ނަރަކައިން ސަލާމަތްކުރެއްވެވުން އެދިގެން އާދަކޮށް މިފަދަ ދުޢާތައް ކުރަންވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 26ސ
ނަރަކައިން ސަލާމަތްކުރެއްވެވުން އެދިގެން އާދަކޮށް މިފަދަ ދުޢާތައް ކުރަންވާނެ!

އަހުރެމެން އަޅުކަންކުރަނީވެސް، ފާފަ ނުކުރަން މަސައްކަތްކުރަނީވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރަނީ ނަރަކައިން ސަލާމަތްކޮށްދެއްވެވުން އެދިގެންނާއި އަދި ސުވަރުގެ ވެއްދެވުން އެދިގެންނެވެ.  

އެވަރަކުންވެސް އަދި ނުފުދެއެވެ. ނަރަކައިގެ ޢަޛާބުން ސަލާމަތްކޮށްދެއްވެވުން އެދިގެން ދުޢާކުރަން އެބަޖެހެއެވެ. އަދި އެކަމަށް އެދިގެން ކުރަންވީ ދުޢާތައް ޤުރްއާނުގައި އެބައޮތެވެ. އެއިގެ ތެރެއިން މިބަޔާންކުރަނީ އެއް ދުޢާއެވެ.   

وَالَّذِينَ يَقُولُونَ رَبَّنَا اصْرِفْ عَنَّا عَذَابَ جَهَنَّمَ ۖ إِنَّ عَذَابَهَا كَانَ غَرَامًا 

"އަދި އެއުރެންނީ ދަންނަވާ މީހުންނެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! ނަރަކައިގެ ޢަޛާބު، އަޅަމެންގެކިބައިން ދުރުކުރައްވައިފާނދޭވެ! ހަމަކަށަވަރުން، އެތާނގެ ޢަޛާބަކީ، ވަކިނުވެ ދެމިހުންނަ ކަމެކެވެ." 

إِنَّهَا سَاءَتْ مُسْتَقَرًّا وَمُقَامًا 

"މަކަށަވަރުން، ހަމަޖެހިތިބޭ ތަނެއްގެ ގޮތުންނާއި، ޤާއިމް ވެތިބޭ ވަޒަނެއްގެ ގޮތުން އެ ނަރަކަ ހާދަހާ ނުބައިވެގެންވެއެވެ."

(އަލްފުރްޤާން: 65، 66)  

ދުޢާ: رَبَّنَا اصْرِفْ عَنَّا عَذَابَ جَهَنَّمَ ۖ إِنَّ عَذَابَهَا كَانَ غَرَامًا إِنَّهَا سَاءَتْ مُسْتَقَرًّا وَمُقَامًا  

އަހުރެމެންނަށް ކުރެވެން އޮތް ކަމަކީ ކިޔަމްނތެރިވުމާއި ދުޢާކޮށް އާދޭސް ދެންނެވުމެވެ. ތިބާ ކުރާ ކޮންމެ ދުޢާއެއް، ދުޢާކުރާ ކޮންމެ ފަހަރަކު ﷲ ތަޢާލާ އައްސަވައި ވޮޑިގެންވެއެވެ. ހަމަ އެއާއިއެކު ތިބާގެ ފަތުގައި މިފަދަ ދުޢާތައް ކޮންމެ ދުވަހަކު އެތައް ފަހަރަކު ލިޔެވިގެންވާނަމަ އޯގާތެރިވަންތަ، ދީލަތިވަންތަ ރަސްކަލާނގެ ތިބާ ނަރަކައަށް ވައްދަވާނެކަމަށް ހީވެސް ނުކުރާނެއެވެ. ނަރަކައިން މިންޖުކުރައްވަވާނެތެވެ! އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން