ކުށެއް ކުރެވުމުން އެކަން ޤަބޫލުނުކުރެވޭ މީހަކަށް ދުވަހަކުވެސް އިޞްލާޙެއް ނުވެވޭނެއެވެ. ތިބާގެ ހިތަށާއި ޖިސްމަށް އަނިޔާކުރާ މީހުންނަށް އެކަންކަން ކުރުމުގައި ދެމިތިބެވެނީ މާގިނަފަހަރު މާފުކުރެވޭތީއެވެ.
އަދި ތަކުރާރުކޮށް ސަލާންޖަހައި އާދޭސްކުރެވޭތީއެވެ. އެގޮތަށް ކަންތައް ކުރެވެނީ އަނެކާ ބަދަލުވެދާނެ ކަމުގެ އުންމީދުގައެވެ. ބަދަލުވެ ހެޔޮލަފާ ދިރިއުޅުމެއް އުޅެންފަށައިފާނެކަމަށް މާބޮޑަށް އުންމީދުކުރެވޭތީއެވެ.
ޤަބޫލުކުރަންޖެހޭ ކަމަކީ ތިބާ މީހަކު ދެކެވާ ލޯތްބަކުން އަނެކާގެ އުޅުން ބަދަލުނުކުރެވޭނެ ކަމެވެ. މީހެއްގެ އުޅުން ބަދަލުކުރެވޭނީ އެމީހަކު އަނެކާދެކެވާ ލޯބިންނެވެ.
އެއްވެސް ޙާލެއްގައި އަހުރެން މިބުނަނީ ބައިވެރިޔާއަށް ކުށެއްކުރެވޭއިރަށް ފުންމައިގެން އެންމެ މަތީ ހަރުފަތަށް އަރަންޖެހޭނެ ވާހަކައެއް ނޫނެވެ. އެހެނަސް އެކުގައި ދިރިއުޅުމަށްޓަކައި އިޞްލާޙްކުރަންޖެހޭ ކަންކަން އިޞްލާޙްނުކުރާނަމަ އާދޭސްކުރަން ނުހުރުމަށެވެ. މާފުކުރުމުގައިވެސް އިމެއް ބޭއްވުމަށެވެ.
މިވާހަކަކޮޅަށްފަހު މިބުނަނީ ގިނަ ގިނަބައަކަށް ފާފަކުރުމުގައި ދެމިތިބެވޭ ސަބަބަށެވެ. އަދި ބިރެއް ނެތި ފާފަކުރެވޭ ސަބަބަށެވެ. އެސަބަބަކީ ތިމާއަށް މިކުރެވެނީ ފާފައެއްކަން ނުވިސްނޭކަމެވެ. ނުވަތަ ވިސްނުނަސް ހިތަށް ބިރުވެރިކަން ނުވަންނާތީއެވެ.
ޒަވާޛީ ޙަޔާތުގައިވެސް މިވަނީ އެފަދަ ގޮތަކަށެވެ. ތިމާއަށް މިކުރެވެނީ ކުށެއްކަން ވިސްނުނަސް ޤަބޫލުކުރަން ބޭނުންނުވަނީއެވެ. ކުށް ޤަބޫލުކޮށް އިޞްލާޙްވާން ބޭނުންނުވަނީއެވެ. ވީމާ ދެމީހުންތިބީ ލޯބިވެރިންގެ ގޮތުގައި ނަމަވެސް ދެމަފިރިންގެ ގޮތުގައި ނަމަވެސް ކުށްޤަބޫލުނުކުރާ މީހަކާއިއެކު ކުރިއަށްދާން މަސައްކަތްކޮށްގެން ލިބޭނެ ކުރިއެރުމެއް ނުއޮންނާނެއެވެ.
ފާފައެއް ކުރެވިއްޖެނަމަ އަހުރެމެންނަށް އޮތީ ތައުބާވުމަށް އަވަސްވެގަތުމެވެ. ތައުބާވެވޭނީވެސް ކުށް ޤަބޫލުކޮށްގެންނެވެ. އަދި އެކުށް ތަކުރާރުނުކުރަން ޢަޒުމްވެސް ކަނޑައަޅައިގެންނެވެ. އެނޫން ގޮތަކަށް ތައުބާއެއް ނުވެވޭނެއެވެ.
މިއީ ދިރިއުޅުމުގައިވެސް ޢަމަލުކުރަން އޮތްގޮތެވެ. ކުށެއް ކުރެވިއްޖެނަމަ އޮތީ އެކަން ޤަބޫލުކޮށް ބައިވެރިޔާގެ ކިބައިން މާފަށް އެދުމެވެ. އެކަންކުރަން ފަސްޖެހޭ މީހަކަށް ކިތަންމެ ވަރަކަށް އާދޭސްކުރިޔަސް ކުރާނެ ފައިދާއެއް ނެތެވެ. އޮންނާނެ ހަމައެކަނި ޙައްލަކީ އެމީހެއްގެ ކިބައިން އަވަހަށް ސަލާމަތްވުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން