މިދައްކަނީ ބައިޤަރުނުގެ ވާހަކައެވެ. 50 އަހަރުގެ ވާހަކައެވެ.
އެއީ ގިނަ ބައެއްގެ މުޅި ޢުމުރުކަމަށްވެސް ބެލިދާނެއެވެ. އެހައިވެސް ގިނަ ދުވަހެވެ. މިގެނެސްދެނީ ފަންސާސް އަހަރުވަންދެން އުފާވެރިކަމާއިއެކު ޒަވާޖީ ހަޔާތް ހޭދަކުރި މީހަކު ބުނެފައިވާ ވާހަކަކޮޅެކެވެ.
"އަހުރެމެންގެ ޒަވާޖީ ޙަޔާތް އުފާވެރިކަމާއިއެކު ފަންސާސް އަހަރުވަންދެން ދެމިއޮތީ ދެމީހުންގެ މައްސަލައެއް ނުޖެހޭތީއެއް ނޫނެވެ. ޚިޔާލުތަފާތުވެއެވެ. މައްސަލަވެސް ޖެހެއެވެ. އެކަމަކު ދެމީހުން ހިފެހެއްޓި އަދި މިހާރުވެސް ހިފަހައްޓާ އެއް ޤަވާއިދެއް އެބައޮތެވެ.
އެއީ މައްސަލައެއް ޖެހޭއިރަށް ވަޤުތުން އެކަމެއް ޙައްލުކުރުމާއި މައްސަލައިގެ އެންމެ ފުނަށް ގޮސް މައްސަލަ ޖެހެން ކުރިމަތިވި ސަބަބު ދެނެގަނެ އެސަބަބު ވަޤުތުން ނައްތައިލުމެވެ."
އަހުރެން ބުނާނީ މިއީ ކައިވެނި ކާމިޔާބުކުރަން އެދޭނަމަ ކޮންމެ ދެމަފިރިއަކުވެސް ހަތަރެސްފައިންނާއި ލޮލުންނާއި ބޮލުން އަދި ހިތުގެ އެންމެ އަޑިން ޤަބޫލުކޮށް ޢަމަލުކުރަން ޖެހޭނެ ޤަވާއިދެއް ކަމަށެވެ.
މިޤަވާޢިދުގެ ފުރަތަމަ މާއްދާއަކީ މައްސަލައެއް ޖެހިއްޖެނަމަ އެކަން ހިތުގައި އަލައިގެން ނުހުރެ އެކަން ވަޤުތުން ޙައްލުކުރުމެވެ. އެއިރުން ހިތުގައި ޝައްކު އުފެދިގެން ޝައްކުމަތީގައި ހުންނާކަށް ނުޖެހޭނެއެވެ. ޝައްކުމަތީގައި ހުރެ ބައިވެރިޔާގެ މަތިން ފޫހިވާކަށްވެސް ނުޖެހޭނެއެވެ.
ދެވަނަ މާއްދާއަކީ މައްސަލަ ޖެހެން ޖެހުނު ސަބަބަބު ދެނެގަނެ ވަޤުތުން އެކަން ޙައްލުކުރުމެވެ. އެކަން ކުރެވޭނީ ކުށްކުރެވުނު މީހާ ކުށަށް އިޢްތިރާފްވެގެންނެވެ، ތެދުބަހުން ބުނެގެންނެވެ. އަދި އެކުށް ތަކުރާރުނުކުރަން ޢަޒުމް ކަނޑައަޅައިގެންނެވެ.
އަހުރެން ބުނާނީ މިޤަވާޢިދަށް ޢަމަލުކުރާ ދެމަފިރިއަކު ނަމަ އަބަދުވެސް ތިބޭނީ އުފަލުގައި ކަމަށެވެ. ޙައްލުނުކުރެވޭނެ އެއްވެސް މައްސަލައެއް ނުއޮންނާނެ ކަމަށެވެ.
- އަލަފް / މިއަދުނޫސް