މީހަކު ކޮންމެ ކަމެއްވެސް ކޮށްފާނެއެވެ. ކިތަންމެ ބޮޑު ގެއްލުމެއްވެސް އަދި އަނިޔާއެއްވެސް ދީފާނެއެވެ. އެހެނަސް މީހަކު ކޮންމެ ފަދަ ކަމެއް ކުރިކަމުގައިވީނަމަވެސް އެމީހަކަށް ލަޢްނަތް ލެއްވެވުމަށް ނޭދޭށެވެ. އަދި ދެރައެއް ލިބުމަށްވެސް ނުއެދޭށެވެ.
ދަރިންގެ މައްޗަށް މައިންބަފައިންނަށް ޙައްޤުތައް ލިބިގެންވެއެވެ. އެހެންކަމާއިއެކުވެސް ދަރިންނަށް ވެސް ލަޢްނަތް ލެއްވެވުމަށް ނުއެދޭށެވެ. އެކަން އެނބުރި އަންނާނީ އެމީހަކަށެވެ.
އެހެނީ އެއްވެސް މީހަކަށް ލަޢްނަތް ލެއްވެވުމަށް އެދުމުގެ ޙައްޤު އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ. ކޮންމެ މީހަކުކުރާ ޢަމަލުތައްވެސް ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ. އެމީހަކަށް ލަޢްނަތް ޙައްޤުވުމުން ﷲ ތަޢާލާ އެމީހަކަށް ލަޢްނަތް ލައްވަވާނެތެވެ.
ކަން އޮތީ މިފަދައިންނަވެސް ރުޅިއާދެވޭހިނދު މިވެނި މީހަކަށް، އެއީ ދަރިންކަމުގައިވެއްޖެ ނަމަ ދަރިންނަށްވެސް ލަޢްނަތް ލެއްވެވުން އެދި ބައެއް މައިންބަފައިންނަށް އެބައެދެވެއެވެ. މިއީ ކުރެވޭ ވަރަށް ނުބައިކަންބޮޑު ޢަމަލެކެވެ. އެފަދަ ޢަމަލުތައް ނުކުރާށެވެ. އެފަދަ ބަސްތައް ނުބުނާށެވެ!
- މުފްތީ މެންކުގެ ދަރުސަކުން