އިންސާނާ އެކަމެއް ކުރަން އެންމެ ބޮޑަށް އަވަސްވެގަންނަންވީ ކަންތައް ގިނަބައަކަށް ވަނީ ވަރަށް ބޮޑަށް އޮޅިފައެވެ. އެހެންކަމުން އެންމެ ގިނަބައަކަށް ދެރަ ލިބެނީ ފަހުން ތައުބާވާން މަޑުކުރުމުންނެވެ.
އެފަދަ މީހުންނަށް ތައުބާގެމަތިން ހަނދާންވަނީ މަރުގެ މަލާއިކަތާ ފެނުމުންނެވެ. ނަމަވެސް އެހިސާބުން ކުރެވޭނެ އެއްވެސް އިތުރުކަމެއް ނުއޮންނާނެއެވެ. މަރުގެ މަލާއިކަތާ ލޮލަށް ފެނުމާއިއެކު ތައުބާގެ ދޮރު އެވަނީ ބަންދުވެފައެވެ.
މީސްތަކުންނޭވެ! އެންމެ ނުބައިކަން ބޮޑީ ފާފަކުރެވުމުން ތައުބާ ނުވުމެވެ. ތައުބާވުން ލަސްކުރުމެވެ. އެއީ ކުރެވުނު ފާފައަށްވުރެ މާބޮޑު ކަމެކެވެ. ފާފަ ކުރެވުމުން އަވަހަށް ތައުބާވާށެވެ! ތައުބާވުމަށް އަވަސްވެގަންނާށެވެ! ނޫނީ ބޮޑާވެ ކިބުރުވެރިވާ މީހުންގެ ތެރެއިން ހިމެނި މީހާ ހަލާކުވެގެން ހިނގައިދާނެއެވ
ދުނިޔޭގެ ނިޒާމުގައި މިއޮންނަ ޢާންމު އުޞޫލަކީ ކަމަކުން ފޭލްވެއްޖެ ނަމަ ފޭލްވީއެވެ. ދެވަނަ ފުރުޞަތު ލިބެނީ ވަރަށް އުނދަގުލުންނެވެ. ގިނަ ފަހަރު އޮންނަނީ ދެވަނަ ފުރުޞަތު ނުވެސް ލިބިފައެވެ.
ނަމަވެސް ﷲ ތަޢާލާގެ ދީލަތިވަންތަކަން ނިކަން ދެކެބަލާށެވެ! ފޭލްވުމަކަށް އަދަދެއްވެސް ނެތެވެ. ހަމަ ފޭލްވާއިރަށް ރުޖޫޢަވާންވީއެވެ. އެކަމަށް ވަކި އަދަދެއް ޚާއްޞަކުރެވިފައެއް ނުވެއެވެ. ފާފަކުރެވޭލެއް ގިނަކަމުން ތައުބާވާންޖެހޭ މިންވަރު ގިނަވެގެންވެސް ލަދުގަންނަން ޖެހެނީ ފާފަކުރާ މީހާއެވެ! ތައުބާވެއްޖެ ނަމަ ﷲ ތަޢާލާ އެކަން ޤަބޫލުފުޅު ކުރައްވަވަތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން