ނަމާދު ނުކުރުމަކީ އެއްވެސް މުސްލިމަކަށް އޮތް އިޚްތިޔާރެއް ނޫނެވެ. އަދި ޝަރުޢީ ސަބަބެއް ނެތި ފިރިހެނުން މިސްކިތަށް ނުދިއުމަށް ދެއްކޭނެ ޢުޒުރެއްވެސް ނެތެވެ. ކޮންމެ މުސްލިމަކަށްވެސް ފަރުޟްވެގެންވާ 5 ނަމާދު ކޮންމެ ދުވަހަކުވެސް އަދާކުރަންޖެހެއެވެ. އެހެންވީމާ ނަމާދުނުކޮށް ހުރުމަކީ އެއްވެސް މުސްލިމެއްގެ އިޚްތިޔާރުގައި އޮތްކަމެއް ކަމަކަށް ނުހެދޭނެއެވެ.
ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި ޤަޞްދުގައި ނަމާދުނުކޮށް ހުންނަ މީހާ އެހުންނަނީ ދީނުން ބޭރުވެގެންނެވެ. ސަބަބަކީ އަޅާ އާއި ކާފިރުކަމާއި ދެމެދުގައި އޮތީ ނަމާދު އަޅައިފުމެވެ. ނަމާދު އެޅުމެވެ.
ހަމައެކަނި ތިމާ ނަމާދުކުރުމަކުން ނުފުދެއެވެ. އަނބިދަރިން ލައްވައި ނަމާދުކުރުވަން ޖެހެއެވެ. އަދި ފިރިމީހާ ނަމާދުނުކުރާނަމަ އެކަމަށް އަނބިމީހާ ބާރުއަޅަންޖެހެއެވެ. ޢާއިލާ ނަމާދުކުރާނަމަ އެޢާއިލާއަކަށް ﷲ ތަޢާލާ ރަޙްމަތް ލައްވަވަތެވެ.
ރަމަޟާން މަސް އައުމުން ނަމާދުކުރާ މީހުން ގިނަވެ މިސްކިތްތައް ފުރިގެންދެއެވެ. ފަހުދިހަ ނިމެންދާއިރު މިސްކިތްތައް ކަރުނައަޅައެވެ. މިސްކިތަށް އައިސް އުޅުނު ގިނަ ބައަކު ގެއްލިގެން ދިއުމުންނެވެ. ތިމާއާއި ހުރެ މިސްކިތް ކަރުނައަޅަންޖެހޭނެ މީހަކުކަމުގައި ނުވުމަށް އަބަދުވެސް ގަދައަޅައި މަސައްކަތް ކުރަންވާނެއެވެ. ފަރުޟު 5 ނަމާދު އަދާކުރާ މީހަކަށްވާށެވެ. ނަމާދު ޤާއިމްކުރާ މީހުންގެ ތެރެއިން ވެވޭނީ އެއިރުންނެވެ. އިން ޝާ ﷲ
ނިންމާލަމުންވެސް ބުނެލާނަމެވެ! މިއަދު މިސްކިތްތައް ރޮއްވިދާނެއެވެ. ވިސްނަންވީ ޤިޔާމަތް ދުވަހު އެމީހަކު ކުރަންޖެހޭނެ ހިތާމައަށެވެ. ނަމާދުގެ އިމްތިހާނުން ފާސްނުވެއްޖެނަމަ އެހެން ހުރިހާ ކަމަކުން ފޭލްވެ ބާކީވެ ނަރަކައަށް ވަންނަން ޖެހޭނެކަން އެނގެން އޮތުމުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ސުވާލު:. ނަމާދު ކުރާ އަންހެނަކާ ނަމާދުނުކުރާ ފިރިހެނަކާ މި ދެމީހުންގެ ކައިވެނި ޞައްޚަ ވާނެ ތޯ؟ މިސާލަކަށް އަނބިމީހާ އަކީނަމާދު ކުރާ މީހެއް! ފިރިމީހާއަކީ އެއްގޮތަކަށްވެސް ނަމާދު ނުކުރާމީހެއް! މި ދެމީހުންގެ ކައިވެނި ޞައްޚަ ވާނެތޯ؟
ޖަވާބު:. ކައިވެނި ޞައްޚައެއް ނުވާނެ އިނގޭތޯ! ނަމާދުނުކުރާ ފިރިހެނަކާ ކައިއިވެނި ޞައްޚައެއް ނުވާނެ.
- ޑރ. މުޙައްމަދު އިޔާޟް ޢބްދުއްލަޠީފް