ރަމަޟާން މަސް ފެށި، ކުރިއަށްދަމުން ގޮސް ފަހުދިހަ ފެށިގެން ކުރިއަށްދަނީއެވެ. ލިބޭ ސުވާލުތަކުން އެނގޭ ގޮތުގައި ތަހައްޖުދުނަމާދު ދިގުކޮށް ނުކުރެވޭނެތީ ނުކުރަން ތިބި ބައަކު އެބަތިއްބެވެ. މިއީ ވަރަށް ދެރަކަމެކެވެ. ވަރަށް ނުބައި ވިސްނުމެކެވެ.
ފުރަތަމަ ކަމަކީ ﷲ ތަޢާލާ ބައްލަވައިވޮޑިގެންވަނީ ޢަދަދަކަށް ނޫނެވެ. އިޚްލާޞްތެރިވި ވަރަށެވެ. ވީމާ ތަހައްޖުދް ނަމާދު ކުރުކޮށް ކުރެވުނަސް އިޚްލާޞްތެރިކަމާއިއެކު ކުރެވިއްޖެނަމަ އެކަމުގެ ފައިދާ އެންމެ ރަނގަޅު ގޮތުގައި ކުރާނެއެވެ. އެއީ ޝައްކުކުރަންވެސް އޮތްކަމެއް ނޫނެވެ.
ގިނަ ބައަކަށް މިއުޅެނީ ޚުޝޫޢަތްތެރިކަމާއިއެކު ފަރުޟްނަމާދެއްވެސް ކޮށްނުލެވޮިގެންނެވެ. އެފަދަ މީހަކު ތަހައްޖުދް ނަމާދު ދިގުނުކުރެވިގެން ކަންބޮޑުވާނަމަ އެއީ މައްސަލައެއް ނޫން ހެއްޔެވެ؟ ވީމާ ގޭގައި ކިތަންމެ ކުރުކޮށް ނަމަވެސް ތަހައްޖުދް ނަމާދުކުރާށެވެ. ވިތުރިވެސް ކުރާށެވެ. އިޚްލާޞްތެރިކަމާއިއެކު ކުރަން ގަދައަޅައި މަސައްކަތްކުރާށެވެ.
ބައެއް މިސްކިތްތަކުގައި ތަހައްޖުދު ނަމާދުކުރަނީ ދިގުކޮށެވެ. އެއިން މިސްކިތަކަށް ދިއަނަމަވެސް އިޚްލާޞްތެރިކަމާއިއެކު ކުރަން މަސައްކަތްކުރާށެވެ. މިބުނަނީ ޚުޝޫޢަތްތެރިވާން މަސައްކަތްކުރުމުގެ ވާހަކައެވެ. ނޫންނަމަ ކުރުކޮށްކުރާ މިސްކިތަކަށް ދާށެވެ. މަސައްކަތްކުރަންވީ ޚުޝޫޢަތްތެރިކަމާއިއެކު ކުރެވޭތޯއެވެ. ކުރި ނަމާދުގެ ފައިދާކުރާނީ އެއިރުންނެވެ.