އަހުރެމެން ދުނިޔޭގައި ލައްވަވާފައި މިވަނީ އެކެއްގެ ކިބައިން އެހީތެރިކަން ހޯދަން އަނެކާއަށް ޖެހޭނެ ގޮތަށެވެ.
ބޭނުންތަކުގައި ކިޔަންޖެހޭނެ ގޮތަށެވެ. އެއްބައަކަށް ތަނަވަސްކަން ދެއްވަވައި އަނެއްބައަކަށް ތަނަވަސްކަން ނުދެއްވަވައި އެވަނީ އެސަބަބަށްޓަކައެވެ.
އެހެންކަމާއިއެކުގައިވެސް ވިސްނާލަންޖެހޭނެ ކަމެއް އެބައޮތެވެ. ދެން އިތުރު އެއްވެސް ގޮތެއް ނެތިގެން ނޫނީ އެއްވެސް މީހެއްގެ ގާތުގައި ކަންކަމު ނުކިޔާށެވެ. އެކަމަށް އޮތްދަލީލަކީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަނބިއަނބިކަނބަލުން ދިރިއުޅުއްވެވި ގަނޑުވަރުކޮޅުތަކުގެ ބަދިގެކޮޅުތަކުގައި ފަރިއްކުޅުއްވެވުމަށް ކައްކަވާނެ އެއްވެސް އެއްޗެއް އަތްޕުޅުގައި ނެތިގެން އުނދުން ރޯނުކުރައްވަވައި 2،3 މަސްދުވަސް ފާއިތުވެގެން ދިއައިރުވެސް އެއްވެސް މީހެއްގެ ކިބައިން އެއްވެސް އެއްޗެއް ނުހޯއްދަވާކަމެވެ.
އެދުވަސްތަކުގައި ހަމައެކަނި ކަދުރުކޮޅަކާއި ފެންފޮދެއް ހިއްޕަވައިގެން ތިއްބެވިކަން އަންގައިދެނީ އަތުގައި ހުރި މިންވަރަކަށް ފުދިގެން ތިބުމުގެ މުހިންމުކަމެވެ.
ކޮންމެއަކަސް ދަތިޙާލަތެއް މެދުވެރިވެގެން ދެން އިތުރު އެހެން އެއްވެސް ގޮތެއް ނެތިގެން މީހެއްގެ ގާތުން ކަމަކަށް އެދެން ޖެހުނަސް އެމީހެއްގެ ގާތުން އެކަމަކަށް އެދުމުގެ ކުރިން ﷲ ތަޢާލާގެ ޙަޟްރަތަށް ދުޢާކުރަންވާނެއެވެ. އަދި އެމީހާގެ ކިބައިން އެކަން ހިންމަވައިދެއްވެވުން އެދިގެންވެސް ދުޢާކުރަންވާނެއެވެ.
ވިސްނާށެވެ! އެއީ ތިބާގެ ބޭނުން ފުއްދައިދެވޭނެ މީހަކުނަމަވެސް އޭނާއަށް އެކަން ކުރެވޭނީ ތިބާގެ ބޭނުން ފުއްދައިދިނުމުގެ ވިސްނުން އެމީހަކަށް ﷲ ތަޢާލާ ދެއްވެވުމުންނެވެ. މީސްމީޙުން ކޮށްދޭ ކޮންމެ ކަމެއްވެސް އެކޮށްދެނީ ﷲ ތަޢާލާ އެކަމަށް މަގުފަހިކޮށްދެއްވެވުމުންނެވެ. ވީމާ މީހަކު ކަމެއްކޮށްދިނުމުން އެމީހަކަށް ޝުކުރުވެރިވުމުގެ ކުރިން ﷲ ތަޢާލާގެ ޙަޟްރަތަށް ޙަމްދުކުރަންވާނެއެވެ. ﷲ ތަޢާލާއަށް ޝުކުރުވެރިވުމަކީ އެއީއެވެ. "ޝުކުރު އަލްހަމްދުލިﷲ." ކިޔަން ހަނދާން ނައްތައިނުލާށެވެ. . އަދި މިޙަދީޘްފުޅަށް ޢަމަލުކޮށް جزاك الله خيرًا ކިޔާށެވެ.
وعن أسامة بن زيد رضي الله عنهما قال: قال رسول الله صلى الله عليه وسلم: "من صنع إليه معروف، فقال لفاعله: جزاك الله خيرًا، فقد أبلغ في الثناء". رواه الترمذي وقال حديث حسن صحيح .
Usamah bin Zaid (May Allah be pleased with them) reported:
The Messenger of Allah (ﷺ) said, "He who is favoured by another and says to his benefactor: `Jazak-Allah khairan (may Allah reward you well)' indeed praised (the benefactor) satisfactorily.''
[At-Tirmidhi].
- މަޢްލޫމާތު: ބިލާލް އައްސަދު، އިސްލާމީ ތިލަފަތުގެ ދަރުސަކުން