ދުނިޔެއާ އާޚިރަތުގަވެސް މީހަކަށް ލިބޭނެ އެންމެ މަތިވެރި ޝަރަފް ބޭނުންވޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ދުނިޔެއާ އާޚިރަތުގަވެސް މީހަކަށް ލިބޭނެ އެންމެ މަތިވެރި ޝަރަފް ބޭނުންވޭތަ؟

ނިދުމަށްފަހު ނިދި ހަމަނުކޮށް ހޭލުމަކީ މީހަކަށް ކުރަން އެންމެ އުނދަގޫކަންތަކެވެ. އަދި ހިތްފުރެންދެން ނުނިދައި ހޭލުމަކީ ވެސް ހަމައެހައިމެ ބުރަކަމެކެވެ. އަދި އަރާމު ނިދި ދޫކޮށްލާފައި ތެދުވެ ވުޟޫކުރުމާއި ދަމުނަމާދުކުރުމަކީވެސް އެހައިމެ ބުރަކަމެކެވެ.  

އެހެންނަމަވެސް ހިތްވަރުކޮށްލާފައި ތެދުވެ ވުޟޫކޮށް ނަމާދުކުރުން ﷲ ތައާލާ އެމީހަކާއިމެދު ފަޚުރުވެރިވެވޮޑިގެން އެކަން މަލާއިކަތުންނަށް އަންގަވާނެކަން ޙަދީޘްފުޅުތަކުންނާއި އކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ. އެއަށްވުރެ މަތީ ޝަރަފެއް ލިބޭނީ ކޮންގޮތަކުން ހެއްޔެވެ؟

"އެއުރެންގެވެރި ރަސްކަލާނގެ ޙަޟްރަތަށް ބިރުވެތިކަމާއި އުންމީދާއިއެކު ދުޢާކުރާ ޙާލު، އެއުރެންގެ ހަށިތައް (ރޭއަޅުކަންކުރުަށްޓަކައި) ތަންމަތިން ފޭވެއެވެ. އަދި ތިމަން ރަސްކަލާނގެ، އެއުރެންނަށް ދެއްވެވ ތަކެތިން، އެއުރެން ހޭދަކުރެއެވެ." (ސަޖިދަ: 16)  

މީސްތަކުންނޭވެ! ކިތަންމެ ބުރަނަމަވެސް ދަމުނަމާދުކުރާށެވެ! ރޭއަޅުކަންކުރާށެވެ! ތިމާއަކީ ﷲ ތަޢާލާ ފަޚުރުވެރިވެވޮޑިގަންނަވާ އަޅަކަށް ވެވުމަށްވުރެ ބޮޑު އުފަލަކީ ކޮބައިހެއްޔެވެ؟ އަދި އެއްކަމެއް ފާހަގަކޮށްލާނަމެވެ. އެއީ ކިތަންމެ ބޮޑަށް ހިތްވަރުކޮށްގެން ނަމަވެސް ތެދުވެ ރޭއަޅުކަންކުރަން ވުޟޫކުރާ ހިސާބުން އެމީޙަކަށް ވަރަށް ބޮޑު ބާރެއް ލިބިގެންދާނެއެވެ. މީހާ އެކުގައި ތާޒާވެގެންދާނެއެވެ.  

އެހެން އެކަން އެވަނީ ރޭއަޅުކަން ކުރަން ނުތެދުވަން ޝައިޠޯނާ ހިތްވަރުދެމުން ދަނިކޮށް ތެދުވެ ރޭއަޅުކަންކުރުމުގެ ހިތްވަރު ލިބިގަތުމުން ޝައިޠޯނާ ބަލިކަށިވެގެންދާތީއެވެ. ވީމާ އަހަރެންގެ ނަޞޭޙަތަކީ ކިތަންމެ ބޮޑަށް ކަންނެތްކަމާއި ވަރުބަލިކަން އިޙްޞާޞްކުރެވުނު ނަމަވެސް ހިތްވަރުކޮށްލާފައި ތެދުވެ ﷲ ތަޢާލާ ތިމާއާއިމެދު ފަޚުރުވެރިވެވޮޑިގަންނަވާނެ މީހަކު ކަމުގައިވުމެވެ! އެހެނީ އެއަށްވުރެ ބޮޑު އުފަލެއް ނެތެވެ. އެ މަތިވެރި ނިޢްމަތް ޙާޞިލުކުރުން އޮތީ ތިބާގެ އަތްމަތީގައެވެ. އަމިއްލަ އިޚްތިޔާރުގައެވެ.

 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން