ކައިވެނީގައި ދިހަބާރަ އަހަރުވެއްޖެއެވެ.
އުފާވެރިކަމެއް ނުލިބުނެވެ. މިވަނީ ކިހިނަކުން ހެއްޔެވެ؟ މިއީ ގިނަބައެއްގެ ހިތުގައި އުފެދޭ ސުވާލެކެވެ. އެހެންކަމުން ފާހަގަކުރަން މަސައްކަތް މިކުރަނީ ވިސްނަންވީ ކަންކަމެވެ.
ދިރިއުޅުމުގެ ހަޤީޤަތްތަކުގެ ތެރެއިން ކަމެއް ފާހަގަކޮށްލާނަމެވެ. އެކަމަކީ ތިބާ އެތައް އަހަރުތަކެއް ވަންދެން ކައިވެނިކޮށްގެން އުޅުނު ބައިވެރިޔާގެ ކިބައިން ލިބުނު އުފާވެރިކަމާއި ހިތްހަމަޖެހުމަށްވުރެ ކައިވެނިކޮށްގެން އެންމެ އަހަރެއްހައި ދުވަހު އެކުގައި އުޅުނު ބއިވެރިޔާގެ ކިބައިން ލިބޭ އުފަލާއި ހިތްހަމަޖެހުން މާބޮޑުވެދާނެކަމެވެ.
މިއީ އަހުރެން ބުނާ ބަހެއް ނޫނެވެ. މިކަމަށް އެއްބަސްވެ ހެކިދޭނެ އެތައް މިލިއަން ބައަކު ދުނިޔޭގައި އެބަތިއްބެވެ. އެމީހުން ގެންދަނީ އެވާހަކަތައް ކިޔައިދެމުންނެވެ.
މިކަމުން އަންގައިދެނީ ކޮންކަމެއް ހެއްޔެވެ؟ އަހުރެން ބުނާނީ މިކަން އަންގައިދެނީ މުހިންމީ އެކުގައި އުޅޭ މުއްދަތު ނޫންކަމާއި ލޯތްބާއި އަޅައިލުން ދެވޭ މިންވަރުކަމެވެ. ދެން އުފެދޭނެ ސުވާލަކީ ޙައްލަކީ ކޮބައިހެއްޔެވެ؟ ޖަވާބުގައި ބުނަންޖެހެނީ ޙައްލަކީ ދެމީހުން ކައިވެނިކުރީންސުރެ އެކަކު އަނެކަކަށް ދޭންޖެހޭ ލޯތްބާއި އަޅައިލުން ދީގެން އުޅުން ކަމަށެވެ.
ދެމީހަކު ބޭނުންވެއްޖެނަމަ ކައިވެނިކުރުމަކީ ވަރަށް ފަސޭހައިން ކުރެވޭ ކަމެކެވެ. އުނދަގޫކަމަކަށްވަނީ ލޯތްބާއި އަޅައިލުން ދީގެން ދެމީހުން އެކުގައި ދިރިއުޅުމެވެ. އެހެންވެ އަޑަށް ލެވުނުހައި ބާރެއްލައި މިރޭވެސް ބުނެލާނަމެވެ. ލޯތްބާއި އަޅައިލުން ދެވޭނީ އެކަކު އަނެކަކަށް ތެދުވެރިވެ ވަފާތެރިވެގެންނެވެ. ޚިޔާނާތްތެރިވަމުން އެކަންކަމެއް ނުކުރެވޭނެއެވެ.
ޚިޔާނާތްތެރިވާނަމަ ކުޅެންޖެހޭނީ ދްރާމާއެވެ. މާނައަކީ އުޅެންޖެހޭނީ ލޯބިނުވެ ހުރެ ލޯބިވާކަމަށް ދައްކަމުންނެވެ. އަޅައިލާ ކަމަސް ހެދެން އުޅުނަސް އެކަން ކުރަން އޮތްގޮތާއި ގާތަކަށްވެސް އެކަމެއް ނުކުރެވޭނެއެވެ. އެމީހަކު ވާނީ މުނާފިޤުން ފަދައިން 2 މޫނުގެ ވެރިއަކަށެވެ. އަބަދު އޮންނަނީ މޫނުގައި އަޅައިގެން އުޅޭ މާސްކް ވެއްޓި ފަޟީޙަތްވެފައެވެ.
މިކަންކަމަކީ އުފާވެރި ޒަވާޖީ ޙަޔާތެއް ބޭނުންވާނަމަ ހަމަ ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ސަމާލުކަންދޭންވީ ކަންކަމެވެ. ކައިވެނިކުރެވުމުން އެއެޅެނީ އުފާވެރި ކަމުގެ ބިންގަލެވެ. އުފާވެރިކަން ލިބުން ވަނީ އުފާވެރިކަން ލިބޭނެ ގޮތަށް ކައިވެނި ދަމަހައްޓަން ކުރެވޭ މަސައްކަތްތަކުންނެވެ.
- އަލަފް / މިއަދުނޫސް