އެއީ ފަނަރަ ސޯލައަަހަރުގެ ކުއްޖެއްގެ ޖަނާޒާއެވެ.
ޖަނާޒާގައި ގިނަ ބައަކު ބައިވެރިވިއެވެ. ސުވާލަކީ އެކަމުން ޙާޞިލުކުރެވުނީ ކޮންފިލާވަޅެއް ހެއްޔެވެ؟ އެއްވެސް ފިލާވަޅެއް ޙާޞިލުވި ހެއްޔެވެ؟ އެހެންވެ ކުޑަ ސުވާލެއް ކޮށްލާނަމެވެ. އެސުވާލަކީ ތިމާގެ ފުރާނަ ނުގެންދަވައި މިހުރެވެނީ ތިމާ ކީއްކުރަންކަން ވިސްނޭ ހެއްޔެވެ؟ ދެއްވަވާފައިވާ ފުރުޞަތަށް އެބަ ޝުކުރުވެރިވަމުހެއްޔެވެ؟
ޝުކުރުވެރިވެވޭނަމަ ޢަމަލުތައް އިޞްލާޙްކޮށް މަރަށް ތައްޔާރުވީހެވެ. އެކަން ނުކުރެވޭނަމަ ޝުކުރުވެރިވެވޭކަމަކަށް ނުވާނެއެވެ. އަދި ދެއްވަވާ ފުރުޞަތުގެ ބޭނުންހިފޭކަމަކަށްވެސް ނުވާނެއެވެ.
ގިނަ ބައަކު ގެންގުޅެނީ ސްމާޓްފޯނެވެ. ފޯނުގެ ބޭނުން އެމީހަކު ބޭނުންވާ ގޮތަކަށް ކުރެވެން އެބައޮތެވެ. ވީމާ ތިމާއަށް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރުމަކީ އެމީހެއްގެ ކަމެކެވެ. ފޯނުން ސޯޝަލް މީޑިއާ ބަލައެވެ. ޙަރަކާތްތެރިވެސް ވެއެވެ. މީގެ ތެރެއިން ބައަކު ކަށުނަމާދުގެ މައުލޫމާތު ފޯރުކޮށްދޭ ގްރޫޕްތައް ބަލައެވެ. ސުވާލަކީ އެއްޗެއް ވިސްނޭ ހެއްޔެވެ؟ އެމީހަކު ބަލަން ބޭނުންނަމަ ކޮންމެ މީހަކަށްވެސް އެމައުލޫމާތު ބެލޭނެއެވެ. ނުބަލަނީ ބަލަން ބޭނުންނުވާތީ ނޫންހެއްޔެވެ؟
ނުބަލާނަމަ އެއީ ވަރަށް ދެރަކަމެކެވެ. ތިމާއަށް ކަށުނަމާދަށް ނުދެވުނަސް، ޖަނާޒާގައި ބައިވެރި ނުވެވުނަސް ކަށުނަމާދު ގްރޫޕްތައް ބަލާށެވެ! އެއިރުން ކޮންމެ ދުވަހަކުވެސް ބައަކު މަރުވަމުންދާ ކަމާއި މަރުވަނީ ވަކިޢުމުރެއްގެ މީހުން ނޫންކަމާއި ހުރިހާ ޢުމުރެއްގެ މީހުންވެސް މަރުވާކަން ހިތަށް ވަންނާނެއެވެ. އެކަމުގެ ސަބަބުން ގިނަގިނައިން ަމރުހަނދާންވާނެއެވެ. ޢާޚިރަތަށް ތައްޔާރުވުމަށްޓަކައި ކުރަން އެންމެ ފައިދާހުރި އެއްކަމަކީ ގިނަގިނައިން މަރުހަނދާންކުރުމެވެ. އެއީ ކޮންމެ ވަޤުތެއްގައިވެސް ތިމާވެސް މަރުވެދާނެ ކަމުގެ ބިރު ހިތަށް ވަންނަމުންދާނެތީއެވެ. މަރަށް ތައްޔާރުވުމާއިމެދު ވިސްނޭނެތީއެވެ.
އާބާދީ މަދުރަށްރަށުގައި މީހުން މަރުވާނީ ވަރަށް މަދުންނެވެ. އެހެންވީމާ ޖަނާޒާތައް ލޮލަށް ފެންނާނީވެސް އަދި ޖަނާޒާއެއްގައި ބައިވެރިވުމުގެ ފުރުޞަތު ލިބޭނީވެސް މަދުންނެވެ. އެހެންކަމާއިއެކުވެސް ގިނަގިނައިން މަރުހަނދާންކުރަން އެބަޖެހެއެވެ. މިބަޔާންކުރިފަދައިން ކަށުނަމާދުގެ ގްރޫޕްތައް ބަލާނަމަ ބޮޑެތި ސިޓީތަކުގައި އުޅުނަސް، ކުޑަ ރަށެއްގައި އުޅުނަސް އެކަމަށް އެވަނީ ފުރުޞަތު ފަހިވެފައެވެ. "އޮޓޮމެޓިކުން" ދާނީ މަރުހަނދާންވަމުންނެވެ.
ކޮންމެ ދުވަހަކު މަރުވާ މީހންނަށް ބަލައިފިނަމަ ގިނައީ ދޮށީ ޢުމުރުގެ މީހުންނެވެ. ނަމަވެސް ތުއްތުކުދިންނާއި ކުޑަކުދިންނާއި ޒުވާނުންވެސް މަރުވެއެވެ. އެކަމުގެ މައުލޫމާތު ދަނީ ކޮންމެ ދުވަހަކުވެސް ލިބެމުންނެވެ.
ކޮންމެއަކަސް އަޅުގަނޑުގެ ސުވާލަކީ ކޮންމެ ދުވަހަކުވެސް މަރުވާ މީހުންގެ ޢުމުރާއިމެދު ވިސްނުން ހިންގާލަމު ހެއްޔެވެ؟ ވިސްނާލާނަމަ މަރުވާން ވަކި އުމުރެއް ނެތްކަން އެނގޭނެއެވެ. އެކަން އެނގުމުން ހިތަށް ބިރވެތިކަން ވަދޭހެއްޔެވެ؟ ދެން މަރުވާނީ ތިމާކަމަށްވެދާނެތީ ބިރެއް ނުގަނޭ ހެއްޔެވެ؟
އެހެންކަމުން ޢިލްމުވެރިއަކު ވިދާޅުވެފައިވާ މިބަސްފުޅަށް ވިސްނައިލުން ކީއްހެއްޔެވެ؟
"ލޮބުވެތި އަޚުން! އަޅުގަނޑުމެނަށް ﷲ ސުބްޙާނަހޫވަތަޢާލާ ދެއްވާފައިމިވާ ޅަޢުމުރުގެ ނުވަތަ ޙަޔާތުގެ ދުވަސްތައް ހެޔޮގޮތުގައި އަޅުގަނޑުމެން އާރާސްތު ކުރަންޖެހޭ، ﷲ ސުބްޙާނަހޫ ވަތަޢާލާ އަންގަވާފައިވާ މަގުން އަޅުގަނޑުމެން ހިނގަން ޖެހޭނީ ، ﷲ ގެ ރަސޫލާ މުޙައްމަދު ﷺ އަޅުގަނޑުމެނަށް ދައްކަވާދެއްވާފައިވާ މަގު އަޅުގަނޑުމެން އިޚްތިޔާރު ކުރަންޖެހޭނީ. އެއީ އަޅުގަނޑުމެން ނަމޫނާއެއްކަމަށް ބަލަން ޖެހޭނީ އޭރުން އާޚިރަތް ބާއްޖަވެރިވެގެންދާނީ!"