ދެމަފިރިން އެކަކު އަނެކަކަށް ކޮށްދޭ ހެޔޮކަންތަކުގެ ޘަވާބު ނަގައިނުލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ދެމަފިރިން އެކަކު އަނެކަކަށް ކޮށްދޭ ހެޔޮކަންތަކުގެ ޘަވާބު ނަގައިނުލާށެވެ!

ދެމަފިރިން އެކަކު އަނެކަކަށް ނަމަވެސް އަދި ޢާއިލާގެ މީހަކަށް ނަމަވެސް އަދި ކޮންމެ މީހަކަށް ނަމަވެސް ކަމެއް ނުވަތަ ކަންތައްތަކެއް ކޮށްދިނުމަށްފަހު "އޭނާއަށް މިހައި ގިނަ ކަންތައްތައް ކޮށްދެވިއްޖެ" ކަމަށް ޤަބޫލުކުރެވޭނަމަ އެއީ ކުރެވޭ ވަރަށް ނުބައި ޚިޔާލެކެވެ. ވަރަށް ގެއްލުން ބޮޑު ވިސްނުމެކެވެ.  

ކުރިން މިބުނި ފަދައިން ދެމަފިރިން އެކަކު އަނެކަކަށް ނަމަވެސް އަދި ޢާއިލާގެ މީހަކަށް ނަމަވެސް އަދި ކޮންމެ މީހަކަށް ނަމަވެސް ކަމެއްކޮށްދޭންޖެހޭނީ އެމީހަކަށް ކަމެއް ކޮށްދިނުމަކަށް ނޫނެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ޘަވާބަށް އެދިގެންނެވެ. ވީމާ މިބުނި ފަދަ ވިސްނުން ނުގެންގޫޅޭށެވެ. އެފަދަ ވިސްނުމާއި ދުރުހެލިވާށެވެ. އެފަދަ ޚިޔާލެއް ކުރެވުނަސް އަސްތަޣްފިރުﷲ ކިޔަންވާނެއެވެ. ތައުބާވުމަށެވެ. ފާފަފުއްސަވައިދެއްވެވުން އެދިގެންނެވެ.

ތިމާ ކޮށްދިން ކަންތައް އަނެކާ ބަލައިގަތްކަމާއިމެދު ނުވެސް ވިސްނާށެވެ! އެކަން ﷲ ތަޢާލާ ދެކެދެނެވޮޑިގެންވާ ކަމާއި ތިމާކުޅަ ޢަމަލުތަކުގެ ފަތުގައި ލިޔުއްވިގެންވާކަމަށް ވިސްނާށެވެ! އަދި އާޚިރަތް ދުވަހުން އެކަމަށް ޘަވާބު ދެއްވެވުމަށް އުންމީދުކުރާށެވެ!  

އެކަން ދޫކޮށްލައި ކޮށްދިން ކަންތައް އަނެކާ ބަލައި ނުގަތްކަމާއިމެދު ވިސްނޭނަމަ އެކަމުން ތިމާއަށް ލިބެން އޮތް ޘަވާބު ގެއްލިގެން ހިނގައިދާނެތީ އެކަމަށް ބިރުވެތިވާށެވެ. އެހެންވެ ބައެއް ޢިލްމުވެރިން އެކަން ސިފަކުރައްވަނީ ކަލަގޮވުން ކަމުގައެވެ. ދުލުން ނުބުނި ނަމަވެސް ހިތަށް އެރުވޭތީއެވެ. އެއިރުން އެކުރެވެނީ ފާފައަކަށްވާތީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން