ބައިވެރިޔާފގެ ކިބައިން ކިތަންމެ ކުޑަކުޑަ ނަމަވެސް ބަދަލެއް އަންނަކަން ފާހަގަކުރެވިއްޖެނަމަ ގިނަ ބައަކަށް ފުރަތަމަވެސް ފާހަގަކޮށް މައްސަލަޖެއްސެނީ އެކަމަށެވެ. ނަމަވެސް އެއީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ.
ފުރަތަމަވެސް ސުވާލުކުރަންވީ ތިމާއަށް ގޯސްކޮށް ކުރެވެނީ ކޮންކަމެއްތޯއެވެ؟ ރަނގަޅުކުރަން ޖެހޭ ކަމަކީ ކޮބައިތޯއެވެ؟
އެއިރުން ބައިވެރިޔާއަކީ ރަނގަޅު މީހަކުނަމަ ކިޔައިދޭނެއެވެ. ކިޔައި ނުދޭނަމަ މައްސަލައަކީ ތިބާއެއް ނޫނެވެ. ބައިވެރިޔާއެވެ. މައްސަލައަކީ ބައިވެރިޔާކަން ޔަޤީންކުރެވުމުން ތިބާގެ ހުރި ކަންބޮޑުވުންތައް ހާމަކުރާށެވެ!
ތިމާގެ ހިތަށް އުނދަގޫވާފަދަ ކަންކަން ބައިވެރިޔާގެ ކިބައިން ފެންނަނަމަ މިބުނި މަގުން ޢަމަލުނުކޮށް ނުތިބޭށެވެ. މަޑުކޮށްތިބޭނަމަ ކުދިކުދި ކަންކަންވެސް ބޮޑެތި މައްސަލަތަކަށް ބަދަލުވެގެންދާނެއެވެ.
ކައިވެންޏަށްފަހު ދެމީޙުން އެކަނިވާންވީ ހަމައެކަނި ނިދާވަޤުތަކު ނޫނެވެ. ވަޤުތު ލިބޭވަރަކުން އަދި ވަޤުތު ހޯދައިގެންވެސް ދެމީހުން އެކަނިވެލަންވާނެއެވެ. އެވަޤުތުތަކުގައި މިބާވަތުގެ ކަންކަމަށް ވާހަކަދައްކައި މަޝްވަރާކުރަންވާނެއެވެ. ގިނަ ކައިވެނިތައް ރޫޅިގެންދަނީ މާބޮޑެތި މައްސަލަތައް ޖެހިގެނެއް ނޫނެވެ. ދެމަފިރިންގެ މެދުގައި މަޝްވަރާ ނުކުރެވޭތީއެވެ. އެކަމަށް ވަޤުތު ނުދެވޭތީއެވެ.
މިއީ އަހުރެންގެ ގާތަށް ކައުންސިލިންގ ހޯދަން އަންނަ ގިން ބައެއްގެ ކިބައިން އެނގޭކަމެކެވެ. އަދި ކުރެވިފައިވާ ދިރާސާތަކުންވެސް އެނގޭ ކަމެކެވ. ވީމާ ކައިވެނި އުފަލުގައި ދަމަހައްޓަން ބޭނުންވާނަމަ މިކަމަށް ސަމާލުކަންދޭށެވެ!
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން