ކޮންމެ މީހަކަށްވެސް ﷲ ތަޢާލާ ނިޢުމަތްތައް ދެއްވަވަނީ ވަކިމިންވަރަކަށެވެ. އެގޮތުން އަތްމަތިތަނަވަސްކަންވެސް ދެއްވަވަނީ އެކިމީހުންނަށް އެކިވަރަށެވެ. ކޮންމެ މީހަކާއިވެސް ސުވާލުކުރައްވަވާނީ އެމީހަކަށް ދެއްވެވި މިންވަރުން ޢަމަލުކުރި ގޮތާއިމެދުގައެވެ.
ބައެއް މީހުން ހުރިހާ ފަރުޟުތަކެއް އަދާކުރެއެވެ. ސުންނަތް އަޅުކަންވެސް ކުރެއެވެ. ރޭއަޅުކަންވެސް ކުރެއެވެ. ނަމަވެސް އެމީހުންގެ ޢާއިލާގެ ބޭނުންތައް ފުއްދައެއް ނުދެއެވެ. އެފަދަ މީހުންނަށް ބުނެލަން އޮތީ ތިއަ ދެވެނީ ރަނގަޅުމަގަކުން ނޫނެވެ.
ފަހަށް ރައްކާކުރުމަކީ މައްސަލައެއް ނޫނެވެ. އާމްދަނީ އިތުރުވާނެ ކަންކަމަށް އިންވެސްޓްކުރުމަކީވެސް މައްސަލައެއް ނޫނެވެ. ނަމަވެސް ދަހިވެތިވުމަކީ މައްސަލައެކެވެ. ވީމާ ފަހަށް ރައްކާކުރަންވާނީވެސް އިންވެސްޓްކުރަންވާނީވެސް ތިބާގެ ބެލުމުގެދަށުގައި ތިބި މީހުންގެ ބޭނުންތައް ފުއްދައިދީފައެވެ.
އަހުރެންނަށް ފާހަގަކުރެވޭ ކަމެއްގެ ވާހަކަވެސް ބުނެލާނަމެވެ. މަދުން ނުވަތަ މެދުމިނަށް އާމްދަނީ ލިބޭ މީހުންގެ ތެރޭގައި، އެމީހުންގެ އަތުގައި ފައިސާ ނުކުރެވުނަސް ޢާއިލާގެ ބޭނުންތައް ފުއްދައިދޭ މީހުން އުޅެއެވެ. މަސްނިމޭއިރު އެމީހުންގެ އަތުގައި ބާކީކުރެވިފައި ފައިސާ ނެތް ނަމަވެސް ޢާއިލާ ދިރިއުޅެނީ އެމީހުންގެ ފެންވަރުން ބޭނުންތައް ފުދިގެން އުފަލުގައެވެ.
މިކަމުން އެނގެނީ އެމީހުންނަށް ދެއްވަވާ މިންވަރު ހެޔޮ ގޮތުގައި ބޭނުންކުރުމުން އެމީހަކަށް ބަރަކާތް ލައްވަވާކަމެވެ. އުފާވެރިކަން ދެއްވަވާ ކަމެވެ. އަދި ކީއްހެއްޔެވެ؟ ޢާއިލާއަށް ހޭދަކުރުމަކީ ﷲ ތަޢާލާގެ މަގުގައި ހޭދަކުރުމެވެ. އެކަން ޞަދަޤާތެއްގެ ގޮތުގައި ލިޔުއްވަވަނީ އެހެންވެގެންނެވެ. ވީމާ ލިބޭ މިންވަރުން ފުރަތަމަކަމަކަށްވެސް އަމިއްލަ ޢާއިލާގެ މީހުންނަށް ހޭދަކުރާށެވެ! ތަނަވަސްކަން ދާނީ އިތުރުވަމުންނެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން