ބޭވަފާތެރިވުމަށްފަހު ކުރިން ލޯބިލިބުނުވަރަށް ލޯބި ނުލިބިގެން ޝަކުވާ ނުކުރާތި! އެއީ ހަމައެކަނި ރޮބޮޓުންނަށް ކުރެވޭނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ބޭވަފާތެރިވުމަށްފަހު ކުރިން ލޯބިލިބުނުވަރަށް ލޯބި ނުލިބިގެން ޝަކުވާ ނުކުރާތި! އެއީ ހަމައެކަނި ރޮބޮޓުންނަށް ކުރެވޭނެ ކަމެއް!

"އަހުރެންނަށް ކުށެއް ކުރެވުނެވެ. އެކުށަކީ ބޭވަފާތެރިވުމެވެ. އަހުރެން އެކަމަށް މާފަށް އެދިއްޖައިމެވެ. އަދި މިހާރު އެބާވަތުގެ ކަމެއްވެސް ނުކުރަމެވެ. އެކަމަކު ބައިވެރިޔާގެ ފަރާތުން ކުރިން ލޯބިލިބުނުވަރާއި ގާތަކަށްވެސް ލޯތްބެއް ނުލިބެއެވެ. ޙައްލަކީ ކޮބައިހެއްޔެވެ؟" 

މިއީ ވަރަށް ގިނައިން ލިބޭ ސުވާލެކެވެ. ޖަވާބަކަށް ވިސްނަމާ ހިނގާށެވެ. ލައިގެން ހުރި ފޭރާން ބާލައި އެހެން ކުލައެއްގެ ފޭރާމެއް ލުމުން ހުންނާނީ ތަފާތުކުލައެއްގައެވެ. އެއްވެސް ހިތަކީ މިގޮތަށް ފޭރާން ބަދަލުކުރެވޭ އެއްޗެއް ނޫނެވެ. ވީމާ ހިތުގެ ކަންކަން ވަޤުތުން ވަޤުތަށް ބަދަލުކުރުމަކީ ހަމައެކަކަށްވެސް ކުރެވޭނެ ކަމެއް ނޫނެވެ.  

ހިތަށް ކުރާ އަސަރުގެ ސަބަބުން ކުއްލިއަކަށްވެސް ވަރަށް ބޮޑަށް ބަދަލުވެދާނެއެވެ. އަދި މަޑުމަޑޫން ބަދަލުވަމުން ގޮސް ގިނަ ދުވަހުންވެސް ބަދަލުވެދާނެއެވެ. އެފަދަ ގޮތެއް މެދުވެރިވެއްޖެނަމަ އެކަމުން އަރައިގަންނަން ދުވަސްތަކެއް ނަގާނެއެވެ. އެއީ ބަދަލުކުރަން ބޭނުންވިޔަސް ކުއްލިއަކަށް ބަދަލުކުރެވޭނެ ކަމެއް ނޫނެވެ.  

އިންސާނުން އުފައްދާފައިވާ ރޮބޮޓުގެ ޕްރޮގްރާމް ބަދަލުކޮށްލާއިރަށް އޭތީގެ ކަންކަން ބަދަލުވާހެން އިންސާނުންގެ ހިތުގެ ޙާލަތު ބަދަލެއް ނުކުރެވޭނެއެވެ. އިންސާނުންގެ ހިތާއި ނުކުޅުމަށާއި ހިތަށް އަނިޔާ ނުކުރަން މިހާ ގިނަގައިން ބުނަންޖެހެނީ އެހެންވެގެންނެވެ.  

ވިސްނާށެވެ! ތިބާ ބައިވެރިޔާއަށް ބޭވަފާތެރިވެ އުފާތަކެއް ޙާޞިލްކުރީއެވެ. އެއިރު ބައިވެރިޔާ ދިއައީ ހިތާމަކުރަމުންނެވެ. ތިބާއަށް އެކަން ވިސްނުނީ ބައިވެރިޔާގެ ހިތަށް އަސަރުކުރަމުން ގޮސް ބޮޑު ބައްޔަކަށްވީފަހުން ކަމަށްވެއްޖެނަމަ އެބަލިން އަރައިގަންނަން ދުވަސްތަކެއް ނަގާނެއެވެ. އެދުވަސްތައް އަހަރުތަކަކަށްވެސް ވެދާނެކަން ދަންނަންވާނެއެވެ.  

ބޭވަފާތެރިވުމުގެ ކުރިން އެކަމަށް ނުވިސްނައިފިނަމަ މެދުވެރިވާނެ ގޮތް ތިއަ ފެނުނީއެވެ. ތިބާ އެދޭއިރަށް ބައިވެރިޔާގެ ހިތްބަދަލުނުވެގެން ޝަކުވާކުރަން ތިއަޖެހެނީ ކުރިން އެކަމަށް ނުވިސްނީތީއެވެ. ވީމާ ޝަކުވާ ނުކޮށް ދެންވެސް ކެތްތެރިވެލައި ބައިވެރިޔާއަށް ހެޔޮކޮށް ހިތަމުން ގެންދާށެވެ. ނަތީޖާ ފެންނާނެއެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

މިއަދު އޮންލައިން