ވިސްނުމަށް ގެންނާށެވެ! އަލިފާންރޯވެ ވަށައިގެން އަނދަމުންދަނީއެވެ. އެންމެން ތެޅިފޮޅެނީ އެއަލިފާނުން ސަލާމަތް ނުވެވިގެންނެވެ. މިފަދަ ޙާލެއްގައި ބިރުވެތިކަން އިންތިހާއަށް ގޮސްފައިވަނިކޮށް މީހަކު ތިބާ ގެންގޮސް ރައްކައުތެރިކަންދެނީއެވެ. އެއަލިފާނަށް ތިބާއާއި ކައިރިވެސް ނުވެވޭނެ ގޮތަށެވެ. އެއިގެ އިތުރުން އެންމެން ކަންބޮޑުވެގެން އުޅެނީ ގެއަނދައިދިއުމުންނެވެ. ތިބާއަށް ލިބޭނީ އެތަނުގެ ފުރިހަމަކަން ހިތަށްވެސް ނުގެނެވޭނެ ވަރުގެ ފުރިހަމަ ގެއެކެވެ.
މިޙާލަތުގައި އެމީހަކަށް ލިބޭނެ އުފާވެރިކަމުގެ ބޮޑުކަން ހިތަށް އަރުވާށެވެ. ބިބުނެލެވުނު މިންވަރަކީ ޤިޔާމަތް ދުވަހު ކުރިމަތިވާނެ ބޮޑު ބިރުވެރިކަމުން ޛައްރެއްގެ މިންވަރުވެސް އިޙްޞާޞްވެސް ކުރެވޭނެ މިންވަރެއް ނޫނެވެ. ތަޖުރިބާކުރަން ޖެހޭނެ ބިރުވެރިކަން މާބޮޑެވެ. އެބޮޑު ބިރުވެރިކަމުން ސަލާމަތްކަން ލިބޭނީ ޢަރުޝީގެ ހިޔާވަހިކަން ލިބުނު މީހަކަށެވެ. ލިބޭނީ ދުނިޔޭގައި ހުރެ ހޯދަން މަސައްކަތްކުރި މީހަކަށެވެ.
ކުރަން ހުރި ޢަމަލުތައް މިއޮތީ ޙަދީޘްފުޅުން އެނގޭށެވެ!
ޢަރުޝީގެ ހިޔާވަހިކަން-: ޝައިޚް ޝަފީޢު ޢަބްދިﷲ
ނަމަވެސް، އެދުވަހުގެ ބިރުވެރިކަމާއި ނާމާންކަމުން މާތް ﷲ ރައްކައުތެރި ކުރައްވައި، އާމާންކަން ދެއްވަވައި، އެ އިލާހުގެ ޢަރްޝިކޮޅުގެ ހިޔާވަހިކަން ދެއްވަވާ ހަތް ބައެއް ވެއެވެ.
ޢަރްޝީގެ ހިޔާވަހިކަމާއި ބެހޭގޮތުން ވާރިދުވެފައިވާ ޙަދީޘް:
ކީރިތިރަސޫލާ ﷺ ޙަދީޘްކުރައްވާފައިވެއެވެ.
" سَبْعَةٌ يُظِلُّهُمْ اللَّهُ فِي ظِلِّهِ يَوْمَ لا ظِلَّ إِلا ظِلُّهُ : الإِمَامُ الْعَادِلُ ، وَشَابٌّ نَشَأ فِي عِبَادَةِ رَبِّهِ ، وَرَجُلٌ قَلْبُهُ مُعَلَّقٌ فِي الْمَسَاجِدِ ، وَرَجُلَانِ تَحَابَّا فِي اللَّهِ اجْتَمَعَا عَلَيْهِ وَتَفَرَّقَا عَلَيْهِ ، وَرَجُلٌ طَلَبَتْهُ امْرَأَةٌ ذَاتُ مَنْصِبٍ وَجَمَالٍ فَقَالَ إِنِّي أَخَافُ اللَّهَ ، وَرَجُلٌ تَصَدَّقَ بِصَدَقَةٍ فَأَخْفَاهَا حَتَّى لا تَعْلَمَ شِمَالُهُ مَا تُنْفِقُ يَمِينُهُ ، وَرَجُلٌ ذَكَرَ اللَّهَ خَالِيًا فَفَاضَتْ عَيْنَاهُ " متفق عليه ، رواه البخاري (2/144-174) ومسلم برقم 1712 ، وغيرهما .
މާނައީ: " މާތް ﷲ ގެ ހިޔާނޫން އެހެން އެއްވެސް، ހިޔާވަހި ކަމެއް ނެތް ދުވަހު އެފަދަ ހިޔަލެއް ލިބޭނޭ ހަތް މީހަކުވެއެވެ. އެއީ ޢަދުލުވެރި ވެރިއަކާއި، ގަދަ ކީރިތިވަންތަ ﷲ ގެ ކިބަޔަށް އަޅުކަން ކުރުމުގައި، އުފެދި ބޮޑުވަމުން ދިޔަ ޒުވާނަކާއި، މިސްކިތުން ނުކުމެއްޖެއްޔާ، އަލުން އަނބުރާ އެ މިސްކިތަށް އާދެވިއްޖައުމަށް ދާނދެން އެމީހެއްގެ ހިތް މިސްކިތާ ގުޅުވާލެވިފައިވާ މީހަކާއި، މާތް ﷲ އަށްޓަކައި، އެކުވެރިކަމާއި ލޯބިހިނގައި، ފުރަތަމައިންވެސް އެގޮތުގެ މަތީން ބައްދަލުވެ، ވަކިވެއްޖައުމަށް ދާނދެން، އެގޮތުގައި ދެމިތިބެވިއްޖެ ކޮންމެ ދެމީހަކާއި، އެކަނި ހުރެ މާތް ﷲ މަތިން ހަނދުމަކޮށް، އެކަލާނގެއަށް ބިރުވެތިވުމުގެ ސަބަބުން ކަރުނަ ދެލޮލުން އޮހޮރޭ ކޮންމެ މީހަކާއި، ދަރަޖައިން މަތިވެރި ބުރުސޫރަ ރީތި އަންހެނަކު ގޮވާލި ގޮވާލުމަކަށް "ތިމަން މާތް ﷲ ދެކެ ބިރުވެތިވަމޭ" ބުނެފި ކޮންމެ މީހަކާއި، ކަނާތުން ހޭދަކުރާ އެއްޗެއް ވާތަށް ނޭނގުމަށްޓަކައި، ޞަދަޤާތްކުރިކަން ވަންހަނާކުރާ ގޮތުގައި، ޞަދަޤާތެއް ކޮށްފި ކޮންމެ މީހެކެވެ."
ޤިޔާމަތް ދުވަހަކީ ވަރަށް ވެސް ބިރުވެރި ދުވަހެކެވެ. އަޅުތަކުންނާއި މޭލެއްހާ ކައިރިއަށް އިރު ގެނެވޭނެ ދުވަހެވެ. އެމީހެއްގެ ޢަމަލުތައް ހުރި މިންވަރަކުން އެމީހެއްގެ އަމިއްލަ ދަލުގެ ތެރެއަށް ގެނބިގެންދާނެ ދުވަހެވެ.
އަޅުގަނޑުމެން މަސައްކަތް ކުރަންވީ ޙަދީޘްފުޅުގައި ބަޔާންކުރެވިފައިވާ ފަދަ ބަޔަކަށް ވެވޭތޯއެވެ.
ޢަރުޝީގެ ހިޔާވަހިކަމުގެ ޝަރަފު ލިބޭފަދަ ބަޔަކަށް ވުމަށްޓަކައި، މާތް ﷲ ޙަރާމްކުރެއްވި ކަންކަމުން ދުރުވެ، އެ އިލާހު ޢަމުރު ކުރައްވާފައިވާ ކަންކަން ބަރާބަރަށް ކުރެވޭތޯ ގަދައަޅައި މަސައްކަތް ކުރަންވާނެއެވެ.
އެހެނީ، ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ދެކޭނޭ އެއްޗެކެވެ. އާޚިރުގައި ފައިދާއެއް ވާނީ ދުނިޔެމަތީގައި ކުޅަ ހެޔޮ ޢަމަލަކުންނެވެ.
- ޝައިޚް ޝަފީޢު ޢަބްދިﷲ