އަނެކުންނަށް ރަޙުމް ނުކުރެވޭނަމަ އެމީހަކީ ބޮޑާ، ކިބުވެރި މީހެކެވެ. އޭނާ އެޤަބޫލުކުރަނީ އޭނާ މިހުރީ އެހެން މީހުންނަށްވުރެ މާމަތީގައި ކަމަށެވެ. ޙަދީޘްފުޅުގައި އޮތީ ބޮޑާކަމާ ކިބުރުވެރިކަމުން އެމީހެއްގެ ހިތުގައި ޛައްރެއްގެ މިންވަރުވާ މީހަކުވެސް ސުވަރުގެ ނުވައްދަވާނެ ކަމަށެވެ.
އަހުރެންމެ މިބަސްކޮޅު މިބުނަނީ ޢާންމުކޮށް އެންމެންނަށެވެ. ޚާއްޞަކޮށް ބައިވެރިޔާއަށް ރަޙުމް ނުކުރާ މީހުންނަށެވެ. ރަޙުމް ނުކުރާ ފިރިންނަށާއި އަނބިންނަށެވެ. އަނބިންގެ ވާހަކަ ގެންނަންޖެހެނީ ތަނަވަސްކަން ހުރިނަމަ އަދި ޢާއިލީ ގޮތުން މަތީ ދަރަޖައެއް އޮތްނަމަ، ފިރިމީހާއަކީ ދެރަ ނިކަމެތި މީހަކު ކަމުގައިވެއްޖެނަމަ ރަޙުމް ނުކުރާ އަނބިންވެސް ތިބޭތީއެވެ. އެކަމަކު އެއީ އެހާގިނަ ބައެއް ނޫނެވެ. ބޮޑަށް މިމައްސަލަ އޮތީ ފިރިންނަށެވެ.
ﷲ ތަޢާލާގެ ޙަޟްރަތުން މަތިވެރިކަން ލިބެނީ ކުރާ އަޅުކަމުން އެކަންޏެއް ނޫނެވެ. އަދި ލިފައި ހުރި ޢިލްމަކުން އެކަންޏެއް ނޫނެވެ. އެމީހެއްގެ ހިތްތިރިކޮށް ތިމާގެ ހުރި ނިކަމެތިކަން ޤަބޫލުކުރުން އެއީ އެންމެ ބޮޑު ކަންތަކެވެ.
މިއަހަރުގެ ރޯދަމަސްވެސް ނިމުމަކަށް އައީއެވެ. މުސްލިމުންގެ ގިނަ ބައަކު ހުރިހާ ރޯދަތަކެއް ހިފިއެވެ. އެކަމަކު ތިމާގެ ހިތް ތިރިކޮށް ބައިވެރިޔާއަށް ރަޙުމްކުރެވެނީ ކިތައް މީހުންނަށް ހެއްޔެވެ؟ ވީމާ މިއީ ކޮންމެ މުސްލިމަކުވެސް ހޭލުންތެރިވާންޖެހޭނެ ކަމެކެވެ. ހިތްތިރިކުރާށެވެ! ބައިވެރިޔާއަށް ރަޙުމްކުރާށެވެ! އަދި އެންމެންނަށްވެސް ރަޙުމްކުރާށެވެ! ހިފި ރޯދައިގެ ފުރިހަމަ ޘަވާބު ލިބިގެންދާނީ އެއިރުންނެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން