ޢާއިޝަތު ރަފާޙް ޢަލީ
ތިބާ ސުވަރުގޭގެ މަގުގައި ހުރިކަން ޔަޤީންކުރާށެވެ. އިލްމު ޙާޞިލުކުރުމުގެ ދަތުރުގައި ކުރިއަށްދާށެވެ. މި މަތިވެރި މަސައްކަތް ދޫކޮށްލުމަކީ ކުރަން އެކަށީގެންވާ ކަމެއް ނޫނެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ:
قال رسول الله -صلى الله عليه وسلم-: (وَمَن سَلَكَ طَرِيقًا يَلْتَمِسُ فيه عِلْمًا، سَهَّلَ اللَّهُ له به طَرِيقًا إلى الجَنَّةِ)،
"އިލްމު އުނގެނުމަށް މަގެއްގައި ދަތުރުކުރާ މީހާއަށް، ﷲ ސުވަރުގެއަށް ވާޞިލުވުމުގެ މަގު ފަސޭހަކޮށްދެއްވާނެއެވެ."
އުމުރު ދުވަހު ފޮތްތައް ކިޔަވައި، ދަރުސްތަކަށް ޙާޟިރުވެ، އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރިނަމަވެސް، މަދު މިންވަރެއް ނޫނީ ޙާޞިލު ނުކުރެވުނު ކަމުގައިވިޔަސް، ﷲ ގަންދީ ބުނަމެވެ:ތިބާ ވަނީ ސުވަރުގޭގެ މަގުގައެވެ. އަދި ތިބާ ވަނީ ހެޔޮކަމުގެ ތެރޭގައެވެ.
މިފަދައިން ވާނީ ތިބާ ﷲ އަށް އިޚްލާޞްތެރިވެ،އަދި ޢިލްމުވެރިންގެ ކިބައިން ޢިލްމު އުނގެނޭހާ ހިނދަކުއެވެ.
ތިބާ ސުވަރުގޭގެ މަގުގައި ވަނިކޮށް، ފޫހިވުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ.މި މަތިވެރި ހެޔޮކަން ދޫކޮށްލުމަކީ ޙިކުމަތްތެރި ޢަމަލެއް ނޫނެވެ.މި ކުއްތަންކަމާއި މި ޢިއްޒަތް ދޫކޮށްލުމަކީ ބުއްދިވެރި ކަމެއް ނޫނެވެ.ޢިލްމު ހޯދުމުގައިވާ ޝަރަފު ދޫކޮށްލުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ.
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ:
وإنَّ الملائِكَةَ لتَضعُ أجنحتَها لطالِبِ العلمِ رضًا بما يصنعُ
"ހަމަކަށަވަރުން މަލާއިކަތުން، ޢިލްމު އުނގެނޭ މީހާއަށް ރުހިވަޑައިގެން، އެ މީހާ ކުރާ ކަންތަކާމެދު ހިތްހަމަޖެހިވަޑައިގެން، އެ ބޭކަލުންގެ ފިޔަތައް ތިރިކުރައްވައެވެ."
ޔަޤީންކުރާށެވެ، ހަމަކަށަވަރުން ތިބާ ﷲ އަށް އިޚްލާޞްތެރިވާ ހިނދު ﷲ ރުހިވޮޑިގަންނަވައެވެ. ސުބުޙާނަﷲ! މިއީ ޙަޤީޤަތުގައިވެސް ވަރަށް މަތިވެރި ޝަރަފެކެވެ.