މަގުތަކުގަ ދެލޮލުން ދައުއަޅަމުން، ހިތުން ވަދުއެއްލަމުން ހިނގެނީ ކީއްވެގެންކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 20ސ
މަގުތަކުގަ ދެލޮލުން ދައުއަޅަމުން، ހިތުން ވަދުއެއްލަމުން ހިނގެނީ ކީއްވެގެންކަން އެނގޭތަ؟

މަގުމަތިން އަންހެނަކު ނުވަތަ ފިރިހެނަކު ފެނުމުން ކަޅިޖަހާނުލައި ބަލަން އެތިބެނީ ނޫންހެއްޔެވެ؟

އެއީ އެމީހާއާއިއެކު ޝައިޠާނާ ވާތީއެވެ. އަވަހަށް މީހާގެ މިސްރާބު ކޮންޓްރޯލްކޮށް ޝައިޠާނާގެ ބާރުގެދަށަށް

ގެންނަނީއެވެ. ޝައިޠާނާއަށް އެގޮތަށް އެކަން ކުރުމުގެ ބާރު އެ ލިބެނީ ރައްކައުތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ނުއެޅި ހުރެވޭތީއެވެ.

ޝައިޠޯނާގެ ބާރުގެ ދަށަށް ދެވުނީމަ މަގުތަކުގައި ހިނގޭނީވެސް ދެލޮލުން ދައުއަޅަމުންނެވެ. ހިތުން ވަދުއެއްލަމުންނެވެ. މާނައަކީ ބެލުން ހުއްދަނޫން ތަނެއް ފެނޭތޯ ދެލޯ ހޫރަމުންނެވެ! އަދި ކިރިޔާވެސް ރުހޭނެ އަންހެނަކު ފެންނައިރަށް ހިނިތުންވެ ދަޢުވަތުވެސް ދެވޭނެއެވެ. އަދި އެވަރަކުންވެސް ނުފުދޭނެއެވެ. ފަހަތުންވެސް ދުވެވޭނެއެވެ.  

ހަމައެފަދައިން ކިރިޔާ ފުރުޞަތެއް ލިބޭއިރަށް ފާފަ ކުރެވޭނަމަ އެއީވެސް އެމީހަކާއިއެކު ޝައިޠާނާ ހުރިކަމުގެ ހެއްކެކެވެ. ޝައިޠާނާއަށް އެމީހަކާއި އެންމެ ގާތުގައި ނުހުރެވޭނަމަ އެހައި ފަސޭހައިން މީހާގެ ކޮންޓްރޯލް އަތުލައެއް ނުގަނެވޭނެއެވެ.

މީސްތަކުންނޭވެ! މިފަދަ ނަޞޭޙަތްތައް ދިނުމުން ގިނަ ފަހަރު ސަމާލުކަން ދެވެނީ އެންމެ 2،3 ދުވަހަށެވެ. އެއަށްފަހު ފަރުވާކުޑަކޮށްލެވެނީއެވެ. ފަރުވާ ހަމަ ކުޑަކޮށްލެވޭއިރަށް ޝައިޠާނާ ވެރިވެގަންނާނެއެވެ. ޝައިޠާނާ އަބަދުވެސް ވާނެކަން އެބަ އެނގެއެވެ. ވީމާ ޝައިޠާނާގެ ކިބައިން ސަލާމަތްވުމަށް ކުރަން ޖެހޭ މަސައްކަތަކީ ހުއްޓައިލެވެން އޮތް މަސައްކަތެއް ނޫނެވެ. ކޮންމެ ދުވަހަކު ކުރަން ޖެހޭ މަސައްކަތެކެވެ.

މީސްތަކުންނޭވެ! ދިރިއުޅުމުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހޭނީ ޝައިޠާނާގެ ކިބައިން ސަލާމަތްވެގެން ދިރިއުޅުމަށެވެ. އެހެނީ ދުނިޔެއާއި ޢާޚިރަތް ބާއްޖވެރިވުން އޮތީ ޝައިޠާނާގެ ކިބައިން ސަލާމަތްވެވުނު ވަރެއްގެ މައްޗަށް ކަމުގައިވާތީއެވެ.

ގިނަ ބައެއްގެ އެންމެ ބޮޑު އެއް ޝަކުވާއަކީ މަސައްކަތް ކުރި ނަމަވެސް ޝައިޠާނާގެ ކިބައިން ސަލާމަތް ނުވެވޭ ކަމެވެ. "ޝައިޠާނާގެ ކިބައިން ސަލާމަތްވުމަށް އަހަރެން މަސައްކަތް ކުރަމެވެ. ނަމަވެސް އެކަމެއް ނުވެއެވެ. އަބަދު ހުންނަނީ ވިއްދައިފައެވެ. އަބަދު ކަންފަތް ބުޑުގައި ވަސްވާސްދެނީ އެވެ. ދުވަހަކު ކުރަން ބޭނުން ނުވާ ކަންކަންވެސް ކުރުވަނީ އެވެ. މިހެން މިވަނީ ކީއްވެގެން ހެއްޔެވެ؟ 

އެކަމުގެ ސަބަބުތައް ވަރަށް ގިނައެވެ. ފުރަތަމަ ސަބަބަކީ ޝައިޠާނާ އަބަދުވެސް އެކުގައިވާ ކަމެވެ. ފުރުޞަތަކަށް ބަލަބަލަ ހުންނަ ކަމެވެ. ކިރިޔާ ފުރުޞަތެއް ލިބޭ އިރަށް ފުރުޞަތުގެ ބޭނުންކުރާ ކަމެވެ. ބަލަންވީ އެ ފުރުޞަތު ލިބޭ ގޮތެވެ. ޝައިޠާނާއަށް އަހަރެމެންނާއި ހަމައަށް ވާޞިލް ނުވެވޭނެ ގޮތްތަކެވެ.

ފުރަތަމަ ކަމަކީ ދިރިއުޅޭ ގޭތެރެއަށް ޝައިޠާނާ ވަނަނުދޭށެވެ. ގޭގައި ކީރިތި ޤްރުއާން ކިޔަވާށެވެ. ޚާއްޞަކޮށް ބަޤަރާ ސޫރަތް ކިޔަވާށެވެ! ޤަވާއިދުން ބަޤަރާ ސޫރަތް ކިޔަވާ ގެއަކާއި ޝައިޠާނާއަކަސް ކައިރިއެއް ނުވެވޭނެއެވެ. ވައިވެސް ނޭޅެވޭނެއެވެ. ދެވަނަ ކަމަކީ ގެއަށް ވަންނަމުން ކިޔަން ޖެހޭ ޛިކްރުތައް ކިޔައިގެން ގެއަށް ވަންނާށެވެ. ޛިކްރްތައް ކިޔުމުން ޝައިޠާނާއަށް ޖެހޭނީ ހަމަ އަނބުރާލާފައި އައިކޮޅަށް ދާށެވެ! ހަމައެއާއިއެކު ގެއިން ބޭރަށް ނުކުންނަންވާނީ ޛިކްރުތައް ކިޔައިގެންނެވެ. އެއިރުން ޝައިޠާނާއަކަށް ކަންފަތް ބުޑަކަށް ނައުދެވޭނެއެވެ. ހުންނަން ޖެހޭނީ ދުރުގައެވެ.

 

- މުފްތީ މެނަކުގެ ދަރުސަކުން  

މިއަދު އޮންލައިން