ޖެހިގެން މިއުޅެނީ ކުޑަކުޑަ މައްސަލައެކެވެ. އެއީ މައިންބަފައިންގެ ގޯތި ބަހަން 6 ދަރިންގެ މެދުގައި ގުރުވަތުލީއިރު ލިބުނު ބައާއިމެދު ދޮންބެ ހިތްހަމަނުޖެހުމެވެ. ދޮންބެ ބޭނުންވަނީ މަތިމައްޝާ އިންވެގެންނެވެ. ލިބުނީ 3 ވަނައަށެވެ. އެހެންވެ ދޮންބެ އެހުންނަނީ ދެން ތިބި 5 ބެއިންނާއި ވާހަކަވެސް ނުދައްކައެވެ. މިއީ ކޮންކަހަލަ ކަމެއްތޯ؟
ކިޔުންތެރިޔާއަށް ދަނަނަވާލަން އޮތީ އެކަން އޮތްގޮތް ތިރީގައިވާ ލިޔުމުން އެނގިލައްވާނެއެވެ. އިން ޝާ ﷲ
މައިންބަފައިންގެ ބިންބަހާއިރު ހިތްހަމަނުޖެހުން އުފެދޭ ކަންކަންވެސް މެދުވެރިވެއެވެ. އެފަދަ ކަމެއް މެދުވެރިވުމުން ރަޙިމުގެ ގުޅުންވެސް އެބަ ކަނޑާލައެވެ. އަނގައިން ނުބުނެ ޢުމުރަށް އެބަތިބެއެވެ. މިފަދަ ކަންކަން ކުރުމަކީ އެއްގޮތަކަށްވެސް ކޮށްގެން ނުވާނެ ކަމއްއްކަން ތިރީގައިވާ ލިޔުމުން އެނގިލައްވާނެއެވެ. އިން ޝާ ﷲ
"ކުޑަކުޑަ ބިންފޮއްޗެއްގެ މައްސަލައިގައި ސުވަރުގެ ޤުރުބާން ކޮށްލަނީތޯ؟ "ރަޙިމުގެ ގުޅުން ކަނޑައިފި މީހާ ސުވަރުގެ ނުވަންނާނެއެވެ ." (سنن أبي داود 1696)
- ޝައިޚް އަޙްމަދު ރިމާޒް
ޝައިޚް އަޙްމަދު ރިމާޒް ބަޔާންކޮށްދެއްވަވާފައިއެވަނީ ބިންކޮޅެއްފަދަ މުދަލުގެ ދަހިވެތިކަމުގައި އަދިވެސް އެނޫންވެސް ކަމަކާއި ގުޅިގެން ރަޙިމުގެ ގުޅުން ކެނޑުމުގެ ހުރި ނުބައިކަންބޮޑުކަމެވެ.
ފާހަގަކުރަންޖެހޭ ކަމަކީ މުދަލުގެ ދަހިވެތިކަމުގައި އަޚުންގެ އިތުރުން ބައެއް ބެލެނިވެރިން، މައިންބަފައިން އެމީހުން ވިހޭ ދަރިންނާއި ގުޅުން ކަނޑާލައި ވާހަކަވެސް ނުދައްކައި ތިބުން ފަދަ މައްސލަތައް ކުރިމަތިވަމުން އަންނަކަމެވެ. ދަންނަވާލަން ޖެހެނީ ޙައްޤު މިންވަރު ލިބުނު ނަމަވެސް ނުލިބުނު ނަމަވެސް އެއީ ރަޙިމުގެ ގުޅުން ކަނޑާކަމަކަށް ނުހަދާށެވެ. އެ ބިންކޮޅު ނުވަތަ މުދައު ނުލިބުމުން ކުރަންޖެހޭ ހިތާމައަށްވުރެ ސުވަރުގެ ނުލިބިއްޖެނަމަ ކުރަންޖެހޭ ހިތާމަ މާބޮޑުވާނެކަން ހިތްމައްޗަށް ގެންނާށެވެ!
ޙަދީޘްފުޅުގައި ވަނީ ﷲ ތަޢާލާގެ ޙަޟްރަތުގައި މުޅި ދުނިޔޭގެ ބުރަދަން، މަދިރިއެއްގެ ފިޔަ އަކާއި އެއްވަރުވެސް ނުވާކަމަށެވެ.
"ﷲގެ ޙަޟްރަތުގައި ދުނިޔެއަކީ މަދިރިއެއްގެ ފިޔައެއްހައި ބުރަދަންހުރި އެއްޗެއްކަމުގައިވީނަމަ، ކާފިރަކަށް ދުނިޔެއިން ފެންކޯވަރެއްގެ މިންވަރުވެސް ނުދެއްވެވީހެވެ." (އައްތިރްމިޛީ)