ކިތަންމެ މަދު ފައިސާކޮޅެއް ލިބުނަސް އެއްބައަކު ދިރިއުޅެނީ އުފާވެރިކަމުގައެވެ. އަނެއްބައަކަށް ކިތަންމެ ގިނައިން ފައިސާލިބުނަސް އުފާވެރިކަން ނުލިބޭތަނުގައި ކުރަންޖެހޭ ޚަރަދުތައްވެސް އޮންނަނީ ދެކޮޅު ނުޖެއްސިފައެވެ.
އެހެންވެ އަހަރެމެންގެ ތެރެއިން ބައަކަށް ކިތަންމެ ގިނައިން ފައިސާ ލިބުނު ނަމަވެސް އަބަދުވެސް އުޅެނީ އަތްމަތި ހުސްވެގެންނެވެ. ކުރަން ބޭނުންވާ ކަންކަން ވެސް ނުކުރެވިގެންނެވެ. އެޙާލަތުގައި ތަފާތު ޝަކުވާތައްވެސް ކުރެއެވެ.
ޝަކުވާކުރުން ހުއްޓައިލާށެވެ! މިއާޔަތަށް ވިސްނައިލާށެވެ!
"ހަމަކަށަވަރުން، ﷲ، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ރިޒްޤް ތަނަވަސް ކުރައްވައި، އަދި (އެކަލާނގެ އިރާދަކުރައްވާ މީހަކަށް ރިޒްޤް) ދަތިކުރައްވާކަން އެއުރެން ނުދަންނަނީ ހެއްޔެވެ؟ ހަމަކަށަވަރުން، އީމާންވާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ." (އައްރޫމް: 37)
ރިޒުޤް ތަނަވަސްވުމާއި އަތްމަތިދަތިވުން އޮތީ ﷲ ތަޢާލާގެ ޙަޟްރަތަށެވެ. ރިޒްޤް ތަނަވަސްވުމަށް އެދޭމީހާ މި 3 ކަންތަކުގައި ހިފަހައްޓާށެވެ!
"ފަހެ، ތިމާގެމީހާއަށާއި، މިސްކީނުންނަށާއި، ދަތުރުވެރިޔާއަށާއި، (މިއިން ކޮންމެ މީހަކަށް) އެމީހެއްގެ ޙައްޤު ދޭށެވެ! ﷲ ގެ ވަޖުހަފުޅު އެދިގެން އުޅޭ މީހުންނަށް އެގޮތް ހެޔޮކަން ބޮޑެވެ. އަދި ދިންނަވާނޭ މީހުންނަކީ، ހަމަ އެއުރެންނެވެ." (އައްރޫމް: 38)
އަހަރެމެންނަށް މިވާގޮތަކީ އަތްމައްޗަށް ފައިސާއެރުމުން އެއީ ތިމާ މީހާ އެކަނި ބޭނުންކުރަން ދެއްވެވި އެއްޗެއް ކަމަށްހީކޮށް މުށްބާރުކޮށްލެވެނީއެވެ. މިއާޔަތް އޮތްކަން ހަނދާންވެސް ނުހުންނަނީއެވެ. އެހެން ނުހަދާށެވެ! އެއިން ބައިއަޅަންޖެހޭ މީހުންނަށް ބައިއަޅާށެވެ! އެއިރުން ރިޒުޤް ތަމަވަސްކޮށް ދެއްވަވާނެތެވެ! އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން