ނަރަކައިން ސަލާމަތްވެވި ސުވަރުގެ ލިބުމަށް އެންމެ ބޮޑަށް ބޭނުންވާ ކަމަކީ ފަރުޟް ނަމާދުތައް ފުރިހަމައަށް ކުރެވިފައިހުރުމެވެ.
އަޅުގަނޑުމެންނަށް މިއުޅެނީ ފުރިހަމަވުމާއި ގާތަށްވެސް ނަމާދު ނުކުރެވިގެންނެވެ. ޚުޝޫޢަތްތެރިވާންޖެހޭ މިންވަރާއި ގާތަށްވެސް ޚުޝޫޢަތްތެރި ނުވެވިގެންނެވެ. ނަމާދުގައި ކިޔާތަކެތީގެ މާނަ ހަނދާންކުރަމުން ނަމާދުކުރަންވެސް ނުކުޅެދިގެންނެވެ.
މިފަދަ އެތައް ކަމަކުން ނަމާދަށް އުނިކަން ލިބެމުން އަންނައިރު ތިމާއަށް ކުރެވެން ހުންނަ ކަންކަން ނުކުރުމުން ނަމާދަށް އުނިކަން ލިބުން ހުއްޓުވަން މަސައްކަތްނުކުރެވޭނަމަ އެއީ ވަރަށް ދެރަކަމެކެވެ. އެކަންކަން އިޞްލާޙްކުރުމަކީ ކުރަންޖެހޭނެކަމެކެވެ.
އެހެންކަމުން ވިސްނަވާލައްވާށެވެ!
ނަމާދުގައި ފިރިހެނުން ހެދުންލުމަށް ބަލާއިރު ފައިގެ ތަނބިކަށްޓަށްވުރެ ތިރިއަށް ފޭރާން ހުރުމަކީ ދީނީ ބައެއް ޢިލްމުވެރިން ބަޔާން ކުރައްވާ ގޮތުގައި ޙަރާމް ކަމެކެވެ. އަނެއްބައި ޢިލްމުވެރިން ބަޔާން ކުރައްވަވާ ގޮތުގައި އެއީ މަކްރޫހަ ކަމެކެވެ. ހަމައެއާއިއެކު އެކަމުގައި ބޮޑާކަމުގެ ނިޔަތްވާނަމަ އެކަމުގެ ނުރައްކައުތެރިކަމުގެ ބޮޑުކަން އެތައް ގުނައަކަށް އިތުރުވެގެންދެއެވެ.
އެކަމަކީ މަކްރޫހަކަމެއް ކަމުގައި ބެލި ނަމަވެސް ކުރާ ނަމާދުން އުނިވުމުގެ ފުރުޞަތު އެބައޮތެވެ. ވީމާ ނަމާދުގެ ފުރިހަމަ ފައިދާ ނުލިބުމުގެ ބިރު އެބައޮތެވެ. އެފަދަ ބިރުވެރިކަމެއް ބާއްވަންވީ ކީއްކުރަން ހެއްޔެވެ؟ އެއް ބައަކު ބުނާ ގޮތުގައި އެއީ އެއްވެސް މައްސަލައެއް ނޫނެވެ! އެއީ އެއްވެސް ކަމެއް ކަމަށް ނުދެކޭނަމަ އެއްވެސް ޝައްކަތެއް ނެތް މިންވަރަށް އަވަހަށް ފައިކުރި ބުރިކޮށް ކުރުކޮށްލަންވީ ނޫންހެއްޔެވެ؟
ނަމާދަށް ހުންނައިރު ފޭރާން އޮޅުމަކީ ރަނގަޅުކަމެއް ނޫނެވެ! ވީމާ ފަޓުލޫނުގެ ފައިކުރިވެސް ނުއޮޅާށެވެ! އަދި ގަމީހުގެ އަތުކުރި ވެސް ނުއޮޅާށެވެ! ކުރާ ނަމާދުން އުނިވެދާނެ އެއްވެސް ކަމެއް ނުކުރާށެވެ! ކުރާ ނަމާދުގެ ސަވާބު އެންމެ ފުރިހަމައަށް ލިބިގަންނަން މަސައްކަތްކުރާށެވެ!
ނަމާދުން ރައްކައުތެރިވުމަށްޓަކައި ތިމާ ކުރާ ނަމާދުން އުނިވެދާނެ ކަމުގެ ބިރު އޮތް ހުރިހާ ކަމަކުން ދުރުހެލިވާން ޖެހޭނެއެވެ. ތިމާއަށް ނަމާދު ކުރެވުނީ ތިމާއަށް ކުރެވޭނެ އެންމެ ފުރިހަމައަށްކަން ޔަޤީންކުރަންވާނެއެވެ!
- ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ބަސްފުޅެއް