ލޯބިވެގެން އަހަރަކަށްވުރެ ގިނަ ދުވަހު އެކުގައި އުޅުމަށްފަހު އަންހެން މީހާ ބުންޏެވެ. "މިހެން އުޅެވޭތާ އަހަރަކަށްވުރެ ގިނަ ދުވަސްވީއެވެ. އަދިވެސް އަހުރެންގެ މައިންބަފައިންނާއި ބައްދަލުކޮށް ކައިވެނީގެ ކަންކަން ނިންމާކަށް ނުވޭހެއްޔެވެ؟"
ފިރިހެންމީހާ ބުންޏެވެ. "އަހުރެމެން އެއްވެސް ފާފައެއް ނުކުރަމެވެ. ހަމައެކަނި ބައްދަލުކޮށް ވާހަކަދައްކަނީއެވެ. ފޮޓޯއާއި ވީޑިއޯ ބަދަލުކުރަނީއެވެ. މިކުރެވޭ ކަމަކީ އެކަކު އަނެކަކު ދަސްކުރުމެވެ. ކައިވެނިކުރެވޭނީ އަދި ދުވަސްކޮޅަކުންމެވެ؟"
އެހިސާބުން އަންހެންމީހާ ސުވާލުކުރީ އެދުަވސްކޮޅުގެ ދިގުމިނަކީ ކިހައިދުވަހެއްތޯއެވެ؟ އެސުވާލަކަށް ޖަވާބެއް ނުދެވުނެވެ. އެހެންވެ އެކަމާއި ކަންބޮޑުވެ އަހުރެންގެ ލަފައަކަށް އެދިގެން އަންހެންކުއްޖާ އައުމުން ބުނީމެވެ.
"ކޮއްކޯއެވެ! ރަނގަޅަށް އަޑުއަހާށެވެ! ކަންތައްތައް ތިއައޮތީ ވަރަށް ގޯސް ހިށާބެއްގައެވެ. އެއްވެސް ފާފައެއް ނުކުރާކަމަށްބުނަމުން ތިއަކުރެވެނީ ފާފަތަކެވެ. ތިއައިން އެއްވެސް ކަމަކީ ކައިވެނިނުކޮށް ތިބެގެން ތިއަގޮތަށް ކުރަން ހުއްދަ ކަންކަމެއް ނޫނެވެ. ދެމީހުން ލޯބިވެއްޖެނަމަ އޮތީ އަވަހަށް ކައިވެނިކުރުމެވެ. ކައިވެނިކުރެވޭނެ ދުވަހެއްވެސް ނުއެނގިތިބެ ތިއަގޮތަށް ލޯބިވެގެން އުޅެން ހެޔޮނުވާނެއެވެ.
އިސްލާމް ދީނުގައި ކައިވެނިކުރުމަކީ ވަރަށް ފަސޭހައިން ކުރެވެން އޮތްކަމެއް ކަމުގައި ލައްވަވާފައި އޮތީވެސް ދެމީހަކު ގުޅެން ބޭނުންވެއްޖެނަމަ އެކަންކުރަން ފަސޭހަކޮށްދިނުމަށެވެ. ޑޮކްޓަރުން ދޭ ބޭސް ހިތިނަމަވެސް ބޮނީ ނޫންހެއްޔެވެ؟ ވީމާ ހިތަށް އަސަރުކުރިޔަސް އަވަހަށް އޭނާޢާއިވަކިވާށެވެ. ހިތިރަހަލާ ބޭސް ބުއިމުން ޝިފާ ލިބޭ ފަދައިން ވަކިވުމުން ތިބާއަށް އަސަރުކުރިނަމަވެސް އެކަމުގެ ސަބަބުން ﷲ ތަޢާލާ ތިބާއަށް ލައްވަވާނެ ރަޙްމަތް މާބޮޑުވާނެއެވެ."
އޭނާ އަހުރެންގެ ނަޞީޙަތް ޤަބޫލުކުރިއެވެ. އެލޯބިވެރިޔާއާއި ވަކިވިއެވެ. ވަކިވިތާ 2 މަސްވެސް ނުވަނީސް އޭނާއަށް ލިބުނީ ލޯބިވެގެން އުޅޭނެ މީހެއް ނޫނެވެ. ކައިވެނިކުރާނެ ހެޔޮލަފާ މީހެކެވެ. ކައިވެނިކޮށްގެން ދިރިއުޅެމުން އެގެންދަނީ ވަރަށް އުފަލުގައެވެ.
މިފަދަ އެތައް ޙާދިސާތަކެއް ކޮންމެ ދުވަހަކުވެސް ހިނގައެވެ. ވިސްނައި ފިކުރުކޮށް ޢިބްރަތް ޙާޞިލުކުރާށެވެ. ކާމިޔާބު، އުފާވެރި ޒަވާޖީ ޙަޔާތެއް ލިބޭނީ އެއިރުންނެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން