މިނެކިރުމުގަ މަކަރުހަދާ ފިހާރައަކުން ވިޔަފާރިނުކުރާށެވެ! ކޮންމެ ފިހާރައަކުން ވިޔަފާރިކުރިޔަސް ކިރާ ކައްޓާއަށް ބަލަންޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 59ސ
މިނެކިރުމުގަ މަކަރުހަދާ ފިހާރައަކުން ވިޔަފާރިނުކުރާށެވެ! ކޮންމެ ފިހާރައަކުން ވިޔަފާރިކުރިޔަސް ކިރާ ކައްޓާއަށް ބަލަންޖެހޭނެ!

އަޅުގަނޑުމެންގެ ގެއާއި އެންމެ ކައިރީގައި ހުންނަ ފިހާރައިން ގަންނަ ތަކެތި ކިރަނީ ހަމައަކަށް ނޫނެވެ. އެކަން އެނގެނީ ގެއަށް އައިސް ކިރައިލުމުންނެވެ. އެމީހަކު ކުރި ކަމެއް އެމީހަކަށެވެ. ސޭޓުމަކަރުހެދީމާ އެކަން ސޭޓަށެވެ. އެކަން އެނގެއެވެ. އަޅުގަނޑުގެ ސުވާލަކީ މިނެކިރުމުގައި މަކަރުހަދާ ފިހާރަތަކުން ވިޔަފާރިކުރުން ހުއްދަވާނެތޯ؟  

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބުލިބިލައްވާނެކަމަށް އުންމީދުކުރަމެވެ.

މިޒަމާނުގައި ބަރާބަރަށް މިނެކިރުމަކީ ވަރަށް ފަސޭހައިން ކުރެވެން އޮތް ކަމެކެވެ. އެންމެ ގްރާމެއް ބަރުވިނަމަވެސް އަދި ލުއިވިނަމަވެސް ބޮޑު ސްކްރީނަކުން އެކަން ދައްކައިދެއެވެ. ބޮޑެތި އަކުރުތަކުންނެވެ. އަދި ނަގަންޖެހޭ އަގުވެސް އަންގައިދެއެވެ. ވީމާ ބޭނުންވަނީ ރަނގަޅު ކައްޓާއެކެވެ. ތެދުވެރިކަމެވެ. ﷲ ތަޢާލާއަށް ބިރުވެތިވުމެވެ.  

މިނެކިރުމަށްބަލާއިރު ތަކެތި ގަންނަ މީހާގެ ދައުރެއްވެސް އެބައޮވެއެވެ. އެއީ ކިރާއިރު ކައްޓާއަށް ބެލުމެވެ. ބަރުދަނާއި ދޭންޖެހޭ އަގު އަމިއްލައަށް ބެލުމެވެ. ކަސްޓަމަރުން އެކަމަށް ސަމާލުކަންދޭނަމަ ކުރިމަތިވާ މައްސަލަތައް މަދުވާނެއެވެ.  

ތިރީގައިވާ ލިޔުމުން މިނެކިރުމުގައި ތެދުވެރިވުމަކީ ކިހައި މުހިންމުކަމެއްކަން އެނގިލައްވާނެއެވެ. އިން ޝާ ﷲ  

سعد بن المسيب ވިދާޅުވެފައި ވެއެވެ. " މިނެކިރުން ބަރާބަރަށް ގެންގުޅޭ ރަށަކަށް ދެވިއްޖެ ނަމަ އެރަށުގައި ގިނަދުވަހު ހުންނާށެވެ! އަދި މިނެކިރުމުގައި އުނިކޮށްއުޅޭ ބައެއްގެ ރަށަކަށް ދެވިއްޖެނަމަ އެރަށުގައި ގިނަ ދުވަހު ނުހުންނާށެވެ!"  

މިމޭރުމުން ވިދާޅުވެފައި އެވަނީ މިނެކިރުމުގައި ތެދުވެރިނަމަ އެރަށަކަށް (އެބައަކަށް) ރަޙްމަތް ލައްވަވާނެތީ އާއި މިނެކިރުމުގައި މަކަރުހަދާނަމަ އެބައެއްގެ މައްޗަށް ކޯފާލައްވަވަނެތީއެވެ.

މިނެކިރުމުގައި އުނިކޮށް ލުއިކުރާ މީހުން ނަށް ހަލާކާއި ގެއްލުން ހުރިކަމުގެ ވަޢީދުގެ ބަސްފުޅު އައިސްފައި ވެއެވެ. އެކަމުގައި ވަނީ ނުބައިގެ މައްޗަށް ނުބައެވެ. އެހެނީ، އެއީ ނުބައިވެގެންވާ ޚުލުޤެކެވެ. މީސްތަކުންގެ މުދާތައް ބާޠިލްގޮތުގައި ކެއުމެކެވެ. ޖަޒާދެއްވުމަށް ދުވަހެއް އޮތްކަން ހަނދާންނައްތާލުމެވެ. އަމާނާތްތެރި ކަމުން ދުރުހެލިވުމެވެ. ތެދަށް ފުރަގަސް ދިނުމެވެ. އިތުބާރު ގެއްލުމެވެ. ﷲ ގެ ކޯފާއަށް ހުށަހޮޅި ގަތުމެވެ.  

މާތް ﷲ ވަޙީކުރައްވާފައި ވެއެވެ.  " وَيْلٌ لِلْمُطَفِّفِينَ (1) الَّذِينَ إِذَا اكْتَالُوا عَلَى النَّاسِ يَسْتَوْفُونَ (2) وَإِذَا كَالُوهُمْ أَوْ وَزَنُوهُمْ يُخْسِرُونَ (3) أَلَا يَظُنُّ أُولَئِكَ أَنَّهُمْ مَبْعُوثُونَ (4) لِيَوْمٍ عَظِيمٍ (5) يَوْمَ يَقُومُ النَّاسُ لِرَبِّ الْعَالَمِينَ (6) " (المطفّفين 1-6)

މާނައީ: އަނެކުންނަށް (މިނެކިރައިދިނުމުގައި) އުނިކުރާމީހުނަށް ހަލާކު ހުއްޓެވެ. އެބައިމީހުންނީ މީސްތަކުންގެ ކިބައިން މިނާނަމަ ހަމަކުރާމީހުންނެވެ. އަދި އެބައިމީހުންނަށް މިނެދޭ ހިނދު ނުވަތަ، އެބައިމީހުންނަށް ކިރައިދޭހިދު ގެއްލުންކުރާ މީހުންނެވެ. އެބައިމީހުންނީ ބޮޑުވެގެންވާ ދުވަހަކަށް ފޮނުއްވޭނޭ ބަޔަކުކަމުގައި އެބައިމީހުން ހީނުކުރަނީ ހެއްޔެވެ؟ އެއީ ޢާލަމްތަކުގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި މީސްތަކުން ޤާއިމުވެ ކޮޅަށް ތިބޭ ދުވަހެވެ." 

މިވަޞިއްޔަތުގައި މާތް ﷲ އަންގަވާ ފައިވަނީ މިނެކިރުމުގައި ޢަދުލުވެރި ގޮތަށް ކަންތައް ކުރުމަށެވެ. އެދެކަންތަކުގައި އުނި ކޮށް ލުއިކޮށް ނުހެދުމަށެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. 

"وَأَوْفُوا الْكَيْلَ وَالْمِيزَانَ بِالْقِسْطِ ۖ لَا نُكَلِّفُ نَفْسًا إِلَّا وُسْعَهَا ۖ" (الأنعام : 152)

މާނައީ: " ތިޔަބައިމީހުން (ގަނެ ވިއްކުމުގައި ) މިނުމާއި ކިރުން ޢަދްލުވެރި ގޮތުން ހަމަހަމައަށް ފުއްދާށެވެ.  ތިމަން ރަސްކަލާނގެ އެއްވެސް ނަފްސަކަށް ކުޅަދާނަވެގެންވާ ވަރަށް މެނުވީ މަސައްކަތެއް ނުޖައްސަވަމެވެ."  

އެހެން އާޔަތެއްގައި މާތް ﷲ އަންގަވާފައި ވެއެވެ. 

"وَأَوْفُوا الْكَيْلَ إِذَا كِلْتُمْ وَزِنُوا بِالْقِسْطَاسِ الْمُسْتَقِيمِ ۚذَٰلِكَ خَيْرٌ وَأَحْسَنُ   تَأْوِيلًا (35) (الإسراء: 35)

"  މާނައީ: " ތިޔަބައިމީހުން މިނެދޭނަމަ މިނުން ހަމައަށް ފުއްދާށެވެ! (އެބަހީ އުނި ނުކުރާށެވެ. ) އަދި ސީދާވެގެންވާ ތިލަފަތުން ތިޔަބައިމީހުން ކިރާށެވެ! އެގޮތް ތިޔަބައިމީހުންނަށް (ދުނިޔޭގައިވެސް) ހެއުކަން ބޮޑެވެ. އަދި އާޚިރަތުގެ ދަރުމަ ބޮޑެވެ." 

މިނެކިރުން ހަމައަށް ފުއްދުމަކީ އުނި ނުކުރުމެވެ. ކީރިތި ޤުރްއާނުގެ ޞަރީޙަ ޢިބާރާތުން އަންގަވާފައިވާ ފަދައިންނެވެ.

" وَلَا تَنقُصُوا الْمِكْيَالَ وَالْمِيزَانَ ۚ " (هود: 84)

މާނައީ: " ތިޔަބައިމީހުން މިނާތަކެއްޗާއި، ކިރާތަކެތި އުނި ނުކުރާށެވެ! "  

މިނެކިރުމުގައި ހަމަހަމަ ކުރުމަކީ ވަރަށް މަތިވެރި ޚުލްޤެކެވެ. ތެދުވެރި ކަމާއި، އަމާނާތްތެރި ކަމުގެ ދަލީލެކެވެ. އެކަމުގައި ފަރުވާކުޑަ ނުކުރާ މީހުންނަކީ މާތް ﷲ އަށް ބިރުވެތިވާ މީހުންނެވެ. މިނެކިރުން އުނިނުކޮށް ބަރާބަރަށް ކުރާމީހުންނަށް ދުނިޔެއާއި އާޚިރަތުގައި ލިބޭނީ ފޮނި ނަތީޖާ އެވެ. ދުނިޔޭގައި ތަޢުރީފާއި ރިވެތި ނަމެވެ. މުޢާމަލާތު ކުރަން އަންނަ މީހުން ގިނަވުމެވެ. ލިބޭ ފައިދާގައި ބަރަކާތް އިތުރުވުމެވެ. އޭނާއަށް ތަބާވާ މީހުން ގިނަވަމުން ދިއުމެވެ. އާޚިރަތުގައި ހެޔޮ ޖަޒާއެވެ. ގިނަގުނަ ޘަވާބެވެ. ދާއިމީ ނިޢުމަތެވެ.  

- ފަޟީލަތުއްޝައިޚް މޫސާ ފަތުޙީގެ ލިޔުއްވުމަކުން  

މިއަދު އޮންލައިން