ބަންގީގެ އަޑާމެދު މިކަންކަން އެނގޭހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 17ސ
ބަންގީގެ އަޑާމެދު މިކަންކަން އެނގޭހެއްޔެވެ؟

ބަންގި ގޮވުމާ ބެހޭގޮތުން ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«ارْفَعْ صَوْتَكَ بِالنِّدَاءِ، فَإِنَّهُ: لاَ يَسْمَعُ مَدَى صَوْتِ المُؤَذِّنِ، جِنٌّ وَلاَ إِنْسٌ وَلاَ شَيْءٌ، إِلَّا شَهِدَ لَهُ يَوْمَ القِيَامَةِ» [رواه البخاري (609)]

މާނައީ: "ބަންގި ގޮވާއިރު އަޑު ހަރުކޮށް ބަންގި ގޮވާށެވެ. ފަހެ ހަމަކަށަވަރުން ބަންގިގޮވާމީހާގެ އަޑު ފޯރާ ހިސާބުގައި ހުރި ކޮންމެ ޖިންނިއެއް، އިންސާނެއް އަދި އެއްޗެއް ޤިޔާމަތްދުވަހު އެކަމަށް ހެކިވާނެއެވެ." 

އަދި ބަންގީގެ އަޑަކީ ޝައިޠާނާއަށް ނުހަނު އުނދަގޫވާ އަޑެކެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. 

«إِذَا نُودِيَ بِالصَّلاَةِ أَدْبَرَ الشَّيْطَانُ وَلَهُ ضُرَاطٌ، فَإِذَا قُضِيَ أَقْبَلَ، فَإِذَا ثُوِّبَ بِهَا أَدْبَرَ، فَإِذَا قُضِيَ أَقْبَلَ، حَتَّى يَخْطِرَ بَيْنَ الإِنْسَانِ وَقَلْبِهِ، فَيَقُولُ: اذْكُرْ كَذَا وَكَذَا، حَتَّى لاَ يَدْرِيَ أَثَلاَثًا صَلَّى أَمْ أَرْبَعًا، فَإِذَا لَمْ يَدْرِ ثَلاَثًا صَلَّى أَوْ أَرْبَعًا، سَجَدَ سَجْدَتَيِ السَّهْوِ» [رواه البخاري (3285)]

މާނައީ: "ބަންގި ގޮވުމުން، (ބަންގީގެ އަޑު ނާހާންވެގެން) ވައިބޭރުކުރާ އަޑު ލައްވަމުން ފުރަގަސްދީފައި ޝައިޠާނާ ދެއެވެ. އަދި ބަންގި ގޮވާ ނިމުމުން އަލުން އާދެއެވެ. އަދި ޤަމަތް ދިނުމުން ފުރަގަސްދީފައި (އަނެއްކާވެސް) ދެއެވެ. އަދި ޤަމަތް ނިމުމުން (އަލުން) އާދެއެވެ. އަދި އިންސާނާއާ އޭނާގެ ޚިޔާލުތަކާ ދެމެދަށް ވަދެ، މިވެނި އެވެނި ކަމެއް ހަނދުމަ ކުރާށޭ ބުނެއެވެ. އެއީ އެމީހަކަށް (ނަމާދުގެ ރަކުޢަތްތައް އޮޅި) ތިން ރަކުޢަތް ތޯ ނުވަތަ ހަތަރު ރަކުޢަތްތޯ (ކުރެވުނީ) ނޭނގޭ ވަރަށެވެ. ފަހެ ކުރެވުނީ ތިން ރަކުޢަތް ތޯ ނުވަތަ ހަތަރު ރަކުޢަތް ތޯ ނޭނގޭނަމަ(ޝައްކުވާނަމަ)، ކުށު ސަޖިދައިގެ ގޮތުގައި ދެ ސަޖިދަ ޖަހާށެވެ." 

ފަހެ އިހު ޒަމާނުގައި ގިނަ މީހުންނަށް ބަންގި ގޮވާ އަޑު އިއްވުމަށްޓަކައި އެބޭކަލުން ބަންގި ގޮވާ އުޅުނީ އުސްތަންތަނަށް އަރައިގެންނެވެ . ނުވަތަ މިސްކިތުގެ މުންނާރަށް އަރައިގެންނެވެ. މައްކާ ފަތަޙުކުރެއްވި ދުވަހު ބިލާލުގެފާނު ބަންގި ގޮވުމަށް އަރައިވަޑައިގަތީ ކަޢުބަތުﷲ ގެފުޅު މައްޗަށެވެ.  އަދި ގިނަ މީހުންނަށް ބަންގީގެ އަޑު އިއްވުމަށްޓަކައި އަޑު ހަރުކޮށް ބަންގިގޮވާ މީހަކަށް، ބަންގިގޮވަން ހަވާލުކުރުމަކީވެސް ސުންނަތްވެގެންވާ ކަމެކެވެ.

 

މަސްދަރު: ދިސަލަފިއްޔާ

މިއަދު އޮންލައިން