ދުޢާ ޢިޖާބަ ކުރެއްވެވުމަށް އެދޭމީހާ ސަމާލުކަންދޭންވީ ބައެއް ވަޤުތުތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 34ސ
ދުޢާ ޢިޖާބަ ކުރެއްވެވުމަށް އެދޭމީހާ ސަމާލުކަންދޭންވީ ބައެއް ވަޤުތުތައް-

ކޮންމެ މީހަކުވެސް ދުޢާކުރާނީ ކަމަކަށް ބޭނުންވުމުންނެވެ.

ވީމާ ތިމާގެ ބޭނުން އެންމެ އަވަހަށް ފުދުމަށް ކޮންމެ މީހަކުވެސް އެދޭނެއެވެ. އެހެންވެ ދުޢާ ޢިޖާބަކުރައްވަވާ ވަޤުތުތައް އޮޅުންފިލުވަން ގިނަ ބައަކު ބޭނުންވެއެވެ. ޢާންމުކޮށް ބުނާނަމަ އެކަމަށް ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ. އެއީ އެމީހަކު ކުރާ ދުޢާ ޢިޖާބަކުރެއްވެވުމަށް ކޮންމެ މީހަކު ނަމަވެސް އެދޭނެތީއެވެ.  

ދުޢާ އިޖާބަކުރެވޭ ވަޤުތުތައް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އުއްމަތަށް ބަޔާންކޮށްދެއްވާފައެވެ. މިވަޤުތު ތަކުގައި ކުރާ ދުޢާ އެހެން ވަޤުތުތަކަށްވުރެ އިޖާބަވުން ކައިރިވެގެންވެއެވެ. އަދި މިވަޤުތުތަކުގައި ދުޢާކުރުން މޮޅު އިތުރުވެގެންވެއެވެ. އަދި އެވަޤުތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުން މުސްލިމުންގެ މައްޗަށް ވެއެވެ.  

އޭގެ ތެރޭގައި ސަޖިދައިގައި ވާ ވަޤުތު ހިމެނެއެވެ. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާއާ އަޅާއަށް އެންމެ ކުއްތަންވެވޭ ވަޤުތެވެ. އަދި ބަންގިއާއި ޤަމަތާއި ދެމެދުވެސް އެވަޤުތު ތަކުގައި ހިމެނެއެވެ. އަދި ހަނގުރާމައިގައި އަދުއްވުންނާއި ބައްދަލުވާ ހިނދާއި އަދި ﷲ ސުބުޙާނަހޫ ޖައްލަ ޢުލާ ދުނިޔޭގެ އުޑަށް ނުޒޫލުވެ ވޮޑިގަންނަވާ ވަޤުތުކަމުގައިވާ ރޭގަނޑުގެ ފަހުވަޤުތު ހިމެނެއެވެ. 

ތިރީގައި މިވަނީ ދުޢާ އިޖާބަ ކުރެއްވޭ ބައެއް ވަޤުތުތަކާއި އަދި އެކަމުގެ މައްޗަށް ވާ ދަލީލެވެ. 

ހ. އަޅާ ސަޖިދާގައި ވާ ވަޤުތު.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(أَقْرَبُ مَا يَكُونُ الْعَبْدُ مِنْ رَبِّهِ وَهُوَ سَاجِدٌ فَأَكْثِرُوا الدُّعَاءَ) رواه مسلم في صحيحه: 482.

މާނައީ: "އަޅާ އޭނާގެ ރައްބާއި އެންމެ ކައިރިވެގެންވާ ވަޤުތަކީ އޭނާ ސަޖިދަގައިވާ ވަޤުތެވެ. ފަހެ ތިޔަބައިމީހުން އެވަޤުތުގައި ދުޢާކުރުން ގިނަކުރާށެވެ."

ށ. ބަންގިއާއި ޤަމަތާއި ދެމެދު.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(الدُّعَاءُ لَا يُرَدُّ بَيْنَ الْأَذَانِ وَالْإِقَامَةِ) رواه الترمذي في سننه و صححه: 212

މާނައީ: "ބަންގިއާއި ޤަމަތާއި ދެމެދު ކުރެވޭ ދުޢާ އިޖާބަނުކުރެއްވި ނުދެއެވެ." 

ނ. |ﷲ ސުބުޙާނަހޫ ވަތަޢާލާ ދުނިޔޭގެ އުޑަށް ނުޒޫލުވެވޮޑިގަންނަވާ ވަޤުތު ނުވަތަ ހާރުދަން ވަޤުތު. 

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(يَنْزِلُ رَبُّنَا تَبَارَكَ وَتَعَالَى كُلَّ لَيْلَةٍ إِلَى السَّمَاءِ الدُّنْيَا حِينَ يَبْقَى ثُلُثُ اللَّيْلِ الْآخِرُ فَيَقُولُ مَنْ يَدْعُونِي فَأَسْتَجِيبَ لَهُ وَمَنْ يَسْأَلُنِي فَأُعْطِيَهُ وَمَنْ يَسْتَغْفِرُنِي فَأَغْفِرَ لَهُ) متفق عليه.

މާނައީ: "އަޅުގަނޑުމެންގެ ރައްބު ތަބާރަކަ ވަތަޢާލާ ރޭގަނޑުގެ ފަހުބައިކަމަށްވާ ތިންބައިކޮށްފައި އެއްބަޔަށްވުމުން( ތިންބައިކޮށްފައި ދެބައިނިމުމުން) ދުނިޔޭގެ އުޑަށް ނުޒޫލުވެ ވޮޑިގަންނަވައެވެ. އަދި ވަޙީކުރައްވައެވެ. ތިމަންއިލާހަށް ދުޢާކުރާނީ ކާކުހެއްޔެވެ؟ އެމީހަކަށް އިޖާބަކޮށްދެއްވާހުށީމެވެ. ތިމަންއިލާހުގެ ކިބައިން ކަމަކަށް އެދޭނީ ކާކު ހެއްޔެވެ؟ އެމީހަކަށް ދެއްވާހުށީމެވެ. ތިމަންއިލާހުގެ ކިބައިން ފާފަފުއްސެވުން އެދޭނީ ކާކު ހެއްޔެވެ؟ އެމީހަކަށް ފާފަ ފުއްސަވައި ދެއްވާހުށީމެވެ."

އަދިވެސް އިތުރު ވަޤުތުތައް ޙަދީޘް ބަސްފުޅުތަކުގައި ބަޔާންވެފައިވެއެވެ. އެހެން ލިޔުމެއްގައި އިތުރު ވަޤުތުތަކަށް އަލިއަޅުވާލާނަމެވެ. ދުޢާއަކީ ގިނަގިނައިން ދުޢާކުރާ ބައެއްކަމުގައި އަޅުގަނޑުމެން ލައްވައި އަޅުގަނޑުމެންގެ ދުޢާ އިޖާބަ ކުރެއްވުމެވެ.

وصلى الله وسلم على محمد و آله و صحبه.

 

- ޝައިޚް ޢަބްދުއްރަޙީމް ބިން މުޙައްމަދު

 

 

މިއަދު އޮންލައިން