ކައިވެނި ނުކުރެވި ލަސްވާނަމަ ގިނަ ބައަކު ތަފާތު ވާހަކަތައް ދައްކައެވެ. ޚާއްޞަކޮށް އަންހެނަކު ކައިވެނިނުކޮށް ލަސްވާނަމަ ދައްކާ ވާހަކަތައް ގިނަވާނެއެވެ. އެކަމަށް އަޅައިވެސްނުލާށެވެ! އެކަމަށް ކަންބޮޑުނުވާށެވެ!
ކައިވެނި ނުކުރެވި ލަސްވާނަމަ އެއީ ﷲ ތަޢާލާ ދެއްވަވާ ވަރަށް އަގުހުރި ފުރުޞަތެކެވެ. އެއީ ތިބާގެ ސިކުނޑި އެކަމަށް ތައްޔާރުކުރުމަށެވެ. އެއިގެ އިތުރުން ﷲ ތަޢާލާގެ ޙަޟްރަތާއި ބާއްވަންޖެހޭ ގުޅުންތައް ބާއްވަން ލިބެންޖެހޭ ތަމްރީނު ލިބުމަށެވެ.
މައްސަލައަކަށްވަނީ ގިނަ މީހުންނަށް އެކަން ނުވިސްނޭކަމެވެ. މީހުން ދައްކާ ވާހަކަތަކަށް ކަންބޮޑުވެވި ތެޅިފޮޅިގަނެވޭ ކަމެވެ. ނަތީޖާޢަކަށްވަނީ ﷲ ތަޢާލާގެ ޙަޟްރަތާއި ބާއްވަންޖެހޭ ގުޅުންތައް ބާއްވަން ލިބެންޖެހޭ ތަމްރީނު ލިބިގަތުމުގެ ބަދަލުގައި ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ ޢަމަލުތައް ކުރެވެން ފެށުމެވެ. އެގޮތަށް އެކަން ކުރެވިއްޖެނަމަ އެމީހަކުވާނީ ﷲ ތަޢާލާ ދެއްވެވި ފުރުޞަތު ނަގާލައި ޝައިޠޯނާގެ މަގުން ދެވޭ މީހަކަށެވެ.
ދުނިޔޭގައި އުފާވެރިކަން ލިބެނީ އެންމެ އަވަހަށް ކައިވެނިކުރެވޭ މީހުންނަކަށް ނޫނެވެ. އެމީހެއްގެ ދިރިއުޅުމުގައި ﷲ ތަޢާލާ ބަރަކާތް ލައްވަވާ މީހުންނަށެވެ. ކައިވެނިކުރަނީ އުފަލުގައި ދިރިއުޅުމަށެވެ. އެހެނަސް ކައިވެނިކުރެވުނީތީ ހިތާމަކުރަންޖެހޭ މީހުން މަދެއްނޫނެވެ. އެގޮތަށް އެކަން މެދުވެރިވާ ސަބަބުތައް ބައިވަރެވެ.
ކައިވެނިކުރާ ޢުމުރަށް އެޅުމުން ފުރަތަމަ ކަމަކަށް ތިބާގެ ސިކުނޑި އެކަމަށް ތައްޔާރުކުރުވާށެވެ. ހެޔޮލަފާ ބައިވެރިއަކު ދެއްވެވުން އެދިގެން ދުޢާކުރަމުން ގެންދާށެވެ. އެކަމުން ތިބާއަށް އެންމެ ފައިދާކުރާނެ ވަޤުތުގައި ﷲ ތަޢާލާ ތިބާއަށް ބައިވެރިއަކު ދެއްވަވާނެތެވެ. އެބައިވެރިޔާވާނީ ތިބާއަށް ހުރިހާ ގޮތަކުންވެސް އުފާވެރިކަން ލިބިދޭނެ ބައިވެރިއަކަށެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން