ކޮންމެ މީހަކުވެސް އެއްވެސް ދަތުރަކަށް ފުރާނަމަ ފުރިހަމައަށް ތައްޔާރުވާނެއެވެ. ސަލާމަތްކަމާއިއެކު ދަތުރު ފުރިހަމަކުރެވޭނެކަމުގެ ޔަޤީންކަން ލިބިގަންނާނެއެވެ.
ދަތުރަށް ބޭނުންވާނެ ތެލާއި ކާބޯތަކެއްޗާއި ލައިފްޖެކެޓް ހުރިކަން ޔަޤީންކުރާނެއެވެ. އަދި ދަތުރަށް ބޭނުންވާ މިނޫން ކަންކަންވެސް ފުރިހަމަވެފައިވާކަން ޔަޤީންކުރާނެއެވެ.
އެހެންކަމާއިއެކުގައިވެސް ތިމާ ކުރަންޖެހޭނެ އެންމެ މުހިންމު ދަތުރަށް ތައްޔާރުވެވެނީ ވަރަށް މަދު މީހަކަށެވެ. އެދަތުރަކީ އެދަތުރަށް ފުރުމަށްފަހު ކުރިމަތިވާ އެއްވެސް ކަމަކުން ސަލާމަތްވުމަށް އެއްވެސް ކަމެއް ނުކުރެވޭނެ ދަތުރެކެވެ. އެހެންކަމުން އެދަތުރާއިމެދު ފުރިހަމަ މަޢުލޫމާތު ތިރީގައިވާ ލިޔުމުން ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.
އެނބުރި އައުމެއް ނެތް ދަތުރު!:
މި ދަތުރަކީ ކޮންމެ އިންސާނަކުވެސް އެނބުރިއައުމެއްނެތި ހިލޭ ކުރައްވާނެ ހަމައެކަނި ދަތުރެވެ.ދަތުރުވެރިޔާގެ މަޢުލޫމާތު
1. ނަން: އާދަމުގެ ދަރިއެއް 2. ގައުމިއްޔަތު: މަށި 3. އެޑްރެސް: ދުނިޔެ
ދަތުރުގެ ތަފުޞީލު
ފުރަންދާން ޖެހޭ އެއާޕޯރޓު: އަޅުގަނޑުމެން ދިރިމިއުޅޭ ދުނިޔެ
ދާންހަމަޖެހިފައިވާ މަންޒިލު: ކަށްވަޅުގެ ޖަގަހަ ފުރަންދާން ޖެހޭ ގަޑި: "وَجَاءَتْ سَكْرَةُ الْمَوْتِ بِالْحَقِّ ۖ ذَٰلِكَ مَا كُنتَ مِنْهُ تَحِيدُ މާނައީ: އަދި މަރުގެ ސަކަރާތް حق ގޮތުގައި އަންނަހުށްޓެވެ. އެއީ ތިބާ އެޔަށް ފިލަންއުޅޭ ކަމުގައިވީ މަރެވެ." (ޤާފު ސޫރަތް) މަތިންދާ ބޯޓު ނައްޓާލާގަޑި: وَمَا تَدْرِي نَفْسٌ بِأَيِّ أَرْضٍ تَمُوتُ ۚ. މާނައީ : "އެއްވެސް ނަފުސަކަށް އެ ނަފުސެއް މަރުވާނީ ކޮން ބިމެއްގައިކަން ނޭންގޭހުއްޓެވެ." (ލުޤުމާން ސޫރަތް) ހަމައެފަދައިން މަރުވާނީ ކޮންގަޑިއެއްގައިކަންވެސް ނޭންގެއެވެ. ވީމާ ނައްޓާލަން ޖެހޭނީ ކޮން ގަޑިއެއްގައިކަންވެސް ނޭންގެއެވެ. ކޮންމެ ގަޑިއެއްގައިވެސް ނައްޓާލަން ޖެހިދާނެއެވެ. އެއާރލައިން: ސަންދޯކެއްގައި އެތައްބަޔެއްގެ ކޮނޑުމަތީގައި ކަފުނުގެ ތަންމައްޗެއްގައެވެ.ފޮށިތަންމަތި ގެންދެވޭ މިންވަރު
1. ހުދުފޮތީގެ ދެ ފޭރާމާއި ހަނޫތުގެ އަތަރު 2. ކުރިން ކޮށްފައިވާ ހެޔޮ ޢަމަލުތަކާއި ނުބައި ޢަމަލުތައް ( މިނޫން އެއްވެސް އެއްޗެއް ގެންދިޔުމަކީ މަނާކަމެކެވެ. އަދި ނުވެސް ގެންދެވޭނެއެވެ)
ފުރުވަން އާދެވޭނެ ފަރާތްތައް:
1. ދަތުރުވެރިޔާގެ އަހުލުވެރިންނާއި ގާތްތިމާގެ މީހުން 2. ދަތުރުވެރިޔާގެ މުދާތައް 3. ދަތުރުވެރިޔާގެ ހުރިހާ ޢަމަލުތައް
ދަތުރުވެރިޔާގެ ހުރިހާ ޢަމަލުތަކެއް ފިޔަވައި ހުރިހާ އެއްޗެއް ދަތުރުވެރިޔާ ފުރުވުމަށްފަހު އަނބުރައި ދާ ހުއްޓެވެ. ދަތުރުވެރިޔާ ދަތުރުކުރައްވަން ޖެހޭނީ މުޅިން ގިނިކަންޏާއެވެ. ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. ” ތިނެއްޗެއް މައްޔިތާގެ ފަހަތުން ދާހުއްޓެވެ. އެއީ އޭނާގެ އަހުލުންނާއި މުދާތަކާއި އަދި ޢަމަލުތަކެވެ. ދޭއްޗެއް އޭނާ ދޫކޮށްފައި ދާ ހުއްޓެވެ. އަދި އޭނާއާއި އެކު ވާ ހުށީ އެކައްޗެވެ. ދޫކޮށްފައި ދާހުށީ އޭނާގެ އަހުލުންނާއި އޭނާގެ މުދާތަކެވެ. އަދި އޭނާއާއިއެކު ވަނީ އޭނާގެ ޢަމަލުތަކެވެ.” ( ރިވާކުރެއްވީ: އިމާމް ބުޚާރީ އަދި އިމާމް މުސްލިމް)
ދަތުރުގެ މަންޒިލުގައި އަމާންކަން އެދޭނަމަ ހެޔޮ އަމަލުގިނަ ކުރާށެވެ. ނުބައި ޢަމަލުގިނަނަމަ ދަތުރު ނިމޭ ހިސާބުން ގަދަފަދަވެގެންވާ އަޒާބަށް ހުށައެޅިދާނެއެވެ.
ދަތުރުވެރިޔާ ފުރުމަށްފަހު ދަތުރުވެރިޔާއަށް ފައިދާ ކުރާނެ ކަންތައްތައް
1. ދިގުދެމިގެންވާ ޞަދަޤާތް – ދަތުރަށް ފުރުމުގެ ކުރިން މަރުވުމަށްފަހު މީހުންނަށް ފައިދާ ކުރާނެ ފަދަ ޞަދަޤާތްތައް ކުރުން ގިނަ ކުރާށެވެ. 2. ޞާލިޙުދަރިންގެ ހެޔޮ ދުޢާ – ދަތުރުވެރިޔާ ފުރުމުގެ ކުރިން ރަނގަޅުގޮތުގައި ދަރިން ތަރުބިއްޔަތު ކުރާށެވެ. އޭރުން އެކުދިން އިޚުލާސްތެރިކަމާއެކު ދުޢާ ކުރާނެތެވެ. 3. ދަތުރުވެރިޔާ ދޫކޮށްފައިދާ ފައިދާކުރަނިވި ޢިލްމު
ދަތުރަށް ފުރުމުގެ ކުރިން ސަމާލުކަން ދޭން ޖެހޭ ކަންތައްތައް
އަމަންއޮމާން ހިތްފަސޭހަ ނިޔާމަ ދަތުރެއް ބޭނުންނަމަ ތިރީގައިވާ ނުކުތާތަކަށް ސަމާލުކަން ދެއްވާށެވެ. 1. ﷲ ޞުބުޙާނަހޫ ވަތަޢާލާގެ ފޮތާއި އަދި ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަގެ ސުންނަތުގައި އެންގަވާފައިވާ ކަންތައްތަކަށް އަމަލުކޮށް ނަހީކުރެއްވިކަންތައްތަކުން ދުރުވެގަތުން 2. ގިނަގިނައިން މަރުގެ މަތިން ހަނދާންކޮށް ކުށްތަކަށް ތަޢުބާވުން ގިނަކުރުން 3. މައިންބަފައިންނަށް އޯގާތެރިކޮށްހިތުމާއި އަދި ރަޙިމުގެ ގުޅުން ގުޅުވުން 4. ހެޔޮކަންތައްތަކުގެ މޫސުންތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުން ( މިސާލަކަށް: ސުންނަތް ކަންތައްތައްކުރުމާއި، ޒިކުރުކުރުމާއި ރޯދަހިފުން ފަދަ ޢަމަލުތައް ކުރުން ) 5. ފޮނި އުއްމީދުތައް ގިނަނުކޮށް ޢަމަލުގިނަ ކުރުން ( މިސާލަކަށް އަދި ދުނިޔޭގައި އުޅެން ދުވަސްއޮތްކަމަށް ހީކޮށް ތައުބާ ނުވެ ލަސްކުރުން)
ޙާއްޞަ ދެންނެވުމެއް
ބޭނުންވިޔަސް ބޭނުން ނުވިޔަސް މި ދަތުރު ކޮންމެ ފަރާތަކުންވެސް ކުރައްވަންޖެހޭނެއެވެ. ވީމާ ދަތުރަށް ފުރަންޖެހުމުގެ ކުރިން ދަތުރަށް ތައްޔާރުވެ ވަޑައިގެން ފޮށިތަންމަތި ރަނގަޅަށް ބަންނަވައިގެން ހުންނެވުމަށް ދަންނަވަމެވެ. ބައެއް ފަރާތްތަކުން ކުއްލިއަކަށް ފުރަންޖެހުމަކީވެސް ހަމައެކަށީގެންވާ ކަމެކެވެ. ވީމާ އަބަދުވެސް ދަތުރަށް ތައްޔާރުވެވަޑައިގެން ހުންނަވާށެވެ.
އިތުރުމަޢުލޫމާތު
ދަތުރާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ﷲ ސުބުޙާނަޙޫ ވަތަޢާލާގެ ފޮތާއި އަދި ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަގެ ސުންނަތަށް ރުޖޫޢަވެ ވަޑައިގަންނަވާށެވެ. ބޭނުން ވަޤުތަކު ބޭނުންތާކު ހުރެގެން މުޅިން ހިލޭ މަޢުލޫމާތު ސާފުކުރުމުގެ ހިދުމަތް ހަމަޖެހިފައިވެއެވެ.
ދަތުރަށް ތައްޔާރުވުން
އަޅުގަނޑުމެން މި ދުނިޔޭގައި އާދައިގެ ދަތުރެއް ކުރިނަމަވެސް ޒީނަތްތެރިވެ ފޮށިތަންމަތި ތައްޔާރުކޮށް ދާން އުޅޭ މަންޒިލުގައި ފަސޭހަކޮށް އުޅެވޭނެހާ ގޮތްތައް ހަމަޖައްސާ ހަދަމު ނޫންތޯއެވެ. ދާން އުޅޭ ގައުމުގެ ޗާރޓުތަކާއި ރަނގަޅު ތަންތަނާއި އެތަނެއްގެ އަހުލުވެރިންގެ ގޮތާއި ފޮތާއި ދެނެގަނެ އެތަނުގައި އުޅެވޭ މިންވަރަށް ފައިސާ ހޯދައި ހަދަމެއްނޫންތޯއެވެ. ވީމާ އެފަދައިން އަޅުގަނޑުމެން އެންމެން ކުރަންޖެހޭނެ މިދަތުރަށް ތައްޔާރުވުމަށް ފައްޓަވަމާ ހިންގަވާށެވެ. މިއީ ހަމަ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ބޭފުޅަކުވެސް ވަޑައިގަންނަވަން ޖެހޭނެ ދަތުރެކެވެ. މުސްކުޅި ހަރުބަހެއްގައި ބުނާހެން ރައްކާވެތިބިއްޔާ ދަތުރެވެ.
ނިމުނީ
މިލިޔުމަކީ ރައްޓެހިކުއްޖެއް ފޭސްބުކަށް ލާފައިވާ ފޮޓޯއަކުން އޭގައިވާ ލިޔުންކޮޅު އަސްލަކަށް ބަލައިގެން އަލުން އިތުރުބައިތައް އިތުރުކޮށްގެން ލިޔެވިފައިވާ ލިޔުމެކެވެ.
ނޯޓު: މިލިޔުމަކީ ހެޔޮއެދޭ އަޚެއްގެ ނުހަނުގިނަ އެހީތެރިކަމާއެކު ތައްޔާރުކުރެވުނު ލިޔުމެކެވެ. މާތްﷲ އެފަރާތަށް ހެޔޮޖަޒާ ދެއްވާ ގިނަ ނިޢުމަތްތަކާއި ހެޔޮރަޙުމަތް ލައްވާށިއެވެ. އާމީން
ފަހުގެ ލިޔުންތައް
- ޝައިޚް ޢަބްދުއްރަޙީމް ބިން މުޙައްމަދުގެ ލިޔުއްވުމެއް