ލޯބިވާ މީހާ ލިބުމަށްވުރެ ފައިދާކުރާނީ ހެޔޮކޮށް ހިތައިގެން ގެންގުޅޭނެ މީހަކު ލިބުނީމަ! ދުޢާކުރާއިރު މިކަންކަމަށް ސަމާލުކަންދޭންވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ލޯބިވާ މީހާ ލިބުމަށްވުރެ ފައިދާކުރާނީ ހެޔޮކޮށް ހިތައިގެން ގެންގުޅޭނެ މީހަކު ލިބުނީމަ! ދުޢާކުރާއިރު މިކަންކަމަށް ސަމާލުކަންދޭންވާނެ!

ޙަޔާތުގެ ބައިވެރިއަކަށް ލިބުމަށް އެމީހަކު އެދުނު މީހާ ލިބުނު މީހުންވެސް މަދެއް ނުވާނެއެވެ. އެކަމަކުވެސް މިތަނުގައި މިތިބަ މީހުންގެ ތެރެއިން ނިކަން ބުނެބަލާށެވެ! މިފަދައިން ދުޢާކުރަން ނުޖެހި ސަލާމަތްވެވިފައި ތިބީ  ކިތައް މީހުންހެއްޔެވެ؟

ޔާ ﷲ! މިއަޅާގެ ބައިވެރިއަކަށް އޭނާ ދެއްވެވުން އެދި ދެންނެވުނީ މިއަޅާއަށް ކަންކަން އެނގޭމިންވަރު ކުޑަކަމުންނެވެ. އެކަމަށްޓަކައި މިއަޅާއަށް ޢަފޫކުރައްވަވާނދޭވެ! އޭނާގެ އަނިޔާވެރިކަމުން މިއަޅާ ސަލާމަތްކޮށްދެއްވަވައި މިއަޅާއަށް ހެޔޮލަފާ ބައިވެރިއަކު ދެއްވަވާނދޭވެ! އާމީން  

ކޮންމެހެން އަތްމައްޗަށް ނަގާނެ ކަމެއް ނެތެވެ. ނަމަވެސް ދަރުސް ނިމުމުން ނިކަން ބައްދަލުކޮށްލާފައި އެވާހަކަބުނެލަބަލާށެވެ! ވަރަށް ބޮޑަށް ޔަޤީންކުރެވޭ ގޮތުގައި އެއީ މަދު ޢަދަދެކެވެ. އެކަންވާނީ އެހެންނެވެ.  

ކައިވެނިކުރަން ބޭނުންވެގެން އުޅޭއިރު ދައްކާ ކުލަތައް ކައިވެނީގެފަހުން ދެއްކެނީ ވަރަށް މަދު މީހަކަށެވެ. މިއީ ޤަބޫލުކުރަން ބޭނުންނުވިނަމަވެސް ކަންކަން ހިނގަމުންދާ ގޮތެވެ. ތިމާ ކައިވެނި ނުކުރާނަމަ ތިމާއަށް މިކަންކަން ތަޖުރިބާ އަދި ނުކުރެވި އޮވެދާނެއެވެ! ވީމާ ކައިވެނިކޮށްގެން ތިބި އެކުވެރިންނާއި ސުވާލުކޮށް އޮޅުންފިލުވައިލުން ރަނގަޅުވާނެއެވެ.  

އެއްވެސް މީހަކު ކަންކަން ކުރާނެ ގޮތެއް ނުއެނގޭނެއެވެ. އެއީ އެއްވެސް މީހަކަށް ލިބިގެންވާ ޢިލްމެއް ނޫނެވެ. ނަމަވެސް ކަންކަން ބަލަން ޖެހޭ މިންގަނޑުތަކުން ބަލާނަމަ ކޮންމެވެސް މިންވަރަކަށް ކަންކަން އޮޅުންފިލާނެއެވެ. ހިތާމައަކީ އެއްވެސް މިންވަރަކަށް ނުބަލައި އަނެކާ ދައްކާ ވާހަކަތަކަށް އިތުބާރުކުރެވޭ ކަމެވެ. އެއީ ވަރަށް ބޮޑު ގޯހެކެވެ. އެކަން އިޞްލާޙްކުރާށެވެ!  

މީސްތަކުންގެ އަޚްލާޤަށް އައިސްފައިވާ ބަދަލުގެ ސަބަބުންނާއި ﷲ ތަޢާލާއަށް ބިރުވެތިވުން ކުޑަވެފައިވާ މިންވަރު ބޮޑުކަމުން އެއްވެސް މީހެއްގެ ޙަޤީޤަތް އެނގުމަކީ އެހައިފަސޭހައިން ވާން އޮތްކަމެއް ނޫނެވެ. ވީމާ މިއީ ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ މައްސަލައެކެވެ. 

އިސްތިޚާރާކުރަންވީ އެހެންވެގެންނެވެ. އަދި ކިތަންމެ ލޯބިވީނަމަވެސް އެމީހަކު ދެއްވެވުން އެދި ދުޢާކުރާއިރު ކުޑަތަންކޮޅެއް އިތުރުކޮށްލާށެވެ! "އޭނާއަކީ މިއަޅާ ހިތްދަތިނުކޮށް އުފަލުގައި ބައިންދައިގެން ދިރިއުޅޭނެ މީހަކު ކަމުގައިވާނަމަ" ނުވަތަ "އޭނާއަކީ މިއަޅާއަށް ވަފާތެރި، މިއަޅާއާއިއެކު ހެޔޮ ގޮތުގައި ދިރުއުޅޭނެ، މިއަޅާގެ އީމާންކަން ކުރިއަރުވަން ވާގިވެރިވާނެ މީހަކު ނަމަ" ކުރިއަށް އިތުރުކޮށްލާފައި ލޯބިވާ މީހާ ދެއްވެވުން އެދި ދުޢާކުރާށެވެ! ހިންމަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ  

ގިނަ ޢިލްމުވެރިން ވިދާޅުވަނީ މިވެނި މީހަކު ދެއްވެވުން އެދި ދުޢާނުކުރުމަށެވެ. ސަބަބަކީ ދެއްވަވައިފިނަމަ ބޮލުގައި އަބަދުތަޅާ 14 ރާތަލުގެ މަރުތޭލައަކަށްވެދާނެ ކަމަށްޓަކައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން