ފިރިމީހާ: މިގޭގެ ހުރިހާ ޚަރަދެއް މިބަލަހައްޓަނީ އަހުރެންނެވެ. ކަލެއާއި 4 ދަރިންގެ ހުރިހާ ޚަރަދެއް އެބަ ބަލަހައްޓަމެވެ. މަދުވެގެން ތިއައުޅެނީ ކޮންކަމެއް ހެއްޔެވެ؟ އަބަދު ތިއަ ޝަކުވާ ކުރަނީ ކޮންކަމެއް ނުވެގެން ހެއްޔެވެ؟
އަނބިމީހާ ރޯން ފެށުމުން 10 އަހަރުގެ ދަރިފުޅުގެ ޖަވާބު: ބައްޕާއެވެ! ބައްޕަގެ ތިޖޫރީގައި މިހާރުވެސް ވަރަށް ގިނަ ފައިސާ އެބަހުއްޓެވެ. ބައްޕަ އަހުރެމެންނަށް ޚަރަދުވެސް ކުރެއެވެ. އެކަމުން އަހުރެމެންނަށް ލިބެނީ ކޮން އުފަލެއް ހެއްޔެވެ؟ މަންމައަށްވެސް އަހުރެމެންނަށްވެސް އެއްވެސް އުފާވެރިކަމެއް އެބަހޯދައިދެވޭ ހެއްޔެވެ؟
ބައްޕަ ދިއައީ ސިއްސައިގެންނެވެ. ބުނާނެ އެއްޗަކަށް ވިސްނާލަން މަޑުކޮށްލުމުން އަނެއްކާވެސް ވާހަކަދެއްކީ ދަރިފުޅެވެ. "ބައްޕާއެވެ! ކޮންމެ ދުވަހަކު ކްލާހުގެ ކުދިން އެކުދިންގެ ބައްޕައާއިއެކު ވަޤުތުހޭދަކޮށް އުފާކުރާވާހަކަ ދައްކައެވެ. އަހުރެންނަށް ޖެހެނީ ދެރަނުވާން ދޮގުހަދާށެވެ. ދޮގުހަދަމުން ގޮސް މިހާރު ދޮގުހަދަންވެސް ފޫހިވެއްޖެއެވެ."
ބައްޕައަށް ބުނެވުނެވެ. "ދަރިފުޅާއެވެ! ދެރަނުވާށެވެ! ދެން ދޮގުހަދާކަށް ދަރިފުޅަކަށް ނުޖެހޭނެއެވެ!"
އެކުއްޖާ އެބުނީ ވަރަށް ބޮޑު ތެދެކެވެ. ގޭގައި ކަންކަން ހިނގާ ގޮތުގެ ވާހަކަ ކުދިން ކުލާހުގައި ދައްކާނެއެވެ. އެކަމުގެ އަސަރު ކުދިންނަށް ކުރާނެއެވެ. ވީމާ ގެއަށް ފައިސާ ވެއްދުމުން ހުރިހާ ކަމެއް ނިމުނީކަމަށް ހީވެސް ނުކުރާށެވެ! ފައިސާ ހޯދުމަކީ މުހިންމު ކަމެކެވެ. އެހެނަސް އަނބިދަރިންނާއިއެކު ވަޤުތުކޮޅެއް ހޭދަކޮށްލައި ޢާއިލާއަށް ދިރުން ހޯދައިނުދެވޭނަމަ ހޯދާ ފައިށާއިން ކުރާނެ ފައިދާއެއް ނެތެވެ.
- ތަޖުރިބާކާރު ޢިލްމަވެރިއެއްގެ ވާހަކަފުޅަކުން