މިއަދު ހިތްފުރިގެން އުފަލުގަ ތިބި ގިނަ ބައަކަށް ޤިޔާމަތްދުވަހު ކުރިމަތިވާނެ ޙާލަތު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 52ސ
މިއަދު ހިތްފުރިގެން އުފަލުގަ ތިބި ގިނަ ބައަކަށް ޤިޔާމަތްދުވަހު ކުރިމަތިވާނެ ޙާލަތު-

މީހުންގެ ވިސްނުމުގައި މިންއަޅަމުން މިގެންދެވެނީ ދެކޮޅު ޖެހޭނެ ގޮތަކަށް ހެއްޔެވެ؟ މިއަދު އުފަލުގައި ހުރެވިފައި ދުވަސްކޮޅެއްފަހުން ތިމާއަށް ކުރިމަތިވެދާނެ ބޮޑު ނިކަމެތިކަމާއިމެދު ނުވިސްނާ މީހަކީ ބުއްދިވެރިއަކަށްވާނީ ކިހިނަކުން ހެއްޔެވެ؟  

ދުނިޔޭގެ ޙަޔާތަކީ މަދު ދުވަސްކޮޅެކެވެ. މަރުވުމުން ފެށޭ ޙަޔާތަކީ ނިމުމެއް ނެތް ޙަޔާތެކެވެ. ދުނިޔޭގެ ޙަޔާތް ކިތަންމެ އުފާވެރިވިޔަސް އާޚިރަތް ލިބިނުގަނެވިއްޖެ މީހާގެ ޙަޤީޤީ ޙާލަކީ ކޮބައިހެއްޔެވެ؟  

އެހެންކަމަށްވާއިރު އާޚިރަތް އެދިގެން މަސައްކަތްކުރުމުގެ ވިސްނުން އެމީހެއްގެ ކިބައިގައި ނެތްނަމަ ދުނިޔޭގައި އޭނާގެ ވިސްނުން ކިތަންމެ ތޫނުފިލިނަމަވެސް އެމީހަކަށް ކުރާނީ ކޮންފައިދާއެއް ހެއްޔެވެ؟ ވީމާ ފުރަތަމަ ކަމަކަށް އޮތީ ޢާޚިރަތް ދުވަހަށް ތައްޔާރުވުމެވެ. ތިރީގައިވާ ލިޔުމަކީ އާޚިރަތް ދުވަހާއިމެދު ތިބާ ހޭލުންތެރިކުރުވާނެ ލިޔުމެކެވެ. އިން ޝާ ﷲ

މަސްވެރިޔާއަށް ބޭނުނު ބޮލުގެ ނާށިގަނޑާމެދު އޭނާ ދެއްކި ވާހަކަ-  

އެދުވަހުން (ޤިޔާމަތް ދުވަހު) ފާސިޤު، ފާޖިރު، ކާފިރު އަޅުން ﷲ ހަޟްރަތުގައި ރޮއި ހޭރެމުން އެމީހުން އަނބުރާ ދުނިޔެއަށް ފޮނުވުމަށް އެދި އާދޭސްކުރާނެއެވެ. އެއީ ކީއްކުރަންތޯއެވެ؟ އެއީ އެމީހުންނަށް އަދާނުކުރެވުނު ނަމާދުތައް އަދާކުރުމަށެވެ. ނުހިފިދިޔަ ރޯދަތައް ހިފުމަށްޓަކައެވެ. އަރައިގަނެވުނު މީސްތަކުންގެ ޙައްޤުތައް އަދާކުރުމަށްޓަކައެވެ. މައިންބަފައިންނަށް ކަމޭހިތުމަށްޓަކައެވެ. ކުރެވުނު ބޮޑުވެގެންވާ ފާހިޝްޢަމަލުތަކުގެ ފާފައިން ތައުބާވުމަށްޓަކައެވެ.  

ﷲ އެބައިމީހުންނަށް ވަޙީކުރައްވާނެތެއެވެ. ހެޔޮ ވިސްނޭނެ މީހަކަށް ހެޔޮ ވިސްނޭނެހާ ޢުމުރު ތިމަން އިލާހު ތިޔަބައިމީހުންނަށް ނުދެއްވަމުހެއްޔެވެ؟ އަދި އިންޛާރުކޮށް ޙައްޤު ގޮތް ބަޔާންކުރެއްވުމަށްޓަކައި ރަސޫލުންނާއި ނަބިއްޔުން ނުފޮނުއްވަމުހެއްޔެވެ؟ އަދި ހައްޤާއި ބާޠިލް ވަކިކޮށްދެއްވުމަށްޓަކައި ފޮތްތައް ބާވައިނުލައްވަމުހެއްޔެވެ؟ އަދި ލަޢުނަތް ލެއްވިގެންވާ ޝައިޠާނާއަކީ ތިޔަަބައިމީހުންގެ ޢަދުއްވެއްކަން ބަޔާންކޮށްނުދެއްވަމުހެއްޔެވެ؟ ނަމަވެސް ތިޔަބައިމީހުން ވަނީ ތިމަންއިލާހު ދެއްވި ޢުމުރުގެ ދުވަސްތައް ނުކިޔަމަންތެރިގޮތުގައި ހޭދަކޮށްލާފައެވެ. އަދި ތިމަންއިލާހުގެ ރަސޫލުންނާއި ނަބިއްޔުން ދޮގުކޮށްފައެވެ. އަދި ތިމަން އިލާހު ބާވައިލެއްވި ފޮތްތައް ތިޔަބައިމީހުން ވަނީ އެއްކިބާކޮށްލާފައެވެ. އަދި ތިޔަބައިމީހުންވަނީ ޝައިޠާނާއަކީ މިތުރަކު ކަމުގައި ހަދާފައެވެ. އެހެންވީމާ، މިއަދު ތިޔަބައިމީހުންގެ ޢަމަލުތަކުގެ ހިތި ނަތީޖާ ދެކޭށެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ މިބައިމީހުންގެ ވާހަކަ ބަޔާންކުރައްވާ ވަޙީކުރައްވާފައިވެއެވެ.  

” وَهُمْ يَصْطَرِخُونَ فِيهَا رَبَّنَا أَخْرِجْنَا نَعْمَلْ صَالِحًا غَيْرَ الَّذِي كُنَّا نَعْمَلُ أَوَلَمْ نُعَمِّرْكُمْ مَا يَتَذَكَّرُ فِيهِ مَنْ تَذَكَّرَ وَجَاءَكُمُ النَّذِيرُ فَذُوقُوا فَمَا لِلظَّالِمِينَ مِنْ نَصِيرٍ” (فاطر: 37)

"އެއުރެން އެ ނަރަކާގައި ރޮއިހޭރި ދަންނަވާނެތެވެ. އަޅަމެންގެ ވެރި ރަސްކަލާކޮ! އަޅަމެން ކުރަމުން ގެންދިޔަ (ނުބައި) ޢަމަލުނޫން ޞާލިޙް ޢަމަލުކުރުމަށް އަޅަމެން ނެރުއްވައިފާނދޭވެ! ހަނދުމަކުރާނެ މީހަކު އެދުވަސްތަކުގައި ހަނދުމަކުރާހާ ދުވަހު، ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ޢުމުރު ނުދަންމަވަން ހެއްޔެވެ؟ އަދި އިންޛާރުކުރައްވާ ބޭކަލަކު ތިޔަބައިމީހުންގެ ގާތަށް ވަޑައިގަތެވެ. ފަހެ، ތިޔަބައިމީހުން (ޢަޛާބުގެ) ރަހަ ލިބިގަންނާށެވެ! ފަހެ އަނިޔާވެރިންނަށް ނަޞްރުދޭނެ އެއްވެސް މީހަކު ނުވެއެވެ."  

އެދުވަހުން ﷲ ސުބުޙާނަހޫ ވަތަޢާލާގެ ގަދަފަދަވެގެންވާ ޢަޛާބުން އެއްވެސް މީހަކަށް ސަލާމަތްކަމެއް ހޯދައެއްނުދެވޭނެއެވެ. މަންމައަކަށް، ބައްޕައަކަށް، ދަރިއަކަށް، ބޭބެއަކަށް، ދައްތައަކަށް، އަންބަކަށް، ފިރިއަކަށް އަދި އެއްވެސް މީހަކަށް އަނެކަކަށް ނަޞްރެއް ނުދެވޭނެއެވެ. އެންމެންވެސް އުޅޭނީ އެމީހެއްގެ އަމިއްލަ ނަފްސު ސަލާމަތްނުވެގެންނެވެ. 

އާދެ މިއީ ޤިޔާމަތްދުވަހު މީސްތަކުންގެ ޙާލަތު ހުންނާނެ ގޮތުގެ ކުޑަކުޑަ ޚުލާޞާއެކެވެ. އަހަރެމެން ކޮންމެ މީހަކީވެސް އެދުވަހާ ބައްދަލުކުރަންޖެހޭނެ މީހެކެވެ. އަހަރެމެން އެންމެންވެސް ދަތުރުކުރަމުން މިދަނީ އެދުވަހާ ދިމާލަށެވެ. މިދަތުރުގައި އެންމެ ފުރަތަމަ އަހަރެމެންނާ ބައްދަލުކުރާނެ އެކައްޗަކީ މަރެވެ. މި މަރަކީ އެކަކަށް ވެސް އެއިން ބަރީއަވެ ސަލާމަތްވެގަނެވޭނެ އެއްޗެއް ނޫނެވެ.  

ސަލަފުއްޞާލިޙުންގެ ބޭކަލެއްކަމުގައިވާ އިބްނު ސައްމާކު ރަޙިމަހުﷲ ވިދާޅުވިއެވެ. "އެއްދުވަހަކު މަސްވެރިއަކު އޭނާގެ އާދައިގެ މަތިން މަސްބޭނުމަށްޓަކައި އަތިރިމައްޗަށް ނުކުމެ ކަންވާރު މޫދަށް އެއްލިއެވެ. އެހިނދުގައި ބުޅީގައި އެއްޗެއް އަޅައިގަތެވެ. ދަމާ ނަގާ ބެލިއިރު އެއީ ޤަބުރެއްގެ ބޮލުގެ ކަށިގަނޑެކެވެ. އެހިނދު އެމަސްވެރިޔާ އެކަށިގަނޑަށް ބަލާލާފައި އެކަށިގަނޑާ މުޚާޠަބުކޮށްފައި ރޮމުން ރޮމުން ބުންޏެވެ.

ޢިއްޒައްތެރިއަކު ކަމުގައި ތިބާ ވިއެވެ. އެކަމަކު މި މަރުން ތިބާއަށް ސަލާމަތެއް ނުވެވުނެވެ. މުއްސަންޖަކު ކަމުގައި ތިބާ ވިއެވެ. އެކަމަކު މި މަރުން ތިބާއަށް ސަލާމަތެއް ނުވެވުނެވެ. ފަޤީރަކު ކަމުގައި ތިބާ ވިއެވެ. އެކަމަކު މި މަރުން ތިބާއަށް ސަލާމަތެއް ނުވެވުނެވެ. ދީލަތި މީހަކު ކަމުގައި ތިބާ ވިއެވެ. އެކަމަކު މި މަރުން ތިބާއަށް ސަލާމަތެއް ނުވެވުނެވެ. ޖައްބާރު މީހަކުކަމުގައި ތިބާ ވިއެވެ. އެކަމަކު މި މަރުން ތިބާއަށް ސަލާމަތެއް ނުވެވުނެވެ. ޢިލްމުވެރިއަކު ކަމުގައި ތިބާ ވިއެވެ. އެކަމަކު މި މަރުން ތިބާއަށް ސަލާމަތެއް ނުވެވުނެވެ.” މިމަރުން މީހަކަށް ސަލާމަތްކަން ލިބޭނެނަމަ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟްރަތުގައި އެންމެ މާތް ވެގެންވާ އެންމެ ލޯބިވެގެންވާ އިންސާނާ އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުހަންމަދުން ސައްލަﷲ އަލައިހި ވަސައްލަމަށް ސަލާމަތްކަން ލިބުނީހެވެ. ނަމަވެސް އެކަލޭގެފާނަށް ވެސް ﷲ ސުބުހާނަހޫ ވަތަޢާލާގެ މި އިލާހީ ސުންނަތަކުން ސަލާމަތެއް ނުވިއެވެ.

މަރު އަންނާނެ ވަޤުތަކީ އެކަކަށްވެސް އެނގިގެންވާ ކަމެއްނޫނެވެ. އެކަމުގެ ޢިލްމުވަނީ ހަމައެކަނި ﷲ ސުބުޙާނަހު ވަތަޢާލާގެ ހަޟްރަތުގައެވެ. އިންސާނާއާ މަރު ބައްދަލުކުރާކަށް ވަކި ޢުމުރެއް އަދި ވަކި ތަނެއްނުވެއެވެ.

تزود من التقوى فإنك لا تدري                     إذا جن ليل هل تعيش إلى الفجر

فكم من صحيح مات من غير علة               وكم من سقيم عاش حينا من الدهر

وكم من صبي يرتجى طول عمره               وقد نسجت أكفانه وهو لا يدري 

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މިމަރާއި މަރުގެ ސަކަރާތަށް އަހަރެމެން ތައްޔާރުވެފައި މިވަނީ ކިހާވަރަކަށް ބާވައެވެ؟ ކައްވަޅާއި އެތާނގެ އަނދިރިކަމަށް އަހަރެމެން ތައްޔާރުވެފައި މިވަނީ ކިހާވަރަކަށް ބާވައެވެ؟ ނަކީރާއި މުންކަރު ދެ މަލާއިކަތުންގެ ސުވާލުތަކަށް އަހަރެމެން ތައްޔާރުވެފައި މިވަނީ ކިހާވަރަކަށް ބާވައެވެ؟ ކާއިނާތުގެ ވެރި ޖައްބާރުވަންތަ ޤައްހާރުވަންތަ އިލާހާ ބައްދަލުކުރުމަށް އަހަރެމެން ތައްޔާރުވެފައި މިވަނީ ކިހާވަރަކަށް ބާވައެވެ؟ އެ ބޮޑުވެގެންވާ ދުވަހުގެ ބޮޑުކަމާމެދު އަޅުގަނޑުމެންގެ ވިސްނުން ބޮޑުކުރާކަށް އަދިވެސް ނުވޭބާއެވެ!


- ޝައިޚް އަޙްމަދު ރިމާޒްގެ ލިޔުއްވުމަކުން

 

މިއަދު އޮންލައިން