އުފާ ހޯދާނެ ގޮތްތައް ޝައިޠޯނާ ދަސްކޮށްދީފިއެވެ.
ވީމާ އަންހެނަކާއި އަދި ފިރިހެނަކާއި ނުލައިވެސް މިއަދު އެކިޔާ އުފާ ކޮންމެވެސް ސިފައެއްގައި ހޯދިދާނެއެވެ. އެކަމަކު ޝައިޠޯނާއަށް ކާމިޔާބުނުކުރެވޭ އަދި ކާމިޔާބު ނުވެސް ކުރެވޭނެ ކަމެއް އެބައޮތެވެ.
އެކަމަކީ ހަމައެކަނި ފިރިހެނުން އުޅޭތަނެއްގައި ޢާބާދީ އިތުރުނުވާނެ ކަމެވެ. އާބާދީ އިތުރުވާނީ ދަރިން އުފަންވެގެންކަމަށްވާއިރު ދަރިން ވިހެއުމަކީ ހަމައެކަނި އަންހެނުންނަށް ޚާއްޞަކުރައްވަވާފައިވާ ކަމެކެވެ. ދަރިފުޅު އުފަންވުމުން ދަރިފުޅަށް ގާތުން ދެވޭނީ ހަމައެކަނި މައިމީހާއަށެވެ. ނުވަތަ ކިރުމައި އަންހެނަކަށެވެ. އެއީ އެއްވެސް ފިރިހެނަކަށް ކުރެވޭނެ ކަމެއް ނޫނެވެ.
މިކަންކަމަށް ވިސްނުމުން އެނގެނީ ދުނިޔެ ކުރިއަރައިދިއުމުގައި އަނެހެނުންގެ ދައުރުގެ މުހިންމުކަމެވެ. އަދި އެގޮތަށް އެކަން މިންވަރުކުރައްވަވާފައިވަނީ ﷲ ތަޢާލާއެވެ. އެއީ އެއްވެސް މީހަކު ނުވަތަ ޖަމާއަތަކުން ކޮށްގެން އުޅޭކަމެއް ނޫނެވެ.
އަހުރެން މިވާހަކަކޮޅު ބުނެލި ސަބަބަކީ އަންހެނުންގެ އަގުވަޒަންނުކުރާ ބައަކު އުޅޭތީއެވެ. އަންހެނުންނަކީ އެއްވެސް އަގެއް ނެތް ބައެއްގެ ގޮތުގައި ދެކޭ މީހުން އުޅޭތީއެވެ. އެގޮތަށް އެކަން ނުކުރަން ނަޞީޙަތްތެރިވަމެވެ. ފިރިހެނަކަށްވުމަކުން ނުވަތަ އަންހެނަކަށްވުމަކުން ﷲ ތަޢާލާގެ ޙަޟްރަތުގައި އެއްވެސް ތަފާތެއް ނުވެއެވެ. ސުވަރުގެ ވެއްދެވުމުގައިވެސް އަދި ސުވަރުގެއިން ދަރަޖަތައް ދެއްވެވުމުގައިވެސް އެއްވެސް ތަފާތެއް ނެތެވެ. ހަމައެކަނި ބައްލަވައިވޮޑިގެންވަނީ އެމީހަކު ކުރާ ޢަމަލުތަކަށެވެ.
ދިރިއުޅުން އުފާވެރިކުރެވޭނީ މިވިސްނުމުގައި މަސައްކަތްކޮށްގެންނެވެ. އަންހެނުން ނިކަމެތިކުރާ ފިރިހެނުންނަށް ބުނެލަން އޮތީ އޭނާއަށް ދުނިޔެއަށް އައުދެވުނު ގޮތާއިމެދު ވިސްނައިލުމަށެވެ. ތިއަ އިންސާނާ ދުނިޔެއަށް އުފަންވީ މަންމައެއްގެ ބަނޑުން ނޫންހެއްޔެވެ؟
- މިއަދުނޫހުގެ ކިޔުންތެރިއެއް