގޮތުގައި ވާނީ އެތައް ބައިވަރު ފައިސާ ޚަރަދުކުރެވިފައެވެ. އެފައިސާ ތިމާއަށާއި އަނބިދަރިންގެ ކަންކަމަށް ޚަރަދުކުރިނަމަ ދިރިއުޅުމުގައި ނުކުރެވިހުރި އެތައް ކަމެއް ކުރެވޭނެއެވެ.
ތަނަވަސްކަން ހުރީތީ ފައިސާ ޚަރަދުކުރަން ކަންބޮޑުނުވާ މީހުން ބިރުވެތިވާންވީ ﷲ ތަޢާލާގެ ޢަޛާބަށެވެ. އިސްރާފުކުރުމުން ދެއްވަވާނެ ޢަޛާބަށެވެ.
ވީމާ ފަށަމުން މިބުނި ފަދަ ޖަވާބުތައް އަނބިންނަށް ދޭން ނުޖެހި އުފާވެރި ދިރިއުޅުމެއް އުޅެން ބޭނުންނަމަ މިކަންކަމަށް ވިސްނައިގެން ދިރިއުޅެން މަސައްކަތްކުރާށެވެ! އަޑަށް ލެވުނުހައި ބާރެއްލައި ބުނަމެވެ. އިސްރާފްކުރާ އަޅުންދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެނެއް ނުވެއެވެ. އެއީ ވަޤުތު ކަމަށްވީނަމަވެސް އަދި ފައިސާ އިސްރާފްކުރުންކަމަށް ވީނަމަވެސް މެއެވެ. ރޭގަނޑުގެ ވަޤުތުތައް ބާކާރު ގޮތުގައި ގެއިން ބޭރުގަ ހޭދަކުރާނަމަ މި 2 ކަންތައްވެސް ކުރެވެނީއެވެ. 2 ކަންތަކަކީވެސް ކުރިން މިބުނި ފަދައިން ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ 2 ކަންތަކެވެ.
ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނުލިބި އުފާވެރި ދިރިއުޅެއް ހޯދޭނީ ކިހިނަކުންހެއްޔެވެ؟
- އިސްލާމީ ތިލަފަތުގެ ދަރުސަކުން