މައްސަލަ ޙައްލުވުމުން ﷲ ތަޢާލާގެ މަތިން ހަނދުމަނުކުރެވޭނަމަ އެއީ ފުރާނަހުއްޓަސް ދިރިހުރި މީހެއް ނޫން!: ބިލާލް އައްސަދު

ކިޔުމަށް ހޭދަވާނީ 3މ 2ސ
މައްސަލަ ޙައްލުވުމުން ﷲ ތަޢާލާގެ މަތިން ހަނދުމަނުކުރެވޭނަމަ އެއީ ފުރާނަހުއްޓަސް ދިރިހުރި މީހެއް ނޫން!: ބިލާލް އައްސަދު

ޢާއިޝަތު ރަފާޙް ޢަލީ

އަޅުގަނޑުމެން އިސްލާހުގެ މަގަށް ރުޖޫޢަވުމަށްޓަކައި، ބައެއް ފަހަރު މި އަޚާ ނުވަތަ އުޚުތާ ބުނި ފަދައިން، އަޅުގަނޑުމެން މަގުއޮޅިފައިވާނަމަ، އަޅުގަނޑުމެން ހޭލައްވާލައި އަލުން ސީދާ މަގަށް ގެނައުމަށްޓަކައި ބޮޑު ތޫފާނެއް ބޭނުންވެއެވެ. ކަނޑެއްގެ މެދުގަ ހުއްޓަސް ކަނޑު އަމާންވެ، ހުރިހާ ކަމެއް އަމިއްލަ ބާރުގެ ދަށުގައި އޮތް ކަމަށް އިޙްސާސްވާހާ ހިނދަކު، ކަލަކު ވޮޑިގެންވާކަމަށް ގަބޫލުނުކުރާ މީހަކުވެސް ކަލެއްގެ ބޭނުންތެރިކަމެއް ނުދެކޭނެއެވެ. ނަމަވެސް، ތޫފާނެއް އައިސް، އޮޑީގެ ދެފަރާތުން ފަރުބަދަތަކެއް ފަދަ ބޮޑެތި ރާޅުތައް ނަގަން ފެށުމުން، އެމީހާގެ އެއްވެސް ބާރެއް ނެތްކަން އިހުސާސްވާ ހިނދު، ކަލަކު ވޮޑިގެންވާކަމަށް ގަބޫލުނުކުރާ މީހާވެސް މަތިވެރި ފަރާތެއްގެ އެހީތެރިކަމަށް އެދި ދުޢާކުރާނެއެވެ. 

މިއީ އިންސާނީ ފިޠުރަތުގައިވާ ކަމެކެވެ. އަޅުގަނޑުމެންނަށްވުރެ މަތިވެރި ފަރާތެއްގެ އެހީތެރިކަމަށް އެދުމާއި، އެފަރާތަކަށް އަޅުކަންކުރުމަކީ އިންސާނާގެ ޠަބީޢަތުގައި ލައްވާފައިވާ ކަމެކެވެ. ނަމަވެސް މައްސަލައަކީ އަޅުގަނޑުމެން އެ އިހުސާސްތައް ފޮރުވާލަނީއެވެ. އެކި ކަހަލަ އެޕްލިކޭޝަންތަކާއި، މިއުޒިކާއި، މަސްތުވާތަކެއްޗާއި، ދުނިޔަވީ އެކި ކަންކަމުގައި މަޝްޣޫލުވެ، އެ ފިޠުރަތުގެ އަޑު ކަނޑުވާލަނީއެވެ. މިކަމުގެ ސަބަބުން އިންސާނާގެ ސާފު ފިޠުރަތު ނެތިގޮސް، ނިވާވެގެންދެއެވެ. 

އަޅުގަނޑުމެންގެ ދިރިއުޅުން އަމާންވެ، އެއްވެސް ދަތިކަމެއް ނެތް ވަގުތުތަކުގައި، މަތިވެރި އިލާހުގެ ބޭނުންތެރިކަން އިހުސާސް ނުކުރެވިދާނެއެވެ. ނަމަވެސް، ދަތި އުނދަގޫ ހާލަތެއް ކުރިމަތިވުމުން، އަޅުގަނޑުމެން އަލުން ﷲގެ ހަޟްރަތަށް ރުޖޫޢަވަމުއެވެ. އެހިނދު އަޅުގަނޑުމެންގެ ލޯތްބާއި އިޚްލާޞްތެރިކަން އިތުރުވެއެވެ. މިއީ ވަރަށް މުހިންމު ސުވާލެކެވެ. ދަތިކަން ފިލައި، އަމާންކަން ލިބުމުންވެސް އެ ފޯރިއާއި ލޯބި ދަމަހައްޓާނީ ކިހިނެއް ހެއްޔެވެ؟ އޭގެ ޖަވާބަކީ، ﷲ ހަނދުމަކުރުން ނުވަތަ ޛިކުރުކުރުމުގެ މަތީގައި ދެމިހުރުމެވެ. 

ކީރިތި ޤުރުއާނުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ތަކުރާރުކޮށް އެކަލާނގެ ހަނދުމަކުރުމަށް އަމުރުކުރައްވާފައެވެ. އެއީ ހިތްތަކުގެ ކާނާއެވެ. އެއީ ފުރާނައިގެ ދިރުމެވެ. ﷲ ހަނދުމަނުކުރާނަމަ، އަޅުގަނޑުމެންގެ ހިތްތައް ބަނޑުހައިވެ، ފުރާނަ ނެތިދެއެވެ. ރަސޫލާ ﷺ ގެ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ: "ﷲ ހަނދުމަކުރާ މީހާއާއި، އެކަލާނގެ ހަނދުމަނުކުރާ މީހާގެ މިސާލަކީ ދިރިހުރި މީހަކާއި މަރުވެފައިވާ މީހެއްގެ މިސާލެވެ." އެހެންކަމުން، ﷲ ހަނދުމަކުރާ މީހާއީ ހަގީގީ ދިރުން ހުރި މީހެކެވެ. އަދި ﷲ ހަނދުމަނުކުރާ މީހާއީ، އޭނާގެ ދިރިއުޅުމުގެ ކަންކަމުގައި ﷲއަށް އެއްވެސް މަގާމެއް ނުދޭ މީހާއީ، މަރުވެފައިވާ މީހެއް ފަދަ މީހެކެވެ. 

ބައެއް ފަހަރު އަޅުގަނޑުމެންގެ އީމާންކަމަކީ ހަމައެކަނި ދުލުން ބުނާ ބަހެކެވެ. ﷲގެ އިސްމުފުޅު ކިޔައި އުޅުނަސް، އަޅުގަނޑުމެންގެ އަމަލީ ދިރިއުޅުމުގައާއި، ހިތާއި ސިކުނޑީގައި އެކަލާނގެއަށް ދޭންޖެހޭ މަގާމު ނުދެވެއެވެ. ޛިކުރުކުރުމާ ދުރުވުމަކީ ހިތަށް ލިބޭ ދިރުމާއި ކާނާއާ ދުރުވުމެވެ. ދަތި ހާލަތުގައި އަޅުގަނޑުމެންގެ އަމަލުތައް ހުންނަ ގޮތާ މެދު ފުންކޮށް ވިސްނާލުން ހުއްޓެވެ. އެ ހާލަތުގައި އަޅުގަނޑުމެން ރޭއަޅުކަން ކުރަމުއެވެ. ދަމުނަމާދަށް ހޭލަމުއެވެ. މެދުކެނޑުމެއްނެތި ދުޢާކުރަމުއެވެ. ﷲގެ އެހީތެރިކަމަށް އިންތިހާއަށް ބޭނުންވެފައިވާކަން އިހުސާސްކުރަމުއެވެ. ނަމަވެސް، އެ ދަތިކަން ފިލައި ދިއުމުން، އެ ހުރިހާ ހެޔޮ އަމަލުތަކެއް ދޫކޮށްލެވެއެވެ. 

އެހެންކަމުން، އަމާންކަން ލިބުމުން އަޅުގަނޑުމެންގެ ހާލަތު ބަދަލުވަނީ ކީއްވެގެންތޯ އަމިއްލަ ނަފްސާ ސުވާލުކުރަންޖެހެއެވެ. އޭގެ ސަބަބަކީ އަޅުގަނޑުމެން ކުރަމުން އައި ޛިކުރުތަކާއި އަޅުކަންތައް މަދުވުމެވެ. ނަމާދުތަކަށް ދޭ ސަމާލުކަން ކުޑަވުމެވެ. ދުޢާކުރުން ހުއްޓާލުމެވެ. ދަތި ހާލަތުގައި އަޅުގަނޑުމެން ގިނަގިނައިން ފާފަފުއްސެވުމަށް އެދި ދެންނެވީމުއެވެ. ނަމަވެސް ފަސޭހަކަން ލިބުމުން އެ މުހިންމު އަޅުކަންވެސް ދޫކޮށްލެވެނީއެވެ. އަޅުގަނޑުމެންގެ އީމާންކަން ވަރުގަދަވާނީ، ކޮންމެ ހާލަތެއްގައިވެސް ﷲގެ ހަނދުމަކުރުމުގައި ދެމިތިބެގެންނެވެ.

 

- ބިލާލް އައްސަދުގެ ދަރުސަކުން        

މިއަދު އޮންލައިން